ޖަމިއްޔާތަކުގެ ފޯރަމް އައްޑޫގައި ބޭއްވިދާނެ ކަމަށް އުއްމީދުކުރަން: އަބްދުﷲ

ރާއްޖޭގެ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވަން އުޅޭ ފޯރަމް އައްޑޫގައި ބޭއްވިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ. ހިތަދޫ ފްރީޑަމް ޖަމިއްޔާގެ ޑްރޮޕް އިން ސެންޓަރު ހުޅުވުމަށް މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ބޭރުގެ ބައެއް ފަރާތްތަކުގެ އެހީއާ އެކު ޖަމިއްޔާތަކުގެ ފޯރަމް ބޭއްވުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެސް އިއުލާންކޮށްގެން ޖަމިއްޔާއަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް އަބްދުﷲ ވިދާޅުވި އެވެ. "އެކަން އަޅުގަނޑުމެން އިއުލާންކޮށް އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ޖަމިއްޔާއަކާ ހަވާލުކޮށްގެން ފޯރަމް އިންތިޒާމް ކުރާނީ،" އަބްދުﷲ ވިދާޅުވި އެވެ. "މި މަސައްކަތަށް ހުރިހާ ހަރަދެއް ކުރާނީ މިނިސްޓްރީގެ ފަރާތުން. މިކަމަށް ބޭރުގެ ފަރާތްތަކުން ވެސް އެހީ ލިބިފައިވޭ. އަދި މިކަމާ ބެހޭ ގޮތުން އިތުރަށް ކުރަން ޖެހޭ މަޝްވަރާތައް ވެސް ކުރިއަށް ދާނެ ކުރިއަށް މިއޮތް ދުވަސްތަކުގައި." އޭނާ ވިދާޅުވީ ފޯރަމް މި އަހަރު ތެރޭ ނުބޭއްވުނު ނަމަވެސް އަންނަ އަހަރު ތެރޭގައި ޖަމިއްޔާތަކުގެ ފޯރަމް ބާއްވާނެ ކަމަށެވެ. "މިކަން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޖަމިއްޔާތައް އުފައްދާފައިވާ މަގުސަދުތައް ހާސިލްކޮށް، ޖަމިއްޔާތަކުގެ ދައުރު ވީހާ ވެސް ބޮޑަށް ފުޅާކޮށް ތަރައްގީކޮށް ކުރިއެރުވުން،" އަބްދުﷲ ވިދާޅުވި އެވެ. "ހުރިހާ ޖަމިއްޔާތަކެއް އެއްތަންވެ ހިޔާލުތައް ބަދަލު ކުރެވި މަޝްވަރާ ކުރެވިގެން ދިއުމަކީ މުހިއްމު ކަމެއް. އަދި ޖަމިއްޔާތައް ހިންގުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެސް ވެގެން ދާނެ މިފަދަ ފޯރަމެއް ބޭއްވުމުން." އަބްދުﷲ އިތުރަށް ވިދާޅުވީ ހޯމް މިނިސްޓްރީގައި 1،453 ޖަމިއްޔާ ރަޖިސްޓްރީކޮށްފައިވާ އިރު އޭގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރި ވަނީ 700 ވަރަކަށް ޖަމިއްޔާ ކަމަށެވެ. އަދި އުވާލަން ޖެހޭ ޖަމިއްޔާތަކުގެ އަދަދު 400 އަށް ވުރެ މަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ