ސުޕްރީމް ކޯޓުގެ ހުކުމާއެކު މެމްބަރު ހަމީދުގެ ގޮނޑި ހުސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ކޮށްފައިވާ ހުކުމަށް މިއަދު ސުޕްރީމް ކޯޓުން ތާއީދު ކުރުމާއެކު އޭނާ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑި ހުސްވެއްޖެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އޭނާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ހަމީދުގެ ހުކުމް އިލްތިމާސްކުރުމުގެ ހައްގު އަދި ގެއްލިގެންނުދާ ކަމަށާއި މި ހާލަތުގައި ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައި އިންތިހާބެއް ބޭއްވޭނެ ޖާގައެއް ނެތް ކަމަށެވެ. ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު ހަމީދުގެ މައްސަލަ ޝަރުއީ ހުރިހާ މަރުހަލާއަކުން ބެލުނީ އެވެ. އަދި އިތުރަށް އެ މައްސަލަ އިސްތިއުނާފެއް ނުކުރެވޭނެ އެވެ. އެހެންކަމުން ގާނޫނު އަސާސީގައިވާ ފަދައިން އޭނާގެ ގޮނޑި ގެއްލުނީ އެވެ. ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށެވެ. އެއީ މުނިސިޕަލްޓީން ގަތް ކޮޅުވެއްޓިއެއް ސަރުކާރަށް ލިބުމުގެ ހައެއްކަ މަސް ކުރިން އެ އުޅަނދު ލިބުނު ކަމަށް ހަމީދު ސޮއިކުރެއްވި ކަމަށް ބުނެ އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދުގެ އަގުގެ 50 ޕަސެންޓް ދައްކަންޖެހެނީ އެގްރިމެންޓުގައި ސޮއިކުރުމުންނެވެ. ބާކީ ފައިސާ ދައްކަންޖެހެނީ އުޅަނދު ސަރުކާރަށް ލިބުމުންނެވެ. އެހެންކަމުން އުޅަނދު ލިބުނު ކަމަށް ސޮއިކުރުމުން އުޅަނދު ވިއްކި ސިންގަޕޫރުގެ އައިލެންޑް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑަށް ނާޖާއިޒު ގޮތުގައި ފައިދާތަކެއް ވެފައިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ހަމީދުގެ މައްޗަށް ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި ވަނީ ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އެވެ. ތަފާތުވި ރައުޔު ނެރުއްވާފައި ވަނީ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ސުޕްރީމް ކޯޓުގެ އަގުލަބިއްޔަތު ރައުޔު އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮޅުވެއްޓި ގަތުމަށް ސަރުކާރުން އެގްރިމެންޓު ކޮށްފައި ވަނީ 560،000 ޑޮލަރަށް ކަމަށެވެ. އަދި އެ އަގުގެ 50 ޕަސެންޓް ދޭންޖެހޭނީ އެގްރިމެންޓުގައި ސޮއި ކުރާތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ބާކީ 50 ޕަސެންޓް ދޭންޖެހޭނީ އެގްރިމެންޓުގައިވާ ގޮތަށް މާލޭ ބަނދަރަށް އުޅަނދު ހަވާލު ކުރާތާ 14 ދުވަހުގެ ތެރޭގައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެގްރިމެންޓުގައި ސޮއި ކުރި ފަހުން އެގްރިމެންޓުގެ ބައެއް މާއްދާތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ފައިސާ ދައްކާނެ ގޮތާއި އުޅަނދުގެ އަގަށް ފަހުން އިތުރު ކުރި ފައިސާ ހިމެނޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ހަމީދު އަމިއްލައަށް އެގްރިމެންޓަށް ބަދަލު ގެނެވޭނެ ޖާގައެއް އޮތް ކަމަށް ސާބިތުވާ އެއްވެސް ކަމެއް ޝަރީއަތަށް ހުށަހަޅާފައިނުވާ ކަމަށެވެ. އުޅަނދު މާލޭ ބަނދަރަށް ގެނައުމުގެ ކުރިން އިންޑޮނީޝިއާގެ ބަނދަރަކުން އުޅަނދު ލިބިއްޖެ ކަމަށް ހަމީދު ސޮއި ކޮށްފައި ވަނީ އެގްރިމެންޓާ ހިލާފަށް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ދިވެހި ދައުލަތުގެ މަސްލަހަތު ހިމާޔަތްވެފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގްރިމެންޓުގައިވާ ގޮތުން އުޅަނދާ ސަރުކާރުން ހަވާލުވުމަށްފަހު 80 ދުވަހުގެ ވޮރަންޓީ އެއް ލިބޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް މާލޭ ބަނދަރަށް އުޅަނދު އައުމުގެ ކުރިން އުޅަނދު ލިބިއްޖެ ކަމަށް ހަމީދު ސޮއި ކުރެއްވުމުން ސަރުކާރަށް ލިބެން އޮތް މަންފާތަކެއް ގެއްލިފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކްރިމިނަލް ކޯޓުން ހަމީދުގެ މައްޗަށް ކުރި ހުކުމަށް ތާއިދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާ ކަމަށެވެ. ތަފާތުވި ރައުޔު ނެރުއްވި ފަނޑިޔާރު މުއުތަސިމް ވިދާޅުވީ ނާޖާއިޒު ފައިދާ ދިނުމުގެ ކުށުން ހަމީދު ކުށްވެރިވާ ކަމަށް އެއްވެސް ޝައްކެއް މިންވަރަށް ސާބިތު ކުރެވެން ނެތް ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް ބާތިލް ކަމަށް ކަނޑައަޅާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ