ޖަލުގައި ހުރި ފިރިމީހާއަށް ޑްރަގްސް ފޯރުކޮށްދޭން އުޅުނު އަނބިމީހާގެ ބަންދަށް ހައި ކޯޓުން ތާއީދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ފިރިމީހާއަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނު އޭނާގެ އަނބިމީހާ ބަންދުކުރަން ނެރުނު އަމުރަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ. ކ. ތުލުސްދޫ ދޮންގާ، ފާތިމަތު އުމްނިއްޔާ ހައްޔަރުކުރީ އޭނާގެ ފުރަގަސް ފަރާތުގައި މަސްތުވާތަކެތި ރައްކާކޮށްގެން ޖަލަށް އެތެރެކުރަން އުޅެނިކޮށް މި މަހު އަށް ވަނަ ދުވަހު އެވެ. އެ މައްސަލައިގައި އޭނާ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ. އެ މައްސަލަ އުމްނިއްޔާގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގެ އަމުރަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. އުމްނިއްޔާގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި މަޖިލިސް ކުރިއަށް ގެންދިޔައީ އޭނާގެ ވަކީލްގެ ޣައިރު ހާޒިރުގައި ކަމަށާއި އެކަން އެގޮތަށް މެދުވެރިވީ ފުލުހުންގެ އިހުމާލުން ކަމަށެވެ. ނަމަވެސް ދައުލަތުން އެކަމަށް ދެކޮޅުހެދި އެވެ. ދައުލަތުން ބުނެފައި ވަނީ ވަކީލެއްގެ އެހީތެރިކަމަށް އުމްނިއްޔާ އެދުނީ އޭނާ ކޯޓަށް ހާޒިރުކުރި ފަހުން ކަމަށެވެ. އަދި އެކަން ސާބިތުކޮށް ދިނުމަށް ދައުލަތުން ވަނީ ހައި ކޯޓަށް ކަމާ ބެހޭ ލިޔުންތައް ވެސް ހުށަހަޅައިފަ އެވެ. ދަށު ކޯޓުގެ އަމުރަށް ހައި ކޯޓުން ތާއީދުކުރި ނަމަވެސް އެ އަމުރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އުމްނިއްޔާގެ ފިރިމީހާ އުމުރަށް ޖަލަށް ލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ