2018 ގެ ވޯލްޑް ކަޕް ރަޝިއާގައި ނުބޭއްވުމަށް ޖަރުމަންގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލައިފި

ބާލިން (ޖުލައި 24) - ޔުކްރޭނުގެ މައްސަލަ ހޫނު ކުރަނީ ރަޝިޔާ އިން ކަމަށާއި އެހެންވެ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ނުބޭއްވުމަށް ޖަރުމަނުގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލައިފި އެވެ. ޔުކްރޭން މަތިން މެލޭޝިއާ އެއާލައިންސްގެ ބޯޓަކަށް މިސައިލް ހަމަލާދީ ވައްޓާލި ހާދިސާ އަށް ފަހު ޖަރުމަންގެ ސިޔާސީ ފަރާތްތަކުގެ އިތުރުން އިނގިރޭސި ވިލާތާއި ސްވިޑަން އިން ވެސް ބުނެފައި ވަނީ ވޯލްޑް ކަޕް ބޭއްވުމަށް ރަޝިއާ ނޫން ގައުމެއް އިޚްތިޔާރު ކުރަން ޖެހޭ ކަމަށެވެ. ޖަރުމަންގެ މެދުތެރޭގެ ހެސީ ސްޓޭޓުގެ އިންޓީރިއާ މިނިސްޓަރު ޕީޓާ ބެއުތު ވިދާޅުވީ މެލޭޝިއާ ބޯޓު ވައްޓާލި ހާދިސާ ތަހްގީގު ކުރުމުގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ފުރިހަމަ އެއްބާރުލުން ނުދެއްވާ ނަމަ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ ސީނިއާ މެންބަރެއް ކަމަށްވާ މައިކަލް ފަޗްސް ވިދާޅުވީ ރަޝިއާގެ ބަދަލުގައި ޖަރުމަނާއި ފްރާންސް އަދި އިޓަލީ އަށް ވަރަށް ފަސޭހަ އިން ވޯލްޑް ކަޕް ބޭއްވިދާނެ ކަމަށެވެ. "ވޯލްޑް ކަޕް މެޗުތައް ކުޅެވޭވަރުގެ ސްޓޭޑިއަމްތައް މި ގައުމުތަކުގައި މިހާރު ވެސް ހުރީ ތައްޔާރުކޮށްފައި،" އޭނާ ވިދާޅުވި އެވެ. ފަޗްސް ވިދާޅުވީ ރަޝިއާގައި ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ނުދިނުމަކީ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅަކަށް ވުރެ ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ. ކޮންޒަވޭޓިވް އެހެން މެންބަރެއް ކަމަށްވާ ސްޓެފަން މޭޔާ ވިދާޅުވީ ޔުކްރޭންގެ މައްސަލަ ހޫނު ކުރުމަށް ޕުޓިން މަސައްކަތް ކުރައްވާ ނަމަ އެންމެ ރަނގަޅު ގޮތަކީ ވޯލްޑް ކަޕުގެ ފުރުސަތު ރަޝިއާ އަތުން އަތުލުން ކަމަށެވެ. ނަމަވެސް ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ޖަރުމަން ފުޓުބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް ތިއޯ ޒްވަންޒިގާ ވަނީ މި ޚިޔާލުތަކާ ދެކޮޅު ހައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ކުޅިވަރުގެ ހަރަކާތްތައް ބޮއިކޮޓް ކޮށްގެން މިހާތަނަށް ހާސިލް ކުރެވުނު ކަމެއް ނެތް ކަމަށެވެ. "ވޯލްޑް ކަޕް ރަޝިއާ އަށް އެވޯޑްކޮށް، ކޮންޓްރެކްޓްތަކުގައި ސޮއިކޮށް އެކި ކަންކަމުގެ ރައިޓްސް ވަނީ ވިއްކާފައި،" އޭނާ ވިދާޅުވި އެވެ. ޖަރުމަން ސަރުކާރުގެ ތަރުޖަމާނަކު ވެސް ވިދާޅުވީ ވޯލްޑް ކަޕަށް އަދި ހަތަރު އަހަރު އެބައޮތް ކަމަށެވެ. މެލޭޝިއާ ބޯޓު ވައްޓާލި ހާދިސާގައި 193 މީހުން މަރުވި ނެދަލޭންޑްސް އިން ބުނެފައި ވަނީ މި ކަޅު ދުވަސްތަކުގައި ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވާހަކަ ދައްކަން އަވަސް ކަމަށެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް މެންބަރެއް ކަމަށްވާ ޓްރޭސީ ކްރައުޗް ވިދާޅުވީ ރައީސް ޕުޓިންގެ ބައެއް އާދަތައް ބަދަލު ކުރުމަށް ޕްރެޝަރު ކުރުމުގެ ގޮތުން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ރަޝިއާ އަތުން އަތުލަން ޖެހޭ ކަމަށެވެ. ސްވިޑަންގެ ސްޓޮކްހޯމްގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕާ ކާގެސަން ވިދާޅުވީ ވޯލްޑް ކަޕް ގެއްލުމަކީ ޕުޓިން އާއި ރަޝިއާ އަށް ވެސް ލިބޭނެ ވަރަށް ބޮޑު ދެރައަކަށްވާނެ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ