އަސާސީ ހައްތުތަކަށް ހުރަސް އެޅޭގޮތަށް ކޯޓަކުން ޝަރުތުކުރަމުންދާނަމައެކަން އެކުރަނީ ގާނޫނު އަސާސީއާ ހިލާފަށްކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ތަޖުރިބާކާރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.
ސީއެންއެމް އަށް ދެއްވި ހާއްސަ އިންޓަވިއެއްގައި ސުއޫދު މިހާރު ކުރަމުންގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރަމުންގެންދާ މީހުން ކޯޓުން ދޫކޮށްލާއިރު ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ގެއްލޭގޮތަށް ކްރިމިނަލް ކޯޓުން ޝަރުތެއް ކުރަނީ ގަވާއިދަކަށް ރިޔާއަތްކޮށްގެން ނަމަ، އެ ގަވާއިދުވެސް ބާތިލުވާނެކަމަށެވެ.
"ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ގެއްލޭގޮތަށް ކޯޓަކަށް އެއްވެސް ޝަރުތެއްނުކުރެވޭނެ. އެއީ ކޯޓަށް ކުރެވޭނެކަމެއްނޫން. އެކަންކުރާ ނަމަ އެކުރަނީ ގާނޫނު އަސާސީއާ ހިލާފަށް. އެއީ މިހާރު ކޯޓަށް ކުރެވޭނެކަމެއް ނޫންކަން ކޯޓަށްވެސް އެނގޭނެ،" ތަޖުރިބާކާރު ގާނޫނީ ވަކީލް ވިދާޅުވިއެވެ.
ފުލުހުން ހައްޔަރުކުރާ ބައެއް މީހުން ޝަރުތުތަކާއެކު ކޯޓުން ދޫކޮށްލާ މައްސަލައިގައި ޒުވާން ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ އިމުގެ ބޭރުން ކޯޓްތަކަށް ޝަރުތަކެއް ކަނޑަނޭޅެނެކަމަށާއި އެ ޝަރުތުވާން ޖެހޭނީ ކޯޓަށް އެމީހަކު ހާޒިރުކުރުވުމަށް ކުރެވޭ ޝަރުތަކަށް ކަމަށެވެ.
ގާނޫނޫ އަސާސީގެ 49 ވަނަ މާއްދާގައި ބުނެފައިވަނީ " އެމީހަކާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށްޓަކައި، ނުވަތަ ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ވެދާނެކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާމެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެމީހަކު ބަންދުގައި ބަންދުގައި ބަހައްޓައިގެނެއްނުވާނެއެވެ. އަދި ބަންދުން ދޫކޮށްލާ ހިނދު ކަފާލާތުގެ އުސޫލުން ނުވަތަ ކޯޓުން ބޭނުންވާގޮތެއްގެ މަތީން ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމަށް ކަނޑައަޅާ އެހެން ޝަރުތުތަކެއް ކަނޑައެޅިދާނެއެވެ"
އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއިން ކޯޓަށް ކަނޑައެޅޭ ހަމައެކަނި ޝަރުތަކީ ދޫކޮށްލާ މީހާ ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމަށް ކަނޑައެޅޭ ޝަރުތުތަކެއްކަމަށާއި އެ ޝަރުތުތަކުގެ އިތުރުން އެއްވެސް ޝަރުތެއް ކޯޓަށް ކަނޑައެޅުމުގެ ބާރު ލިބިގެންނުވާކަމަށާއި އެ ނޫން ޝަރުތެއް ކޯޓުން ކަނޑައަޅައިފިނަމަ އެ ޝަރުތެއްވާނީ ބާތިލު ޝަރުތަކަށް ކަމަށެވެ.
"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކޯޓަށް ކުރެވޭނެ މަސައްކަތް ބުނެފައިވާއިރު އިތުރު ޝަރުތެއް ކަނޑައެއް ނޭޅޭނެ. އެކަން ކުރާނަމަ އެކުރާނީ ކޯޓް ކަމުގައިވިޔަސް ގާނޫނާ ހިލާފަށް،" ޕްރޮސިކއިޓަރ ޖެނެރަލް އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައިވާ ގާނޫނީ ވަކީލް ވިދާޅުވިއެވެ.
ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ގާނޫނީ ވަކީލަކު ވިދާޅުވީ ކޯޓްތަކުން މިހާރު ކުރަމުންގެންދާ ޝަރުތަކަކީ ކޯޓަށް ކަނޑައެޅޭނެ ޝަރުތުތަކެއް ނޫން ކަމަށާއި އެ ޝަރުތުތަކަކީ ގާނޫނާއި ހިލާފަށް ކޯޓުން ކުރަމުންގެންދާ ޝަރުތުތަކެއްކަމަށެވެ.
އެމްޑީޕީން އަވަސް އިންތިހާބަކަށް ގޮވާލައި ކުރަމުންގެންދާ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން 30 އަށްވުރެ ގިނަ މީހުން ދޫކޮށްލާފައިވަނީ މުޒާހަރާނުކުރުމަށާއި ރޭގަނޑު ވަކިވަގުތެއްގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ.
ކްރިމިނަލް ކޯޓުން ޝަރުތުކުރަމުން އެދަނީ ގާނޫނު އަސާސީއާ ހިލާފަށް: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ