ބުއިންތައް ތައްޔާރުކުރާ މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ރެސްޓޯރަންޓްތަކުގައި ތަފާތު ބުއިންތައް ތައްޔާރުކުރާ މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް، ޔޫރޯ މާކެޓިންގެ ފަރާތުން އިއްޔެ ފަށައިފި އެވެ. ރާއްޖެ އަށް ރެޑް ބުލް އާއި ލަވާޒާ ބްރޭންޑްގެ ކޮފީ އެތެރެކޮށް ވިއްކާ ޔޫރޯ މާކެޓުން ބުނީ މި ޕްރޮގްރާމަކީ ދުނިޔޭގެ ބާޓެންޑަރުންގެ އެސޯސިއޭޝަނާ ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގަނީ ކެފޭއާ ރެސްޓަންޓާއި ބުލޫބޭ ރެސްޓޯރެންޓްގެ އިތުރުން އަލްފްރެސްކޯގަ އެވެ. އަދި މިއަދު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ވެސް މި ޕްރޮގްރާމްގެ ބައެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ތަފާތު ސެޝަންތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި އާ ޑްރިންކްސްތައް ތައްޔާރުކުރާނެ ގޮތާއި ރެސްޓޯރަންޓްތަކުގައި މިހާރު ވެސް ހަދާ ބުއިންތައް އިތުރަށް ފުރިހަމަކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ. "މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި ހިންގާ ކެފޭތަކުގެ މުވައްޒަފުން މިހާރަށް ވުރެ އިތުރަށް ތަމްރީނުކުރުން. އަދި މި ޕްރޮގްރާމްގެ ސަބަބުން ތަފާތު ވައްތަރުގެ ބުއިންތައް ފުރިހަމަ އަށް ހެދުމަށް ވެސް ދަސްވާނެ،" ޔޫރޯ މާކެޓިންގެ އޮފިޝަލަކު ވިދާޅުވި އެވެ. މި ޕްރޮގްރާމްގައި ހުނަރު ދައްކާލުމުގެ ޝޯތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. ޔޫރޯ މާކެޓިނުން ވަނީ މީގެ ކުރިން ވެސް ރެޑް ބުލް ޕްރޮމޯޝަންތަކުގައި ހުނަރުތައް ދައްކާލުމުގެ ޝޯތައް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ