ސީނާ އަހުމަދު ޒާހިރުގެ: ސިކުނޑީގެ ޠޫފާން

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާ ބިލްތަކުގައި ސިޔާސީ ކުލަ ޖެހިފައި ހުންނަ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކައެވެ. މިކަމުގެ މައިގަނޑު ސަބަބަކަށް ވަނީ ޕާޓީތަކުގެ ވާދަވެރި މާހައުލެއް އޮންނަ ތަނެއްގައި، ބޭނުންވާ ވަރަށް ސިޔާސީ ދޫދެއްވުންތަށް އެއްވެސް ފަރާތަކުން ނުދެއްވާތީކަމަށްވެސް ބުނެވެއެވެ. މަޖިލީހަށް ހުށައެޅޭ ބައެއް ބިލްތަކާއި މައްސަލަތަކަށް ބަލާލާއިރު މިއީ ޙަޤީޤަތަކަށް ވެދާނެއެވެ. އެހެންނަމަވެސް މަޖިލީހަށް ހުށައެޅޭ ހުރިހާ ބިލަކީ ސިޔާސީގޮތުން ޕާޓީތަކުގެ ކޯޅުންތަކާއި ކުރިމަތިލާންޖެހޭ ފަދަ ބިލްތަކެއް ނޫނެވެ. ޤައުމުގެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށް ވެސް މަޖިލީހަށް ބިލްތައް ހުށައެޅެއެވެ. މިފަދަ ބިލްތަކުގައި ޚިޔާލުގެ ތަފާތުވުމެއް އޮތްކަމުގައިވިޔަސް، އެތަފާތުވުން ވާނީ ސިޔާސީ ޚިޔާލު ތަފާތުވުމަކަށްވުރެ ބޮޑަށް ޢިލްމީ ތަފާތުވުމަކަށެވެ. ލަނޑުދަނޑިޔާއި ހަމައަށް ދިއުމަށް ދާންޖެހޭ ރާސްތާގެ ތަފާތުވުމަކަށެވެ.     ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުވުން ނުވަތަ ހުއްޓުވުމާއި ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ބަދަލުތަކުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ބިލުގައި ހަރުކަށިވާންވީ ބައިތަށް ލުއިކުރެއްވުމުގެ ސަބަބުން ބިލުގެ މަޤްޞަދު ގެއްލުމުންނެވެ. މި ބިލަކީ ސަރުކާރުގެ ކަމާއި ބެހޭ ދާއިރާއިން ވަރަށް ގިނަދުވަސްތަކެއްވާންދެން ދިރާސާތަކެއް ކުރެއްވުމަށް ފަހު މިކަމުގައި އެހެން ޤައުމުތަކުން ކޮށްފައިވާ ތަޖުރިބާގެ އަލީގައި ބޭރުގެ އެހީއާއި އެކު ތައްޔާރު ކުރައްވާފައިވާ ބިލެކެވެ. މިޒަމާނުގައި ހުރިހާ ޤައުމެެއްގައިވެސް ޤާނޫނުތަކުންނާއި އަދި އެހެނިހެން ގޮތްގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް، ނުވަތަ މަދުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންގެންދެއެވެ. މަޝްހޫރު ފިލްމީ ތަރިން ފިލްމުގައި ސިގިރެޓްބޯތަން ނުދެއްކުމަށް އެއްބަސްވުންތަކަށް ވެސް އައިސްފައިވެއެވެ. އަދި ފިލްމުތަކުގައި ސިގިރެޓް ބޯތަން ނުދެއްކުމަށް ބާރުއަޅާފައިވެސް ވެއެވެ. މިގޮތަށް މަސައްކަތްކުރަމަުން ގެންދަނީ ޢާއްމު ފަރުދުން، ޚާއްޞަކޮށް ޒުވާނުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރަށް ގެންދިއުމަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ރައްޔިތުންގެ ސިއްޙަތަށް ލިބޭ ގެއްލުން ބޮޑުކަމުންނެވެ. ޤައުމަށް ވާ ގެއްލުން ބޮޑުކަމުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުން މަރުވާ މީހުންގެ އަދަދު ގިނަކަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނަށް ޖެހޭ ބަލިތަކަށް ފަރުވާދިނުމަށް ފަރުދީ ގޮތުންނާއި ޤައުމީ ފެންވަރުގައި ކުރެވޭ ހޭދަ ބޮޑުކަމުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ޖެހޭ ބަލިތަކުގެ ސަބަބުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކުން އުފުލަންޖެހޭ ހިތްދަތިކަމާއި ވޭނުން ސަލާމަތް ކުރެވޭތޯބެލުމަށެެވެ. ލަސް ނުވަނީސް ކުރިން ފިޔަވަޅު އެޅުމަށެވެ.     ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭތޯ ބެލުމަށް ސަރުކާރުން ޤަވައިދުތަކުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އަޅުއްވާފައިވެއެވެ. އެހެންނަމަވެސް އެ ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނެތެވެ. މިކަމުގައި މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމުން ކަމަށް ވެސް ވެދާނެއެވެ.     ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ބަލިކަށި ޤާނޫނާއި މެދު ހިތްހަމަ ނުޖެހިގެން ރާއްޖޭގައި މަސައްކަތްކުރާ އިޖްތިމާޢީ ޖަމްޢިއްޔާތަކުން އަޑުއުފުލާލި ވާހަކައިގެ ޚަބަރެއް ނީވެއެވެ. އަދި މި  ބިލުން އުނިކުރެވުނު ބައިތަކުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުން ނުވަތަ މަދުކުރުމުގެ އިޖްތިމާޢީ މަސައްކަތަށް ކުރިމަތިވެފައިވާ ހުރަސްތަކާ މެދު ކަންބޮޑުވެގެން ޖަމުޢިއްޔާއަކުން ނުވަތަ ޖަމުޢިއްޔާތަކަކުން ގުޅިގެން ކަމާއި ބެހޭ ފަރާތަށް ޕެޓިޝަނެއް ހުށައެޅި ޚަބަރެއްވެސް ނުލިބެއެވެ. މިކަމުގައި ވެސް އަޑު އުފުލީ މިފަދަ އެހެންކަންކަމުގައި ވެސް އަޑުއުފުލާ ފަރާތުންނެވެ. ނޫސްވެރިންނެވެ. މިކަމާމެދު ނޫސްވެރިންގެ އިތުރުން މަސްއޫލު އެހެން އެއްވެސް ފަރާތްތަކުން  ކަންބޮޑުވެގެން ޤައުމީ ފެންވަރުގައި އަޑު އުފުލިތަނެއް ނުފެނެއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބިލުން ބަލިކަށިކުރެވުނު ނުވަތަ އުނިކުރެވުނު މުހިއްމު މާއްދާތައް އަނބުރާ ޤާނޫނަށް ގެނައުމަށް މެންބަރުން މެދުވެރިވެގެން އިޞްލާޙެއްގެނެވޭތޯ މަސައްކަތްކުރެވެންވީއެެވެ. ކަންކަމާއި މެދު ހިތްހަމަނުޖެހިގެން ކަންކަން ނިންމާފައި އޮތްގޮތް ނޫން އެހެންގޮތަކަށް ބަދަލުކުރަން މަސައްކަތްކުރެވެނީ ހަމައެކަނި މުޒާހަރާ ކޮއްގެންނެއް ނޫނެވެ. މީހުންގެ ޢާއްމު ދިރިއުޅުމަށް އުނދަގޫވާވަރަށް ހަމަނުޖެހުން އުފައްދައިގެންނެއްވެސް ނޫނެވެ. އެކަމެއް ބަދަލުކުރުމަށް ކަމާއި ބެހޭފަރާތްތަކަށް ހިނގައިގެންނެވެ. ވާހަކަދައްކައިގެންނެވެ. ވިސްނައިދީގެންނެވެ. މެންބަރުން ހޮވާފައި ތިބި ދާއިރާތަކުގެ ގިނަ ރައްޔިތުން އެދޭގޮތް އެ ދާއިރާއެއް ތަމްޝީލުކުރައްވާ މެންބަރަކަށް ދަންނަވައިގެންނެވެ. މުޖުތަމަޢުގެ ފައިދާ އަށްޓަކައި އުފައްދާފައިވާ އިޖްތިމާޢީ ޖަމުޢިއްޔާ ތަކުން ޖޫޑިޝަރީގެ މަސައްކަތާއި ބެހުމަށްވުރެ ބޮޑަށް މިފަދަ ކަންތައް ރަގަޅުކުރުމަށް ޙަރަކާތްތެރިވުމުން ޖަމާޢަތަށްކުރާ ފައިދާ ބޮޑުވާނެއެވެ.  އިޖްތިމާޢީ މަސައްކަތުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވެސް މިމަސައްކަތް ކުރެވިދާނެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ މަސައްކަތްތައް ކުރެވެނީ މިދެންނެވުނުގޮތަށެވެ.     ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމާއި ބެހޭގޮތުން ޤާނޫނުތައް ހެދުމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ފަރާތްތަކުން ނާއި މިފަދަ ކަންކަމާއި ބެހޭ އެހެން ފަރާތްތަކުން ދުނިޔޭގެ ފެންވަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު ދިނުމާއި ހޭލުންތެރިކަން އުފެއްދުމުގެ ޖަލްސާތަކާއި މަސައްކަތު ބައްދަލުވުންތައް ދުނިޔޭގެ ކަންކޮޅުަތަަކުގައި ބާއްވަމުން ގެންދެއެވެ. މިފަދަ ބައްދަލުވުންތަކުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ފަރާތުންވެސް ބައިވެރިވެއެވެ. އަދި މިފަދަ ބައްދަލުވުންތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމާއި ބެހޭގޮތުން ތަފާތު ޤައުމުތަކުން ފާސްކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތައް ތަންފީޒުކުރުމުގެ ނަތީޖާ އާއި ދިމާވާ ހުރަސްތަކާއި ބެހޭގޮތުން ބައިވެރިންގެ މެދުގައި ޚިޔާލު ބަަދަލުކުރެވެއެވެ. މިފަދަ ބައްދަލުވުންތަކަކީ އަބަދު ކަހަލަގޮތަކަށް ބޭއްވޭ ބައްދަލުވުންތަކެކެވެ.    ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބެހޭބިލުގެ މައިކަށި ބިންދާލައިފައި އެބިލް މަޖިލީހުން ފާސްކުރުމުގައި ސަރުކާރުން ވެސް އޮޅުމެއްގެތެރޭގައި ވިޔަސް ނުވަތަ ނޭގުމެއްގެތެރޭގައި ވިޔަސް ބިލުގެ މުހިއްމު ބައިތަކާއެކު ބިލް ފާސްކުރެއްވުމަށް ބާރުއެޅުއްވުމަށް އިހުމާލުވެފައިވެއެވެ. މިހެން ދިމާވެފައިވަނީ މިފަދަ ބިލަކަށް މިފަދަ ބޮޑު ކޮށުމެއް އަންނާނެކަމަށް ނުބެލެވޭތީވެ ކަމަށް ވެދާނެއެވެ. ނޫންނަމަ އިޖްތިމާޢީ މައްސަލައަކަށް ވީތީވެ މަޖިލީހުން ބޭނުންގޮތެއް ހެދުމަށް ދޫކޮށްލެވުނީ ކަމަށް ވެސް ވެދާނެއެވެ. މިފަދަ ބިލްތަކުގެ އަސްލު ނުގެއްލޭގޮތަށް ފާސްކުރުމަށް ބާރުއެޅުއްވުމަށް ސަރުކާރުން ޕާަޓީތަކުގެ ތެރެއިން މަސައްކަތް ކުރައްވަންޖެހެއެވެ. މިއީ މިހާރު މިއޮތް ޕާޓީ ސިޔާސަތުގައި، މަޖިލީހަށް ހުށައެޅޭ ކޮންމެ ބިލަކާމެދުވެސް ކުރަންޖެހޭނެ މަސައްކަތެކެވެ. މަޖިލީހަށް ހުށައެޅޭ ކޮންމެ ބިލަކީވެސް މުހިއްމު ބިލެކެވެ. ބިލުގެ ލަނޑުދަނޑިތަށް ޙާޞިލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވެންވީ ހަމައެކަނި ސިޔާސީ ލަނޑުދަނޑިއެއް ހޯދަން ބޭނުންވާ ބިލްތަކުގައި އެކަންޏެއް ނޫނެވެ. ހުރިހާ ބިލްތަކެއްގައި ވެސް މެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރުމުގެ ރޫޙް އަދި ހުރިގޮތުން ސަރުކާރުގެ ފަރާތުން ހުށައެޅޭ ބިލްތަކުގެ އަސްލު ނުގެއްލޭގޮތަށް ފާސްކުރުމަށް ހަމައެކަނި އެބިލެއް ތައްޔާރުކުރާ ސަރުކާރުގެ ކަމާއިބެހޭ ފަރާތަކުން މަސައްކަތްކުރައްވައިގެނެއް ނުފުދެއެވެ. އެއަށް ވުރެ މަތިން އެމަސައްކަތްކުރެވެންޖެހެއެވެ. ޕާޓީތަކުގެ ޕާރލަމެންޓްރީ ލީޑަރުންނާއި ހަމައަށް އެ މެސެޖްދާންޖެހެއެވެ. ހަމައެގޮތަށް އިދިކޮޅު ޕާޓީތަކުންވެސް އިޖްތިމާޢީ ކަންކަމާއި ބެހޭ ބިލްތަކުގެ ޤައުމީ ފައިދާ އާއި މުޅި މުޖުތަަމަޢުގެ ހެވަށް ބިލް ފާސްކުރުމަށް އިރުޝާދުދެއްވަންޖެހެއެވެ. ނޫންނަމަ ދުންފަތުގެ އިސްތިއުމާލުކުރުމާއި ބެހޭ ބިލް ފާސްކުރެވުނު ގޮތަށް، މުޖުތަމަޢު އަށް ދޫކޮށްލެވޭނީ މަޤްޞަދު ރަގަޅަށް ޙާޞިލްނުކުރެވޭނޭ ޤާނޫނެކެވެ. ހަމައެކަނި ނަމަކަށެވެ. ކަމެއްނެތިއެވެ. ދިވެހިރާއްޖޭގައި ޤަވައިދުތައް ހިންގޭގޮތާއި ހިންގޭ މިންވަރު އަޅުގަނޑުމެން އެންމެނަށް ވެސް އެގެއެވެ. ޤާނޫނުއަސާސީ އާއި ޤާނޫނުތައް ރަގަޅަށް ތަންފީޒުކުރުމުގެ ޤާބިލްކަން ނެތް ޤައުމެއްގައި  ޤާނޫނަކުން ކުރަންޖެހޭ މުހިއްމު ކަންތައްތައްކުރުމަށް ޤަވައިދަކަށް ދޫކޮށްލުމުން ވާނެގޮތް އަމިއްލަފުޅަށް ވެސް ތަޞައްވަރު ކޮއްލައްވާށެވެ.(ނޯޓް: މިއީ ސަން މަޖައްލާގެ 25 އޯގަސްޓް 2010 ގެ އަދަދުން ނަގާފައިވާ ލިއުމެކެވެ.)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ