އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ
އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ފަށައިފިއެވެ. އެޗްއާރްސީއެމްގެ އިންފޮމޭޝަން އޮފިސަރު ހައްވާ ވަޖުދާ ގާސިމް މިއަދު "ސަން" އަށް ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ އެކޮމިޝަނުން ތަހުގީގު ކުރަން ފަށާާފައިވަނީ ކޮމިޝަނުގެ އިސް ނެގުމުގެ މަތިން ކަމަށާއި ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު މިވަގުތު ދެވެން ނެތް ކަމަށެވެ. އަބްދުﷲ ރަޝީދު މަރުވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާގެ މަރުގެ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލު އޮތްކަމަށް އޭނާގެ އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ. އާއިލާއިން ބުނީ އަބްދުﷲ ރަޝީދުގެ ބަލިހާލު ބޮޑުވުން ވެސް ފަރުވާ ނުދީ ލަސްކޮށްފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާލު އެބައޮތް ކަމަށެވެ. އަބްދުﷲ ރަޝީދުގެ މަރާ ގުޅިގެން ކަރެކްޝަންސް އިން މީގެ ކުރިން ބުނެފައި ވަނީ އެއްވެސް ގައިދީއަކަށް ލިބިދޭން ޖެހޭ ހައްގެއް ލިބުމުގައި ތަފާތުކުރުން ގެންގުޅިފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ