ދިރާސާތައް ވަނީ ސިޔާސަތުތަކަށް ބަދަލުކުރަންޖެހިފައި: އެންވަޔަރަމަންޓް މިނިސްޓަރު

ރާއްޖޭގެ ސަރަހައްދަށް އާންމުކޮށް އިރުވައި މޫސުމުގައި އަރަމުންދާ މުށި ވިލާގަނޑު (އެޓްމޮސްފެރިކް ބްރައުން ކްލައުޑްސް)އާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް މިހާރު އެއްކުރެވިއްޖެ ކަމަށާއި އެ ދިރާސާތައް މިހާރު ވަނީ ސިޔާސަތުތަކަށް ބަދަލުކުރަންޖެހިފައި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިއަދު ވިދާޅުވެއްޖެ އެވެ. މުށި ވިލާގަނޑާ ބެހޭ ގޮތުން "ސްޓޭކްހޯލްޑާސް ކޮންސަލްޓޭޝަން އޮން ޕްރޮޖެކްޓް އޭބީސީ އެންޑް އެއާ ޕޮލިއުޝަން"ގެ ނަމުގައި މޫކައި ސުއިޓްސްގައި މިއަދު ކުރިއަށްދާ ދުވަހުގެ މަސައްކަތު ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ ވަރަށް ގިނަ ގޮންޖެހުންތައް ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށާއި ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެ އިން އަބަދު ވެސް އަޑު އުފުލަމުން އަންނަ ކަމަށެވެ. އަދި ތިމާވެށީގެ ގޮތުން ރާއްޖެއަކީ ނާޒުކު ގައުމަކަށްވާ އިރު ތިމާވެށި ރައްކާތެރިކުރުމަށް ހިންގާ މިފަދަ މަޝްރޫއުތަކަށް ރާއްޖެއިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މުށި ވިލާގަނޑާ ބެހޭ ގޮތުން 2006 ވަނަ އަހަރު ހދ. ހަނިމާދޫގައި ވަނީ ސެންޓަރެއް ގާއިމުކޮށް ތަހުލީލުތަކެއް ކޮށްފަ އެވެ. މި ދިރާސާތަކުގެ މައިގަނޑު ބޭނުމަކީ މި ވިލާގަނޑުގެ ސަބަބުން ނުކުންނަ ތިމާވެށީގެ މައްސަލަތަކާއި ސިއްހީ މައްސަލަތަކުގެ އިތުރުން ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތައް ދެނެގަތުމެވެ. މުށި ވިލާގަނޑާ ބެހޭ ގޮތުން 2002 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުން މި ވިލާގަނޑުގެ ސަބަބަބުން ކުރިމަތިވާ ސިއްހީ އަދި ތިމާވެށީގެ މައްސަލަތަކުގައި އިންޑިއާގައި އެކަނި ވެސް އަހަރަކު ދެ މިލިއަން މީހުން މަރުވެ އެވެ. މިއީ އިންޖީނާއި ފެކްޓަރީތަކުން ވައިގެ ތެރެއަށް ބޭރުވާ މާއްދާއެއްގެ ސަބަބުން އުފެދޭ ވިލާގަނޑެއް ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދައްކަ އެވެ. މިއަދު ފެށި ބައްދަލުވުމުގައި ރާއްޖޭގެ ކަމާ ބެހޭ ދާއިރާތަކާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ