ބްރޯޑްކޮމްގެ މެމްބަރު ޒޭނާ، ރަައީސްގެ އިވެންޓް އިންތިޒާމް ކުރަން!

އުމުރުން ދުވަސްވީ މީހުންނާ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައްދަލުކުރައްވަން ރޭ ރަސްފަންނުގައި ބޭއްވި ހަފުލާ އިންތިޒާމް ކުރުމުގެ ކަންކަމުގައި ބްރޯޑްކާސްޓިން ކޮމިޝަން، (ބްރޯޑްކޮމް) ގެ މެމްބަރު ފާތިމަތު ޒޭނާ ފާޅުގައި އުޅުއްވައިފި އެވެ.
ރާއްޖެ ޓީވީން އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުން ޒޭނާ ވަނީ ހަފުލާއަށް ދިޔަ މީހުން ތިބޭނެ އިންތިޒާމް ހަމަޖެއްސުމުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ. އެގޮތުން މީހުން ތިބޭ ގޮތް ތަރުތީބުކުރަން ޖަހާ ނަމްބަރުތައް ހިފައިގެން އޭނާ އުޅުއްވި މަންޒަރު ފެނެ އެވެ.
ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއްގެ ހައިސިއްޔަތު ދީފައި އޮތް ބްރޯޑްކޮމްގެ މެމްބަރަކު ސަރުކާރުގެ އިވެންޓެއް އިންތިޒާމްކުރުމުގައި އެގޮތަށް އުޅުއްވުމުން، އެތަނަށް ސަރުކާރުގެ ނުފޫޒު ފޯރާފައިވާ މިންވަރު އެނގޭ ކަމަށް، ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ބްރޯޑްކޮމް އިން މި ފަހުން ވަނީ ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެންމެ ފަހުން ބައި މިލިއަން ރުފިޔާ އިން ޖޫރިމަނާކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ދައްކައިގެންނެވެ. އޭގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވަނީ ރައްޔިތުން ނުކުމެ ރައީސް ޔާމީން އެ މަގާމުން ދުރުކުރުމަށެވެ.
Broadcasting commission member Zeyna seen busily making arrangements at an event held by the president yameen tonight. pic.twitter.com/AuzCWFbSYm— RaajjeTV (@Raajje_tv) October 9, 2017
ރޭގެ އިވެންޓް އިންތިޒާމް ކުރުމަށް ޒޭނާ ހަރަކާތްތެރިވާ ވީޑީއޯ--ޒޭނާ ވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައިފަ އެވެ. ބްރޯޑްކޮމްގެ މެމްބަރަކަށް އޭނާ ހަމަޖެއްސީ ވެސް އޭގެ ސަބަބުން ކަމަށް އޭރު އެތައް ބަޔަކު ވާހަކަދެއްކި އެވެ.
މިނިވަން މުއައްސަސާއެއްގެ މެމްބަރަކަށް ހުންނަވައިގެން ސަރުކާރުގެ ހަފުލާއެއް އިންތިޒާމްކުރުމުގައި އުޅުއްވީ ކީއްވެގެންތޯ ސާފުކުރަން ޒޭނާއާ ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި މެސެޖްތަކަށް ވެސް ޖަވާބެއް ނުދެއްވި އެވެ.
ގާނޫނީ ގޮތުން މިނިވަން ތަނެއް ގޮތަށް ކަނޑައަޅާފައިވާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ވެސް ސަރުކާރުގެ ހަފުލާތަކުގައި އަމަލީ ގޮތުން އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން ރޭގެ ހަފުލާގައި ރައީސް ޔާމީންނަށް ތައުރީފްކުރައްވައި ވާހަކަ ވެސް ދެއްކެވި އެވެ.
ޒޭނާގެ އިތުރުން މިހާރު ބްރޯޑްކޮމްގައި ހިމެނޭ ބައެއް މެމްބަރުން ވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ