ނަޝީދު ޖަލަށް ގެންދިޔަ މައްސަލަ ކޯޓުން ބަލައިނުގަތުމުން ފަނޑިޔާރުން މަޖިލީހަށް ހުށަހަޅައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޭ ބަންދުގައި ހުންނަވަނިކޮށް އަލުން ޖަލަށް ގެންދިޔަ މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ނަޝީދުގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ. ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދު ދެ މަހެއްހާ ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު ކަރެކްޝަނަލް ސާވިސުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެމަނިކުފާނު ކުއްލި ގޮތަކަށް ޖަލަށް ގެންގޮސްފަ އެވެ. ނަޝީދު އަލުން ޖަލަށް ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އެމަނިކުފާނު ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދި ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާ އެވެ. ރަޖިސްޓްރާގެ އެ ނިންމުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފްކުރަން މިދިޔަ ހޯމަ ދުވަހު ހުށަހަޅާފައިވާ ކަމަށް، ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައިވެ އެވެ. ވަކީލުން ބުނަމުންދަނީ ނަޝީދު ޖަލަށް ގެންދިޔައީ އެމަނިކުފާނުގެ ހުކުމުގެ ބާކީ އޮތް ބައި ގޭގައި ތަންފީޒުކުރާ ގޮތަށް ބަދަލުކޮށްފައިވާ ކަން އަންގައި ކަރެކްޝަނަލް ސާވިސުން ލިޔުމެއް ދީފައި ވަނިކޮށް ކަމަށެވެ. އެހެންވެ އެމަނިކުފާނު އަލުން ޖަލުގައި ބެހެއްޓުމަކީ ޣައިރު ގާނޫނީ ބަންދެއް ކަމަށް ވަކީލުން ބުނެފައިވެ އެވެ. ނަޝީދުގެ ވަކީލުންގެ ވާހަކަތައް ދޮގުކޮށް، ކަރެކްޝަނަލް ސާވިސުން ބުނެފައިވަނީ އެފަދަ އެއްވެސް ލިޔުމެއް ދޫކޮށްފައިނުވާނެ ކަމަށެވެ. އެހެންވެ އެ ލިޔުމުގެ މައްސަލަ ފުލުހުން ދަނީ މިހާރު ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ