ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން އަމަލުކުރީ އާންމު އުސޫލާ ހިލާފަށް: ވަކީލުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަމަލުކޮށްފައިވަނީ އާންމު އުސޫލުން އަމަލުކުރާ ގޮތަށް ނޫން ކަމަށް ނަޝީދުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ. ހައި ކޯޓުގެ ހުކުމް އިސްތިއުނާފްކުރަން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދުވަހު އެ ކޯޓުން ވަނީ އެ މައްސަލައިގެ ލިޔުންތައް ބަލައިނުގެންފަ އެވެ. ސަބަބެއްގެ ގޮތުގައި އެ ކޯޓުން ބުނެފައިވަނީ ވަކީލުން ހަމަޖެއްސިކަމުގެ ލިޔުމާއި ވަކީލު އެކަން ބަލައިގަތްކަމުގެ ލިޔުމުގެ ހަތް ކޮޕީ ނެތް ކަމަށް ބުނެ އެވެ. ނަޝީދުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޔޫތު މިނިސްޓަރު ހަސަން ލަތީފް މިއަދު ވިދާޅުވީ މީގެ ކުރިން ވެސް އެހެން މައްސަލަތަކުގައި އެފަދަ ލިޔުންތަކުގެ އެންމެ ކޮޕީއެއް ހުށަހެޅުމުން އެ މައްސަލައެއްގެ ލިޔުންތައް އެ ކޯޓުން ބަލައިގެންފައި އެބަހުރި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ލިޔުންތަކުގެ ހަތް ކޮޕީ ނެތްކަމަށް ބުނެ ބަލައިނުގަނެ ތަފާތު ގޮތަކަށް އަމަލުކުރާ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަތް ކޮޕީ ބޭނުންވާ ކަމަށް ބުނުމުން ހަތް ކޮޕީ ހައްދައިގެން ގެންނަނީ ކަމަށް ބުނުމުން ވެސް ކައުންޓަރު ބަންދުވެފައިވާ ކަމަށް ބުނެ އެ ލިޔުންތައް ބަލައިގެންފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފްކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ހަސަން ވިދާޅުވި އެވެ. ހަސަން އެ ގޮތަށް ވިދާޅުވިއިރު ނަޝީދުގެ ޝަރީއަތް ހުޅުމާލޭ ކޯޓުގައި ފެށުމަށް މާދަމާ އަށް ވަނީ ތާވަލްކޮށްފަ އެވެ. ނަމަވެސް ނަޝީދު މި ވަގުތު ހުންނެވީ އިންޑިއާގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ނަޝީދު މާލެ ވަޑައިގަންނަވާނެ އެވެ. ނަޝީދު ހައި ކޯޓަށް ހުށަހަޅުއްވާފައިވަނީ ހުޅުމާލޭ ކޯޓުން ނިންމި އިޖްރާއީ ނިންމުންތަކެކެވެ. ނަމަވެސް ހައި ކޯޓުން ވެސް ހުކުމްކޮށްފައިވަނީ އެ އިޖްރާއީ ނިންމުންތަކަށް ތާއީދުކޮށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުންނެވެ. އެ ކުށް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ނަޝީދަށް އަތުވެއްޖެ ނަމަ ކުރިއަށް އޮތް ރިއާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ގެއްލޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ