ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމަން: ރައީސް މައުމޫން

ޕީޕިއެމްގެ ފަރާތުން އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާ މެދު އަދިވެސް ވަކި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމާ މެދު ގޮތެއް ނިންމުމަށް އަދި މާ އަވަސް ކަމަށެވެ. އަދި އެ ކަމާމެދު ގޮތެއް ނިންމުމަކީ "މާ ފަހުގެ" ކަމެއް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ޕްރައިމަރީގެ ކުރިން މި އަންނަނީ ގައުމީ ޖަލްސާ، ޖެނުއަރީ މަހުގެ ތެރޭގައި. ފުރަތަމަ ގައުމީ ޖަލްސާގަ ދާއިމީ މަގާމުތަކަށް ބޭފުޅުން އިންހާބުކުރުން އޮންނާނެ. ދެން އަސާސީ ޤަވާއިދަށް ގެންނަންޖެހޭ ބަދަލެއް ވިއްޔާ ގެންނައުންވެސް އޮންނާނެ. މި ކަންތައްތައް ނިންމުމަށް ފަހުގަ އޮންނާނީ ޕްރައިމަރީ. އެހިސާބަށް ދިޔައީމަ އެނގޭނީ ކަންތައްކުރަންވި ގޮތް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޕީޕީއެންގެ ޕްރައިމަރީ ވެގެންދާނީ ވަރަށް އިންސާފުވެރި ހަމަހަމަ ޕްރައިމަރީއަކަށް ކަމަށެވެ. އަދި އެ ޕްރައިމަރީގައި ބައިވެރިވާ އެއްވެސް ބޭފުޅަކަށް ފާޅުގައި އަދި ސިއްރުގައިވެސް ތާއީދު ނުކުރައްވާނެ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"އަޅުގަނޑު މި ހުރި މަގާމުގެ ގޮތުން އެއްވެސް ބޭފުޅަކަށް ފާޅުގައިވެސް އަދި ސިއްރުގައިވެސް ތާއީދެއް ނުކުރާނަން. ނުވަތަ ތާއީދު ކުރާކަމެއް ނުއެއް ދަންނަވާނަން. އެއީ އަޅުގަނޑު ދެކޭގޮތުގައި މި ޕްރައިމަރީ ވާންޖެހޭނީ ވަރަށް އިންސާފުވެރިކޮށް ވަރަށް ޓްރާންސްޕޭރެންޓްކޮށް ވަރަށް ރަނގަޅަށް ހިނގާ އިންތިހާބަކަށް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި ވާއިރު ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި އެ ޕާޓިގެ ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސްއެއް ކަމަށްވާ އުމަރު ނަސީރުއެވެ. އުމަރު ވިދާޅުވެފައިވާގޮތުން ޕްރައިމަރީގައިވާދަކުރައްވާނީ ޔާމީނާއި އުމަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ