ރައްޔިތުން މަޖިލީހުގެ ތިން މެމްބަރުން ހައްޔަރު ކުރި އިރު އަނިޔާކޮށްފައެއް ނުވާނެ: ޕޮލިސް

އިއްޔެ ހަވީރު ފުލުހުން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ތިން މެމްބަރުން ހައްޔަރު ކުރުމުގައި އެއްވެސް މެމްބަރަކަށް އަނިޔާކޮށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަދާ، މެމްބަރުންގެ ކަރާމާތް ގެއްލޭފަދަ އެއްވެސްކަމެއް ކޮށްފައި ނުވާނެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރޭ ސުންގަޑި ސުން މިނިޓުގައި ރާއްޖެ ޓީވީން ގެނެސްދިން އިންޓަވިއުއެއްގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ހައްޔަރު ކުރި ވަގުތު ފުލުހަކު ދަތްއަޅައި، އަނިޔާކުރި ކަމުގެ ދޮގު ތުހުމަތު ފުލުހުންގެ މައްޗަށް ކޮށްފައިވާކަމަށެވެ.
ގާނޫނާއި ހިލާފު އަމަލުތަކެއްކޮށް މަގުމަތީގެ އާއްމު މަސްލަހަތު ނަގާލައި ޓްރެފިކް ގާނޫނާއި ހިލާފަށް ވަންވޭ އާއި އިނދިކޮޅަށް މާލޭގެ މަގުތަކުގައި ދުއްވައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ސަބަބުން އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް މާފަންނޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދާ، ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމް އަދި ކެނދި ކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ ގެނައުމުގެ ކުރިންނާއި އޭގެފަހުންވެސް މީޑިއާތައް ކުރިމަތީގައި ފުލުހުންނާއި ދިމާއަށް ހުތުރު ބަހުން މުއަަމަލާތްކޮށް ފުލުހުންނަށް އެކިވަރުގެ އަނިޔާދީ ގަދަހަދައި ނުކިޔަމަންތެރިކަން ދައްކާފައިވާކަމަށް ފުލުހުންގެ މި ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގާނޫނާ ހިލާފު އަމަލުތަކެއް ކުރުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަ ދައްކައި ފުލުހުން ބަދުނާމުކޮށް ދޮގު ތުހުމަތު ފުލުހުންގެ ބޮލުގައި އަޅުވައި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރައްވާފައިވާ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އިއްޔެ ހަވީރު ފުލުހުން ހައްޔަރުކޮށްފައިވަނީ ތިނަދޫ ދައިރާގެ މެމްބަރު މުހައްމަދު ގަސަމާއި، ކެނދިކުޅުދޫ ދައިރާގެ މެމްބަރު އަހުމަދު އީސާ އަދި މާފަންނޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމު ރަޝީދެވެ. ތިން މެމްބަރުން ވެސްވަނީ ރޭ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ