އެވިޑް ކޮލެޖް ސަގާފީ ޢީދުގައި ހިމެނޭ ސަގާފީ ކުޅިވަރު މުބާރާތް މޫސުން ގޯސްވުން ފަސްކޮށްފި

"ވަގުތު" އިން އިންތިޒާމް ކޮށްގެން ލ.ގަމުގައި މިއަހަރުގެ އަޞްހާ ޢީދު ފާހަގަ ކުރުމަށް ކުރިއަށް ގެންދާ "އެވިޑް ކޮލެޖް ސަގާފީ ޢީދު" ގައި ހިމެނޭ ސަގާފީ ކުޅިވަރު މުބާރާތް މޫސުން ގޯސްވުމުން ފަސްކޮށްފިއެވެ.
ސަގާފީ ކުޅިވަރު މުބާރާތް ބާއްވަން މީގެ ކުރިން ކަނޑައެޅި ވަގުތުތަކުގައި އެހަރަކާތް ކުރިއަށް ގެންދެވޭ ގޮތް ނުވީ ލ.ގަމަށް ބޯކޮށް ވާރޭ ވެހި ވަރަށް ބޮޑަށް މޫސުން ގޯސްވުމުންނެވެ.
މިކުޅިވަރު މުބާރާތް ބާއްވަން މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަވީރު ލ.ގަން ތުނޑީ އަވަށު ފުޓްބޯޅަ ދަނޑުގައެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ސަގާފީ ކުޅިވަރު މުބާރާތް ފަސްކުރަން ޖެހުނު ނަމަވެސް މުބާރާތުގައި ބައިވެރިވި ޓީމްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ވާރޭ ވެހޭތީ އެންމެ ފަހު ވަގުތު މުބާރާތް ފަސްކުރަން ޖެހުން އެއީ ޓީމްތަކަށް ވެސް ދަތިވާނެ ކަމެއް. ނަމަވެސް ޓީމްތަކުން މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ދަނީ ލިބެމުން. އެކަމަށްޓަކައި ޓީމްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އޮފިޝަލް ވިދާޅުވިއެވެ.
ސަގާފީ ކުޅިވަރު މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 ރުފިޔާ އަދި ދެވަނަ އަށްދާ ޓީމަކަށް 20000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އަތޮޅު ތެރޭގެ ރަށެއްގައި ބާއްވާ އެންމެ އަގުބޮޑު ސަގާފީ ކުޅިވަރު މުބާރާތެވެ.
އެވިޑް ކޮލެޖް ސަގާފީ ޢީދުގައި ހިމެނޭ އަންހެނުންގެ ވޮލީ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދަން ވެސް މޫސުން ގޯސްވުމުގެ ސަބަބުން ދަތިތައް ދިމާވެ ޝެޑިއުލަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މިމުބާރާތުގައި ރޭ ކުޅުމަށް ހަމަޖެހުނު މެޗްތައް މޫސުން ގޯސްވުމުން ވަނީ މިރެއަށް ފަސްކޮށްފައެވެ.
ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނައަޕް ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"ވަގުތު" އިން ބުނީ ވޮލީ މުބާރާތް ކުރިއަށް ގެންދިއުމަށް ވެސް ވޮލީ ޓީމްތަކުންނާއި ފުލުހުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ވޮލީ ޓީމްތަކުން ވެސް އަޅުގަނޑުމެންނަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް އެބަދެއްވާ. އެކަމަށްޓަކައި ޓީމްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ފުލުހުންގެ ފަރާތުން ވެސް މުބާރާތައް ވަރަށް ބޮޑު އެއްބާރުލުމެއް އެބަލިބޭ. އެހެންކަމުން ލ.ގަން ޕޮލިސް ސްޓޭޝަނަށާއި ލ.އަތޮޅު ޕޮލިސް ކޮމާންޑަށް އަދި ޑިވިޝަން ކޮމާންޑަރަށް ޝުކުރު ދަންނަވަން." އޮފިޝަލް ވިދާޅުވިއެވެ.
"ވަގުތު" އިން ލ.ގަމުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ގޯޅި ސްޕޯޓްސް އާއި ގުޅިގެން ލ.ގަން ކައުންސިލްގެ ވެސް އެހީތެރިކަމާއި އެކު ގަމުގައި ޢީދު ފާހަގަ ކުރަން ވަނީ ވަރަށް ގިނަ ކުޅިވަރު މުބާރާތްތައް ބާއްވާފައެވެ. އޭގެތެރެއިން ގިނަ ކުޅިވަރުތައް މިހާރު ވަނީ ނިމިފައެވެ.
ލ.ގަމުގައި ބާއްވާ އަޟްހާ ޢީދުގެ ހަރަކާތްތަކުގެ ޓައިޓަލް ސްޕޮންސަރަކީ އެވިޑް ކޮލެޖްއެވެ. މޭޖާ ސްޕޮންސަރަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަޜޭޝަން (ވެމްކޯ) އެވެ. ކޯ-ސޮޕްންސަރުންނަކީ އެސްޓީއޯ އާއި މޯލްޑިވް ގޭސް އާއި ހޮޓެލް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ