ރައީސް މައުމޫން ކުރައްވަންވީ ކަމަކީ ރައީސް ޔާމީން ގެންނަވާ ތަރައްގީއަށް ސަޕޯޓްކުރުން: ސައީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރައްވަންވީ ކަމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެއަށް ގެންނަވާ ތަރައްގީއަށް އަންތަރީސްވެ ރައީސް ޔާމީނަށް ސަޕޯޓް ކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ރ. މީދޫގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސް މައުމޫންގެ 30 އަހަރު ދުވަހުގެ ތެރޭގައި ގެނެސްދީފައިނުވާ ވަރަށް ފާއިތުވި ތިން އަހަރު ރައީސް ޔާމީން ވަނީ ތަރައްގީ ގެންނަވާފައި ކަމަށެވެ. "މާފު ކުރައްވާ ރައީސް މައުމޫން. މަނިކުފާނުު ދެން މި ގައުމީ ވާހަކަ ދައްކަވަން މިހާރު 30 އަހަރު ހަމަވެ އެ ދިޔައީ. އަޅުގަނޑުމެން ވަރަށް އިހްތިރާމް ކުރަން ރައީސް މައުމޫނަށް. އެހެންވީމާ މަނިކުފާނު ވެސް ކުރަންވީ ކަމަކީ މަޑުމަޑުން ހުންނަވައިގެން މިގައުމުގައި މިހާރު މި އަންނަ ތަރައްގީ އާދޭތެރޭ އަންތަރީސްވެ، މި ގައުމު ކުރިޔަށް ގެންދާ ދުވެލީގައި ރައްޔިތުންނަށް ފޯރިދީ، ރައީސް ޔާމީނަށް ސަޕޯޓްކޮށް ރައީސް ޔާމީނަށް ސަޕޯޓް އިރުތުކުރުމަށް ޓަކައި މަސައްކަތް ކުރަންވީ،" ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ މިވަގުތު މުޅި އޭޝިއާގައި އޮތް ނިސްބަތުން އެންމެ ކުރިއަރަމުން އަންނަ އިގްތިސާދު އޮތީ ރާއްޖޭގައި ކަމަށެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ހަމައެކަނި ރ. މީދޫއަށް ބަލައިލިޔަސް އެރަށުގައި ގާތްގަޑަކަށް 120 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް މި ތިން އަހަރު ދުވަހުގެ ތެރޭގައި ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. "މިރަށުގެ އާބާދީގެ ކޮންމެ ބޮލަކަށް 80،000 ރުފިޔާގެ ޕްރޮޖެކްޓް މި ތިން އަހަރުތެރޭގައި އެބަ ހިންގޭ. މި އީ 30 އަހަރު ތެރޭގައި ވެސް ރައީސް މައުމޫނަށް ނުކުރެއްވުނު ކަމެއް،" ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެ ކުރިމަގު ބައްޓަން ކުރާނޭ ވިސްނުން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުުޅުގައި ހުންނެވީ ދިވެހި ތާރިޚު ދައްކަދިން އެންމެ ހިންގުންތެރި އެންމެ އޯގާތެރި ސާދާ ފަސްޓްލޭޑީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ