ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނަށާ، ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް ޖޭޕީގެ ވެރިކަމެއްގަ މިހާރަށްވުރެ ބޮޑު މުސާރަ ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ ރޭ ހދ. ނެއްލައިދޫގައި ބޭއްވި ޖަލްސާގަ ވާހަކަފުޅު ދައްކަވަމުންނވެ.
ޤާސިމް ވިދާޅުވީ، އެ ދެ ދާއިރާގެ މުވައްޒަފުންނަކީ ރާއްޖެއަށް އެންމެ ބޭނުން އެއް ޚިދުމަތް ދޭ ފަރާތްތައް ކަމަށާ، އެއީ ދެވަނަ ދަރަޖައިގަ ތިބޭ ބަޔަކަށް ޖޭޕީގެ ވެރިކަމެއްގައި ނުހަދާނެ ކަމަށެވެ. ޓީޗަރުންނަށާ، ސިއްހީ ދާއިރާގެ ފަރާތްތަކަށް މުސާރަ ނުދެވެނީ، ބަޖެޓްގައި ފައިސާ ނެތިގެން ކަމަށް ބުނިނަމަވެސް ޖޭޕީގެ ވެރިކަމެއްގައި ފައިސާ ހޯދޭނެ ގޮތްތައް ފަހިކޮށް އެފަރާތްކަށް ހަމަ މުސާރަ ދެއްވާނެ ކަމަށް ގާސިމް ވައުދުވެ ވަޑައިގެންނެވި އެވެ. އަދި ވިދާޅުވީ ޖޭޕީގެ ވެރިކަމެއްގަ މިހާރު ޓީޗަރުންނަށް ލިބޭނީ 12،000ރ. ނޫނަ ކަމަށެވެ.
"މިހާރު ޓީޗަރުންނަށް މި ލިބެނީ، އެންމެ ބާރަ ހާސް ރުފިޔާ. އެކަމަކު އެހެން ވަޒީފާތައް އަދާކުރާ ބައެއް މުވައްޒަފުންނަށް އެބަލިބޭ 17،000ރ. ނޫނީ 18،000ރ. އަޅުގަނޑުގެ ވެރިކަމެއްގައި އިރާދަ ކުރެއްވިއްޔާ ހުރިހާ ޓީޗަރުންނަށާއި، ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް މިހާރަށްވުރެ ބޮޑު މުސާރައެއް ދޭނަން. އެމީހުންނަކީ ދެވަނަ ދަރަޖައިގަ ތިބޭ ބަޔަކަށް ވިޔަކަ ނުދޭނަން. މިއީ ޖޭޕީގެ ވެރިކަމެއްގަ ކޮށްދޭނެ ކަމެއް،" ޤާސިމް ވިދާޅުވިއެވެ.
ޖޭޕީގެ ވެރިކަމެއްގަ އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވިޔަ ނުދޭނެ ކަމަށާއި ރާއްޖެ އަމާން ތަނަކަށް ހެދުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެގޮތުން ޚިޔާނަތްތެރިވާ އެންމެންނަށް، ޖޭޕީގެ ވެރިކަމެއްގަ ހައްޤު އަދަބު ދެއްވާނެކަމަށް ކުރިން ވެސް އެމަނިކުނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހަށް އަލިއަޅުވާލައްވާ ގާސިމް ވިދާޅުވީ، މިހާރު ޖޭޕީގެ އުތުރު ދަތުރުގައި އެމްޑީޕީގެ ގިނަ ކައުންސިލަރުންތަކެއް ޖޭޕީ އާ ގުޅެމުންދާތީ، އަތޮޅުތަކުގަ ތިބީ މޮޔައިން ނޫންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.
"މުޅިން އޮޅުވާލަނީ ނަޝީދު ރައްޔިތުންނަށް، ރަށްރަށަށް ގޮސް މި ވިދާޅުވަނީ، ފަސް ކައުންސިލަރުން ހަމަކުރައްވާށޭ އޭރުން މިވެނި އެވެނި ކަމެއް ކޮށްދޭނަމޭ. ނުކޮށްދޭ އިނގޭތޯ! އޭނާ ހީކުރަނީ އަތޮޅުތަކުގެ ރައްޔިތުންނަކީ، މޮޔައިންނޭ ބުނިހާ އެއްޗެއް ޤަބޫލުކޮށްގެން ތިބޭނޭ. މިއަދު އެބޭފުޅުންނަށް އެނގިލައްވާނެ ނަޝީދު ހައްދަވަނީ ދޮގުކަން، އެހެންވެ އެބޭފުޅުން އެތިއްބެވީ ރަށަށް ތަރައްޤީ ގެނެވޭނެ ބައެއްގެ ފަހަތުގައި،" ޤާސިމް ވިދާޅުވި އެވެ.
ޖޭޕީގެ ވެރިކަމުގައި ތައުލީމާއި ސިއްހީ ދާއިރާގެ މީހުންނަށް ބޮޑު މުސާރަ ލިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ