ނަޝީދުގެ މައްޗަށް ދެން އަލުން ދައުވާ ނުކުރަން ގާސިމް ގޮވާލައްވައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދެން އަލުން ދައުވާ ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ގޮވާލައްވައިފި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަތަކުގެ އަޑުއެހުން ހައި ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައިރު ސަރަހައްދުގައި މުޒާހަރާކުރެއްވުމަށް ނަޝީދު އަރިހުގައި ހުންނަވައި، ގާސިމް ވިދާޅުވީ ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އުފުލާފައިވާ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ގެންދަވާފައިވާ ނަމަ، އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އިންސާފުވެރި ހައްލެއް ހޯދުމަށާއި ގައުމުގެ ކުރިއެރުމާއި މުސްތަގުބަލަށްޓަކައި ޕީޖީ ވެސް ފަސްޖެހިވަޑައިނުގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދުގެ މައްޗަށް ދައުވާ ކުރަންވީ ދަނޑިވަޅު މިހާރު ފާއިތުވެ ހިނގައްޖެ އެވެ. އަދި އެ ދައުވާ ކުރިއަށް ގެންދަން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވެސް މިހާރު ނޭދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ނާޒިމް ދޫކޮށްލުމަށް ގޮވާލައި ހައި ކޯޓު ކައިރީގައި މިއަދު ބޭއްވި މުޒާހަރާގައި ނަޝީދު ބައިވެރިވަޑައިގަންނަވަނީ. --ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން "އެ ދުވަހު އޮތް ދައުވާ ކުރަން ބޭނުން ނަމަ. އެ ކަމަކު އެ ދުވަހު ދައުވާއެއް ނުކުރޭ. މިއަދު ރިލަވެންޓެއް ނޫނޭ އަޅުގަނޑު މިދަންނަވަނީ،" ނަޝީދާ ގުޅިވަޑައިގެން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މިހާރު އިސްވެ މަސައްކަތް ކުރައްވާ ގާސިމް ވިދާޅުވި އެވެ. ހަވީރަ"ށް އެނގިފައިވާ ގޮތުގައި، ނަޝީދުގެ މައްޗަށް ކުރި ދައުވާ ޕީޖީގެ އޮފީހުން އަނބުރާ ގެންދިޔައީ، އިތުރަށް ދިރާސާކުރުމަށް ކަމަށް ބުނެ އެވެ. ނަޝީދުގެ އިތުރުން، އެ މައްސަލައިގައި ދައުވާ ލިބޭ މިހާރުގެ ޑިފެންސް މިނިސްޓަރު، އޭރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލާއި އޭރު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އަދި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްސަލަ ވެސް ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަޝީދު މިއަދު ވިދާޅުވީ މައްސަލަ އަނބުރާ ގެންދެވިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ދައުވާ ގެންގޮސްފައިވާ ނަމަ، އޭގެ ނިޔަތަކީ ކޮބައިކަން ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެ މަނިކުފާނު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ ސިޔާސީ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ރައްޔިތުން ފުރުސަތު ނުދޭނެ ކަމަށެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި މައްސަލާގައި އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި ދެ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިޔައިރު އެ ކޯޓުގެ ބޭރުގައި، ނާޒިމްގެ ސަޕޯޓަރުން އިހުތިޖާޖް ކުރަނީ.---ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުމަށް ރޭވުމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކުރުމަށާއި އަދި 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް އިސްތިއުނާފްކުރުމުން ހައި ކޯޓުގައި މިއަދު އަޑުއެހުން ކުރިއަށް ދިޔައިރު، ކަރާ މާރުކޭޓާ ވީ ފަޅިން، ކޯޓު ކައިރީގައި ގާސިމާއި ނަޝީދާ އެކު ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވެސް ހުންނެވި އެވެ. އެތަނަށް އެއްވި ފަރާތްތަކުން ވަނީ ނާޒިމް ދޫކޮށްލުމަށާއި ރައީސް ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލައި އަޑުއުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ