ޖުމްހޫރީ ގުޅުމުގެ މެންބަރުން އަދި ގޮތެއް ނުނިންމަން ގާސިމް އެދިވަޑައިގެންފި

ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން ޖުމްހޫރީ ޕާޓީން ޝަރުއީ މަރުހަލާއަށް ގެންގޮސްފައިވާ މައްސަލަތައް ނުނިމެނީސް ޖުމްހޫރީ ގުޅުމުގައި ހިމނޭ މެންބަރުން ސިޔާސީ ގޮތުން ގޮތެއް ނުނިންމަން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ބަޔާނެއް މެދުވެރިކޮށް ގާސިމް މިއަދު ވިދާޅުވީ މި ދަނޑިވަޅަކީ ކެތްތެރިކަން އިސް ކުރަންޖެހޭ ވަގުތު ކަމަށެވެ. އަދި އިންތިހާބާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ޝަރުއީ މަރުޙަލާ ނިމެންދެން، ސިޔާސީ ވަކި ނިންމުންތަކެއް ނުނިންމާ ޖުމްހޫރީ ގުޅުމުގެ ހުރިހާ މެންބަރުންނާއި އެ ގުޅުމަށް ތާއީދު ކުރާ އެތަކެއްހާސް ރައްޔިތުންނާއި އަލަށް އެ ގުޅުމަށް ތާއީދުކުރާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
"... ސެޕްޓެމްބަރުމަހު 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގައި، ގާނޫނާ ހިލާފު އެތައް ކަމަކާ، އަދި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަން ސާބިތު ހެއްކާއެކު ފާހަގަ ކުރެވިފައިވުމާއެކު، އިންތިހާބީ މައްސަލަތައް ބެލުމަށް ގާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތީން، ޖުމްހޫރީ ޕާޓީގެ ފަރާތުން މިހާރު މި ގެންދަނީ އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަމުންނެވެ." ބަޔާނުގައި ވެއެވެ. "އިންތިހާބާ ބެހޭ މައްސަލަތަކަކީ، ގާނޫނީ ހަމަތަކުގެ މަތީން ވަކި މުހުލަތެއްގެ ތެރޭގައި ބަލައި ނިންމަންޖެހޭ މައްސަލަތަކެއް ކަމަށް ވުމާއެކު، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅަމުން މިދާ މައްސަލަތަކުގެ ޝަރީއަތް މި ހަފުތާ ތެރޭ ފެށި، ދާދި އަވަހަށް އެ މައްސަލަތަކުގައި ޝަރީއަތުން ނިންމަވާ ގޮތެއް އެނގި ހާމަވެގެން ދާނެ އެވެ."
ގާސިމް ވިދާޅުވީ އިންސާފު ހޯދުމަށްޓަކައި ހުށަހަޅާ އެ މައްސަލަތައް ޝަރުއީ މަރުހަލާ ނުނިމެނީސް، ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ގުޅުމުގެ ފަރާތުން ދެން ކަންތައްކުރަންވީ ކިހިނެއްތޯ ނިންމުމަކީ ކުރެވިދާނޭ ކަމެއް ކަމަކަށް ޖުމްހޫރީ ޕާޓީއާއި ޖުމްހޫރީ ގުޅުމުގެ ލީޑާޝިޕަކުން ނުދެކޭ ކަމަށެވެ. އަދި ކޯޓުގެ ހުކުމް އަންނަ ގޮތަކުން ނަތީޖާއަށް ބޮޑެތި ބަދަލުތަކެއް އައުން ނުނީ އަލުން އިންތިހާބަކަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ