ކޯލިޝަން ނުހަދާވެސް އިންތިހާބު ކާމިޔާބު ކުރެވިދާނެ: މައުމޫން

އެއްވެސް ޕާޓީއަކާއި ކޯލިޝަން ނުހަދާވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރެވިދާނެ ކަމަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވީ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ޔާމިންއަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބުމަކީ އެހެން ޕާޓީ ތަކުން ކޯލިޝަން ނުހަދާނެ ސަބަބެއް ނޫން ކަމަށެވެ.
މައުމޫން މިފަދައިން ވާހަކަފުޅު ދައްކަވާފައި މިވަނީ ނިމިގެންދިޔަ ރިޔާސީ ޕްރައިމަރީގައި އަބްދުﷲ ޔާމިންއާއި ވާދަކުރެއްވި އުމަރު ނަސީރުގެ ކެމްޕޭނުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުވާނީ ސިޔާސީ ޕާޓީ ތަކާއި ކޯލިޝަން ހަދައިގެން ކަމަށާ، ޔާމިން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އޭނާއާއިއެކު އެއްވެސް ފަރާތަކުން ކޯލިޝަން ނުހަދާނެ ކަމަށް އުމަރު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ.
މައުމޫން ވިދާޅުވީ ޔާމިންއާއިއެކު ކޯލިޝަން ހަދާނެ ޕާޓީތަކެއް ނެތް ކަމަށް ބުނާ ވާހަކަތަކަކީ ރަގަޅު ވާހަކަތަކެއް ނޫން ކަމަށާ، ކޯލިޝަނަކާއި ނުލާ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބެލެވުނަސް ކޯލިޝަން ހަދަން ބޭނުންވާ ޕާޓީ ތަކަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޕީޕީއެމްއަކީ އާއިލީ ވެރިކަމެއް އޮތް ޕާޓީއެއް ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން މައުމޫން ވިދާޅުވީ އާއިލީ ވެރިކަމަކަށް ނުބަލާ ކަމަށާ، ޤައުމަށް ހިދުމަތް ކުރުމުގައި ބަލަނީ ތަޖުރިބާއާއި ޤާބިލް ކަމުގެ މައްޗަށް ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީއާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ އެޕާޓީގެ ޕްރައިމަރީއަށްފަހު ޕީޕީއެމްއަކީ ޒިންމާދާރު ތަސައްރަފު ފުދިފައިވާ މެމްބަރުން ތިބި ޕާޓީއެއްކަން ސާބިތުކޮށްދީފައިވާ ކަމަށާ، އެފަދަ ޕާޓީއެއްގެ ރައީސްކަމުގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރުއާއި ގުޅޭގޮތުން މައުމޫން ވިދާޅުވީ ޕްރައިމަރީގެ ނަތީޖާ އިއުލާނު ކުރަން ފެށުމުން އުމަރު މައުމޫންއަށް ގުޅުއްވާ ބަލި ގަބޫލުކުރެއްވި ކަމަށާ، ސާބިތުކަމާ އެކު ޕާޓީއާއިއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
ރިޔާސީ ޕްރައިމަރީގައި ޕީޕީއެމްގެ އާންމު މެންބަރުން ދައްކުވައިދިނީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށް ވިދާޅުވެ މައުމޫން ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އާންމު މެންބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ހިޓާޗީ ބްރޭންޑްގެ އާ އައިސް އަލަމާރިއެއް އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
ރޭ ސޯސަލް ސެންޓަރ ގައި އޮތް އިންޓަ ކޮލެޖް/ ޔުނިވާސިޓީ ބާސްކެޓް ބޯޅަ މުބާރާތުގެ ފައިނަލް މެޗްގެ ހާފް ޓައިމް ގައި ބޭއްވި މި ޕްރޮޑަކްޓް ތަޢާރަފްކުރުމުގެ ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ އެސްޓީއޯގެ ސޭލްސް އެންޑް މާކެޓިން ގެ ޖެނެރަލް މެނޭޖާ އާދަމް އާޒިމް އެވެ.
މިޕްރޮޑަކްޓަކީ މުޅިން އާ ޑިޒައިނަކަށް ތައްޔާރު ކޮށްފައިވާ ބިއްލޫރިން ފަރުމާކޮށްފައިވާ ޑިޒައިން އެކުލެވޭ، ތިން ކުލައިގައި ލިބޭ އައިސް އަލަމާރިއެކެވެ. ހުދު، ކަޅު އަދި ބްރައުން ކުލައިގައި ލިބޭ މި އައިސް އަލަމާރީގެ ގަނޑުކުރާބައި ހުންނަނީ ތިރީބައިގަ އެވެ. މި އަސިސް އަލަމާރި އަކީ ޚަރަދު ކުޑަ ކުރާގޮތައް ތައްޔާރު ކޮށްފައިވާ ތަފާތު ގިނަ އިތުރު ކަންކަން އެކުލެވޭ މޮޅު އައިސް އަލަމާރިއެކެވެ. މީގެ ތެރޭގައި އާ ސްމާޓް ވެޖް ކޮމްޕާޓްމަންޓެއްގެ އިތުރުން ޓަޗްސްކްރީން އަކާއި މޫވަބަލް އައިސް ޓްރޭ އެއް އެކުލެވެއެވެ. އޭގެ ތެރޭގައި ސްމާޓް ވެޖް ކޮމްޕާޓްމަންޓް އަކީ ގިނައިން ތަރުކާރީގެ ބާވަތްތައް ގިނަދުވަހު ބެހެއްޓޭ ގޮތައް ތައްޔާރު ކޮށްފައިވާ ކޮމްޕާޓްމަންޓެކެވެ. މި އައިސް އަލަމާރިން ބެނުންކުރެވޭ ދެމޯޑް އިން މޯޑަކަށް ބަދަލު ކޮށްލުމަށް ފަސޭހަކަމާއި އެކު ދޮރުފަތުގައި އެކުލެވިފައިވާ ޓަޗް ސްކްރީނުން ބަދަލުކޮށްލެއެވެ.
އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ޕްރޮޑަކްޓްތައް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުންނާއި އެސްޓީއޯގެ ރީޖަނަލްސް އިން ލިބެން ހުންނާނެއެވެ. އޭގެ އިތުރުން މި ޕްރޮޑަކްޓް އެސްޓީއޯގެ ފްރީ ޑެލިވަރީ ގެ ދަށުން ހިލޭ ގެއައް ގެންގޮސް ދިނުމުގެ ޚިދުމަތްވެސް ލިބޭނެއެވެ. އަދި މީގެ އިތުރުން 1.5 އަހަރުގެ ސާރވިސް ވޮރެންޓީއާއި ފަސް އަހަރު ދުވަހުގެ ކޮމްޕްރެސާ ވޮރެންޓީ ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ