ހަތަރު ދުވަހަށް ފަހު އަލިފުއްޓަށް ކަރަންޓުގެ ހިދުމަތް ދީފި

ހަތަރު ދުވަހަށް ފަހު ރ. އަލިފުއްޓަށް މިއަދު ކަރަންޓުގެ ހިދުމަތް ދީފިއެވެ.
މިދިޔަ އަންގާރަ ދުވަހު ކަރަންޓު ކެނޑުނު އަލިފުއްޓަށް ކަރަންޓު ދީފައިވަނީ އިއްޔެ އެރަށަށް ގެންދިޔަ 600 ކިލޯވޯޓުގެ ޖަނެރޭޓަރާއި ކުރިން އެރަށުގައި ބޭނުންކުރަމުން ދިޔަ 400 ކިލޯ ވޯޓުގެ ޖަނެރޭޓަރު ގުޅުމަށްފަހު މިއަދު ހެނދުނު 6:00 ކަންހާއިރު އެވެ.
އާބާދީގައި 2800 މީހުން ދިރިއުޅެމުން އަންނަ އަލިފުށީގައި ކުރިން ވެސް 600 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 400 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ހުރެ އެވެ.
އަލިފުށިން ކަރަންޓު ކަނޑައިގެންދިޔައީ 600 ކިލޯ ވޯޓުގެ ޖަނަރޭޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ނެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި 200 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް އެރަށަށް ގެންދިޔަ ނަމަވެސް އެ ޖަނެރޭޓަރުގެ ޕެނަލް ބޯޑު ސިންކްރޮނައިޒް ނުވުމުގެ ސަބަބުން ކަރަންޓު ގެ މައްސަލަ ހައްލު ކުރެވޭ ގޮތެއް ނުވިއެވެ.
ފާއިތުވި 4 ދުވަހު އަލިފުށީ ރައްޔިތުން އުޅުނީ ވޭނާއި ހިތްދަތި ކަމުގައި , މަގުމަތީ ނިދައިގެން ނަމަވެސް ރަށަށް ކަރަންޓުގެ ހިދުމަތް ދިނީ އަލިފުށީ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ.
އެގޮތުން އަލަށް ގެނައި ޖަނެރޭޓަރު އެރަށު ބޯޓު ޔާޑު ސަރަހައްދުން ފެށިގެން އިންޖީނުގެއާ ހަމައަށް ގެންދިޔައީ ރައްޔިތުންގެ ބުރަ މަސައްކަތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ