ޓްރެޝާ ބިޒްގެ މުދާތައް ނުހިފެހެއްޓޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްފި
ޓެކުހަށް މަކަރު ހަދަމުން ދާ ކަމުގެ ތުހުމަތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޓްރެޝާ ބިޒް އިންޓަނޭޝަނަލްގެ ތަކެތި ހިފެހެއްޓުމާއި ބާރު މީރާ އަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ. ހައި ކޯޓުން އެ ހުކުމް ބާތިލް ކުރީ ޓެކްސް އިދާރާ އިން އެ މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އިއްވި ހުކުމްގަ އެވެ. ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އަދި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އިއްވެވި ހުކުމުގައި ވަނީ ތަނެއް ފާސްކުރުމަށް ޓެކްސް އެޕީލް އިން ނެރޭ އަމުރެއް ތަންފީޒު ކުރުމާ ހަވާލުވެ ހުންނަ އޮފިސަރަށް، އެތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެތަނަކުން ފެންނަ އެއްޗެއް ނެގުމާއި ގެންދިއުމުގެ ބާރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ދަށުން މީރާ އަށް ލިބިގެންވާކަން އެނގޭ ކަމަށެވެ. އަދި އެކަމަށް ވަކި އަމުރެއް އޮތުން ލާޒިމް ނޫން ކަމާއި އެ އެއެއްޗެއް ގެންދިޔަ ބޭނުން ނިމެންދެން ވެސް ހިފެހެއްޓިދާނެ ކަމަށް ހުކުމްގައިވެ އެވެ. "ބަލައި ފާސްކުރުމުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހަށް މީރާގެ އޮފިސަރުން ވަދެ، އެ އޮފީހުން ގެންދިޔަ ތަކެތީގެ ތެރެއިން ޓްރެޝާ ބިޒް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ތަކެތި އެ ފަރާތާ ހަވާލު ކޮށްފައިވާ ކަން އެނގެން އޮތަތީ، ސިވިލް ކޯޓުގެ ނަމްބަރު 2013/ސީ-ސީވީ/06 މި ގަޒިއްޔާގައި ހުކުމް ކުރައްވާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަމަށް މި ގަޒިއްޔާ ބެލި ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، އެ ގަޒިއްޔާގައި ކުރައްވާފައިވާ ހުކުމް ބާތިލްކޮށް، އެ ގޮތުގެ މަތިން ހުކުމް ކޮށްފީމެވެ،" ހައި ކޯޓުގެ ހުކުމްގައިވެ އެވެ. މޭ 19، 2013 ގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޓްރެޝާ ބިޒް އިންޓަނޭޝަނަލުގެ ފަރާތުން ޓެކްސް ދެއްކުމުގައި އެއްކިބާވާ ކަމަށް ބުނެ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ "ބަލައި ފާސް ކުރުމު" ގެ އަމުރެއްގެ ދަށުން އެ އޮފީހުން ގެންދިޔަ ގިނަ އަދަދެއްގެ ލިޔުންތަކާއި އިލެކްޓޯނިކް ވަސީލަތްތައް ހަތް ދުވަހުގެ ތެރޭގައި އެ ކުންފުންޏާ ހަވާލު ކުރުމަށް އަންގާ ކަމަށެވެ. ޓްރައިބިއުނަލްގެ އަމުރެއްގެ ދަށުން ޑިސެމްބަރު 2012 ގައި މީރާ އިން ފާސްކުރީ ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރުގެ ނަމުގައި ހިންގާ ތިން ފިހާރަ އާއި އޭނާގެ ހިއްސާ އޮންނަ ޓްރެޝާ ބިޒް އިންޓަނޭޝަނަލް އަދި ޕީއެފްއެސް ކިޔާ ތަނެއް ހިންގާ އޮފީހެއް ކަމަށް މީރާ އިން ބުންޏެވެ. ފުއާދަކީ ޓްރެޝާ ބިޒްގެ މެނޭޖިން ޑިރެކްޓަރު ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ