އިސް ގާޒީ އަބްދުﷲގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ މެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުން އޭނާ ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް މިއަދު އެ ކޯޓުން ނިންމައިފި އެވެ. ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ސިޔާސީ ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ބުނެ ޖޭއެސްސީން އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައި ވަނީ މިދިޔަ ނޮވެމްބަރު 16 ގަ އެވެ. އެ ނިންމުމާ ގުޅިގެން އިސް ގާޒީ ވަނީ ސިވިލް ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އަދި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގާޒީއާ މެދު ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ޖޭއެސްސީން ބުނަނީ އަބްދުﷲ ގާޒީގެ މައްސަލައަކީ ދަށު ކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ގޮތެއް ނިންމަވަމުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވިދާޅުވީ ޖޭއެސްސީން ބަލާފައިވާ ނުވަތަ ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން އެ މައްސަލައެއް ރައްދުވާ ފަރާތަކުން ކޯޓަށް މައްސަލަ ހުށަހެޅުން މަނާކުރާ އެއްވެސް ނައްސެއް ނެތް ކަމަށެވެ. އެ މައްސަލައިގައި އަބްދުﷲ މުހައްމަދަށް ޝަރީއަތަށް މައްސަލަ ހުށަހެޅުއްވުން މަނާކުރެވެންވީ ހަމައެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނަށް ބެލިއިރު ވެސް އެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ. "... މި މައްސަލައިގައި އަބްދުﷲ މުހައްމަދަށް ޝަރީއަތަށް އައުން މަނާ ކުރެވޭންވީ ހަމައެއް އޮތް ކަމަށް ބެލެވެން ނެތުމުންނާއި ސިވިލް ކޯޓަށް ލިބިގެންވާ އިޚްތިސާސް ބަޔާންކުރާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ޖަދުވަލު އެކަކަށް ނަޒަރުކުރުމުން މި މައްސަލަ ބެލުމުގެ އިޚްތިސާސް ސިވިލް ކޯޓަށް ލިބިގެންނުވާ ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން މި މައްސަލަ މިގޮތުގައި ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ކަނޑައަޅައިފިން،" ގާޒީ ނިހާޔަތު ވިދާޅުވި އެވެ. ގާޒީ އިތުރަށް ވިދާޅުވީ އިދާރީ ހިންގުމުގެ ދާއިރާއިން އަދުލުވެރިކަމާ އެކު ފިޔަވަޅު އެޅުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށް ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ކަމަށެވެ. ގާޒީ ވިދާޅުވީ އެއްވެސް އަސާސީ ހައްގެއް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް ކަމަށް ގާނޫނު އަސާސީގެ 16 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އަދި އެއްވެސް ހައްގެއް ނިގުޅައިގެންފި ނަމަ އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި ކޯޓަށް ދިއުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނު އަސާސީގެ 65 ވަނަ މާއްދާގައި ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. މީހެއްގެ މައްޗަށް ކަމެއްގެ ތުހުމަތުކުރެވިއްޖެ ނަމަ އެކަމާ ގުޅިގެން އެމީހެއްގެ ބަސް ބުނުމުގެ ފުރުސަތު ލިބިދީފައި އޮތުމަކީ އަދުލުވެރި ގޮތުގައި ލިބިދޭންޖެހޭނެ ފުރުސަތެއް ކަމަށް ގާނޫނު އަސާސީގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި އެ މީހާ ގާނޫނާ ގަވާއިދާ ހިލާފަށް ކުރި ކަމަށް ތުހުމަތުކުރެވޭ ކަންތަކާއި ހިލާފުވެފައިވަނީ ކޮން ގާނޫނެއް ނުވަތަ ގަވާއިދަކާކަން ލިބިދިނުމަކީ ވެސް ގާނޫނު އަސާސީގެ އެ މާއްދާއިން ލިބިދޭ ހައްގެއް ކަމަށް ގާޒީ ވިދާޅުވި އެވެ. ކުރިން ހަމަޖެހިފައިވާ ގޮތުން ޖޭއެސްސީގެ ފަރާތުން އިސް ގާޒީގެ ދައުވާ އަށް މިއަދު ޖަވާބުދާރީވާނެ އެވެ. ނަމަވެސް ކޮމިޝަނުގެ ވަކީލު އަބްދުއްފައްތާހު ވިދާޅުވީ ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު މިއަދު ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހަޅާފައިވާނެ ކަމަށާއި އެއާއެކު އެ މައްސަލަ ސިވިލް ކޯޓުގައި ނުބެލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ވެސް ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަކި އެއްޗެއް އަންގަންދެން އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ވަކީލު އެދިވަޑައިގެންނެވި އެވެ. ގާޒީ ނިހާޔަތު ވިދާޅުވީ މައްސަލަ ކުރިއަށް ނުގެންދަން މަތީ މަރުހަލާގެ ކޯޓަކުން އަންގާފައި ނުވަނީސް މައްސަލަ މަޑުޖައްސާލުމަކީ ކުރެވިދާނެ ކަމެއް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމަށް އަބްދުﷲ ގާޒީ ވެސް ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ