ކާށިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލައްވާނީ ޖާބިރު ކަމަށް ކައުންސިލުން ނިންމައިފި

މުހައްމަދު ޖުނައިދު
ކާށިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރަށްވާނީ، އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ޖާބިރު ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ކާށިދޫ ދާއިރާގައި ހުރި އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިސްމާއިލް އަބްދުލް ހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުމުން، އެހުކުމަށް ހައި ކޯޓުން ތާއީދުކުރުމުގެ ސަބަބުން އެދާއިރާގެ ގޮޑި ހުސްވެފައިވާއިރު، މިގޮޑިއަށް އެހެން ޕާޓީއެއްގެ ޓިކެޓުގައި ކުރިތިލައްވާނެ އެއްވެސް ބޭފުޅެއް އަދި ޔަގީންވެފައެއް ނުވެއެވެ.
ކުރިން އެމްޑީޕީގައި ހުންނެވުމަށްފަހު، ދާދި ފަހުން ޖުމްހޫރީ ޕާޓީއަށް ބަދަލުވުމާއެކު، އެޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް އައްޔަނުކޮށްފައިވާ ޖާބިރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އެމަނިކުފާނުގެ ޓުރޭޑު ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ކާށިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ޖާބިރަކީ ކާށިދޫ ދާއިރާގެ ގޮޑިން އިސްމާއިލް އަބުދުލް ހަމީދު ބޭރުވެދާނެ ކަމަށް ބައްލަވައި ވަރަށް ކުރިންސުރެންވެސް އެގޮޑި ހޯއްދެވުމަށް މަސައްކަތް ފައްޓަވާފއަިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ