ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިއުލާން ކުރުން ފަސް ކުރަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ، ޖުމްހޫރީ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާގެ މައްސަލައާއި ގުޅިގެން، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުން ފަސްކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކުރުމަށް ފަހުކަމަށް ހައި ކޯޓުން މިއަދު ބުންޏެވެ.
ހައިކޯޓުގެ އެ ނިންމި ނިންމުމުގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލައަކީ "ރިޔާސީ އިންތިޚާބުގެ ގަވާއިދު 2013" އިގެ 17 ވަނަ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައިވާ ވޯޓުދިން މީހުންގެ ރަޖިސްޓްރީ ހޯދުން ކަމަށްވެފައި، އެ ޤަޒިއްޔާ އާއި ގުޅިގެން އެދިފައިވާ ވަގުތީ އަމުރަކީ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ދާއިމީ ނަތީޖާ އިޢުލާން ކުރުން ފަސްކުރުމުގެ އަމުރަކަށް ކަމަށްވާތީ، ހުށަހެޅިފައިވާ މައްސަލައަށާއި ވަގުތީ އަމުރަށް އެދިފައިވާ ސަބަބުތަކުގެ މައްޗަށާއި، ވަގުތީ އަމުރު ނެރުމާއި ވަގުތީ ފިޔަވަޅު އެޅުމުގައި ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ގަވާޢިދަށް ރިޢާޔަތްކޮށް ބެލުމުން، އެދިފައިވާފަދަ ވަގުތީ އަމުރެއް ނެރެންޖެހޭފަދަ ސަބަބެއް މިހިނދުން މިހިނދަށް ވުޖޫދުވެފައި އޮތްކަމަށް ފަނޑިޔާރުންނަށް ނުފެނުނު ކަމަށެވެ.
އެހެން ކަމުން ރިޔާސީ އިންތިޚާބު 2013 އިގެ ރަސްމީ ނަތީޖާ، ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި އިޢުލާން ކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ތަނެއް އޮތްކަމަށް މައްސަލަ ބަލާ ފަނޑިޔާރުންނަށް ނުފެނުނު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުން ފަހެއް ނުކުރެވޭނެ: ހުކުމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ