ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ހުއްޓާލަން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
މެލޭޝިއާގެ ނެކްސް ބިޒްއާ ހަވާލުކޮށްފައިވާ ބޯޑަ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ހުއްޓާލަން ހައި ކޯޓުން ނެރެފައިވާ ވަގުތީ އަމުރު އެ ކުންފުނިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލަން ހައި ކޯޓުން އަމުރުކުރީ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މަސައްކަތް ހުއްޓާލަން އެންގުމުގެ ބާރު އޭސީސީއަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އޭސީސީން ހައި ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިފައިވާ ގޮތަށް ހައި ކޯޓުން ނެރެފައިވާ އަމުރުގައިވަނީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން އެ މަޝްރޫއުގެ މަސައްކަތް ހުއްޓާލުމަށެވެ. ނެކްސްބިޒްގެ ވަކީލުންގެ ޓީމުގައި ހިމެނޭ އިސްމާއިލް ވިޝާމް ވިދާޅުވީ އެ އަމުރު އިސްތިއުނާފްކުރީ އެ މައްސަލައިގެ ހުކުމް ވީ އެންމެ އަވަހަކަށް އިއްވާނެ ކަމަށް ހައި ކޯޓުން ބުނި ނަމަވެސް އެ މައްސަލަ ނުނިމި ލަސްވާތީ މަޝްރޫއުގެ މަސައްކަތް ހުއްޓިފައިވުމުން ކަމަށެވެ. އޭސީސީ އަށް ރައްދުވާ ގޮތަށް ނެކްސްބިޒުން އިސްތިއުނާފަށް ހުށަހަޅާފައިވާ އެ މައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައިވެ އެވެ. ބޯޑަ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ހުއްޓާލަން ހައި ކޯޓުން އަމުރުކުރި އިރުވެސް އެ މަޝްރޫއުގެ ބޮޑުބައެއް ވަނީ ނިމިފަ އެވެ. ހައި ކޯޓުން ކުރިން ވެސް ވަނީ މި މަޝްރޫއުގެ މަސައްކަތް ހުއްޓާލަން އަމުރުކޮށްފަ އެވެ. ނަމަވެސް އޭރު ހައި ކޯޓުން އެ މައްސަލަ ބެލީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ކަނޑައަޅައި އެ ބެންޗުގެ އެންމެހައި ނިންމުންތަކާއި އަމުރުތައް ސުޕްރީމް ކޯޓުގެ މެންޑަމާސް އަމުރަކުން ބާތިލްކުރި އެވެ. އެހެންވުމުން އައު ބެންޗަކާއެކު އަލުން އެ މައްސަލައިގެ ޝަރީއަތް ފަށާ އަލުން އެ އަމުރު ނެރުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ 500 މިލިއަން ރުފިޔާގެ އަގު ބޮޑު އެ މަޝްރޫއު މި ސަރުކާރާއި ކުރީގެ ސަރުކާރުން ވެސް ވަނީ ދިފާއުކޮށްފަ އެވެ. ނަމަވެސް މިހާރުގެ ހޯމް މިނިސްޓަރު ޑރ. ޖަމީލާއި ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވަނީ އޭސީސީގެ އެންގުމަށް ތަބާވާންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ