މަޖިލީހުގެ އިމްތިޔާޒަށް ކޯޓުން އަރައިގެންފައިވާ ކަމަށް ބުނެ އިމްތިޔާޒް ކޮމެޓީއަށް މައްސަލަ ހުށަހަޅައިފި
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ސުޕްރީމް ކޯޓުން ބާތިލްކުރުމަކީ މަޖިލީހުގެ އިމްތިޔާޒަށް ކޯޓުން އަރައިގަތުން ކަމަށް ބުނެ އެ މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ރޭ ހުށަހަޅައިފި އެވެ. މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ނައިބު މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ(އިންތި) ވިދާޅުވީ ރޭ އޮތް އެ ކޮމެޓީގެ ބައްދަލުވުމަށް ހުށަހެޅީ މަޖިލީހުގެ އިމްތިޔާޒަށް ކޯޓުން އަރައިގެންފައިވާތީ އެކަން މަޖިލީހުގެ ރައީސަށް ދަންނަވާ އަދި އެކަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ކަމަށެވެ. އަދި އިންޓަޕާލިމެންޓަރީ ޔޫނިއަން(އައިޕީޔޫ)ގެ ސަމާލު ކަމަށް ވެސް އެކަން ގެނައުމަށް ހުށަހެޅި ކަމަށް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ އިދާރީ ކަންތައްތައް ހަމަޖެއްސުމަށްފަހު ހުށަހެޅުމާ މެދު ވޯޓަށް އަހާނީ މާދަމާ ކަމަށެވެ. އޭނާ ވިދާޅުވީ އިމްތިޔާޒު ގާނޫނަކީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ދެފަހަރެއްގެ މަތިން މަޖިލީހުން ފާސްކޮށްގެން އަމަލުކުރަން ފެށި ގާނޫނަކަށްވާއިރު ރައްޔިތުންގެ އެހާ ބޮޑު ތާއީދަކުން ފާސްކޮށްފައިވާ ގާނޫނެއް ބާތިލްކުރުމުގެ ބާރު ކޯޓަކަށް ނޯންނާނެ ކަމަށެވެ. އަދި ބަންޑާރަ ނައިބުގެ ފަރާތުން އެދިފައިނުވާ މާއްދާތަކެއް ވެސް ކޯޓުން އަމިއްލައަށް އިސްނަގައިގެން ބާތިލްކޮށްފައިވާ ކަމަށާއި އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ. "އަނެއްކާ ސުޕްރީމް ކޯޓުން މިކުރި ކަމަކީ ބަންޑާރަ ނައިބުގެ ފަރާތުން ބާތިލްކުރަން ނޭދޭ މާއްދާތަކެއް އަމިއްލައަށް އިސްނަގައިގެން ބާތިލްކޮށްލީ، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން، ދައުވާކުރާ ފަރާތުން އެދޭ ކަމަކަށް ކޯޓުން ރިއާޔަތްކުރަންޖެހޭނީ،" އިންތި ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއް އަހަރަށްވުރެ ކުރު ހުކުމެއްގައި ހުރި މެމްބަރަކަށް ވެސް މަޖިލީހަށް ހާޒިރުނުވެވޭނެ ކަމަށް ބުނެ ކުރިން ކޮށްފައިވާ ހުކުމެއް(ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްސަލައިގައި ކުރި ހުކުމުގެ) ގެ ވާހަކަ ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ބުނެފައިވާ ކަމަށެވެ. ނަމަވެސް ކުރިން އެގޮތަށް ހުކުމްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގައި އޭރު އެގޮތަށް އޮތުމުން އެއަށް ރިއާޔަތްކޮށްގެން ކަމަށާއި ނަމަވެސް މިހާރު އެގޮތަށް ގަވާއިދުގައި ނޯންނާނެ ކަމަށް އިންތި ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ވަކި އުސޫލުތަކެއް މެމްބަރުންނަށް ނުހިނގާ ގޮތަށް އެހެން ގައުމުތަކުގައި އިމްތިޔާޒްތައް ދެވޭ ކަމަށެވެ. ނަމަވެސް އެފަދަ އިމްތިޔާޒްތައް ދެވޭ ގައުމުތަކުގައި ވެސް ވަކި ޚާއްސަ ހާލަތްތަކެއްގައި އެ އިމްތިޔާޒްތައް ނިގުޅައިގަނެވޭ ކަމަށާއި ނަމަވެސް ރާއްޖޭގައި އަމަލުކުރަމުންދާ އިމްތިޔާޒްގެ ގާނޫނުގައި އެކަން އޮތީ އެއްވެސް ހައްދެއް ނެތި(މުތުލަގުކޮށް) ކަމަށްވުމުން އެއީ ގާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ