އާއިލާ އިން ފޯމުގައި ސޮއިކުރާ މީހަކަށް ފިޔަވަޅެއް ނާޅާނެ: އުމަރު
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާއިރު، އެމަނިކުފާނަށް އާއިލާ އިން ޒިންމާވެ އިގުރާރުގައި ސޮއިކުރާ މީހަކަށް އެއްވެސް އިރެއްގައި ފިޔަވަޅު ނާޅާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ނަޝީދު އަދި ވަކީލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި ހުންނަވާއިރު، އެމަނިކުފާނާ ގުޅޭ ކަންކަމަށް އާއިލާ އިން ޒިންމާ ނަގާނެ މީހެއްގެ ސޮއި އިގުރާރު ފޯމްގައި ކުރަން ޖެހުމެވެ. ހާއްސަކޮށް އެމީހެއްގެ މައްޗަށް ފަހުން ޖިނާއީ ދައުވާ ކޮށްފާނެތީ އެވެ. އެކަމާ ގުޅޭ ގޮތުން "ހަވީރު"ން ދެންނެވި ސުވާލަކާ ގުޅިގެން މިނިސްޓަރު އުމަރު ވިދާޅުވީ އިގުރާރު ފޯމްގައި ނަޝީދުގެ އާއިލާ އިން ސޮއިކުރާ މީހެއްގެ މައްޗަށް ދައުވާކޮށް، ފިޔަވަޅު ނާޅާނެ ކަމަށެވެ. "އެއީ މިސާލަކަށް ނަޝީދަށް ކަމެއް ވެއްޖިއްޔާ ސަރުކާރަށް އަންގަން ހުންނަ މީހެއް. މިސާލަކަށް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުން ނުވަތަ ނަޝީދުގެ ހާލަތު ސަރުކާރަށް އަންގަައިދޭން ހުންނަ މީހެއް. އެއީ ހަގީގަތުގައި ޕޮއިންޓް އޮފް ކޮންޓެކްޓެއް. ދައުލަތުގެ ބެލުމުގެ ދަށުގައި ގައިދީން މިތިބެނީ. އެ މީހުން ބޭސްފަރުވާ އަށް ފުރީމާ އެ މީހުންގެ ބެލެނިވެރިކަން ޓްރާންސްފަ މިކުރަނީ އޭނާގެ ތިމާގެ މީހަކަށް،" އިގުރާރުގައި ސޮއިކުރާ މީހެއްގެ ޒިންމާ ތަފުސީލު ކޮށްދެއްވަމުން އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގެންފި ނަމަ، އެކަމުގެ ޒިންމާ ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނީ ސީދާ ނަޝީދަށެވެ. "ނަޝީދު ފިއްލައިފިއްޔާ ދައުވާ ކުރާނީ ނަޝީދުގެ މައްޗަށް. އާއިލާގެ ފަރާތުން ފޯމުގައި ސޮއިކުރި މީހަކަށް ނޫން،" އުމަރު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާ ގައިދީއަކާ ގުޅޭ ކަމެއްގައި، އޭނާގެ އާއިލާ އިން އިގުރާރު ފޯމުގައި ސޮއިކުރި އެއްވެސް މީހަކަށް މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވާނެ އެވެ. އުމަރު ވިދާޅުވީ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްޓަކައި، އިގުރާރު ފޯމުގައި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ސޮއިނުކުރާހާ ހިނދަކު، ނަޝީދަށް ނުފުރުއްވޭނެ ކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ ވަކީލުން ރޭ ވިދާޅުވީ ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވާ ދުވަސްވަރު، ރާއްޖޭގައި އެކަމަށް ޒިންމާވާނެ އާއިލާގެ މީހަކު އިގުރާރުގައި ސޮއިކުރަން ޖެހޭއިރު، އެހެން މީހަކު އެކަމުގެ ތެރޭގައި ބައިވެރިކުރައްވަން އެމަނިކުފާނު ބޭނުންފުޅު ނުވަނީ ކަމަށެވެ. އަދި އިގުރާރުގައި ސޮއިކުރައްވަން ބޭނުން ނުވަނީ އާއިލާ އިން ނޫން ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ. ނަޝީދު ފިލައިފިއްޔާ ދައުވާ ކުރާނީ ނަޝީދުގެ މައްޗަށް. އާއިލާގެ ފަރާތުން ފޯމުގައި ސޮއިކުރި މީހަކަށް ނޫން.-- އުމަރު އެކަމަކު އުމަރު ވިދާޅުވީ ގައިދީއަކު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ދާ ނަމަ، އެމީހަކު އެނބުރި އަންނަންދެން ރާއްޖެ އިން ޒިންމާވާނެ މީހަކު އިގުރާރުގައި ސޮއިކުރުމަކީ ޕެރޯލް އަދި ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ފުރިހަމަކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ އާއިލާގެ ފަރާތުން އެ ސޮއި ނުކޮށް ނަޝީދަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ތަކުރާރުކޮށް އުމަރު ވިދާޅުވި އެވެ. "މިއީ މީހަކު މިތަނުގައި ހޮސްޓެޖް ކުރުމެއް ނޫން. ގާޑިއަންޝިޕެއް ނުވަތަ ބެލެނިވެރިއަކު ކަނޑައަޅަނީ އެ މީހަކު އެނބުރި ރާއްޖެ އަންނަންދެން،" މިނިސްޓަރު ވިދާޅުވި އެވެ. "އެންމެ ފަހުން ނަޝީދު ގޭބަންދުގައި ވެސް ހުންނެވީ ހަމަ މި ޑޮކިއުމެންޓްގައި އަނބިކަނބަލުން ސޮއިކުރެއްވުމަށް ފަހު. އަނބިކަނބަލުން ރާއްޖެ އިން ފުރާވަޑައިގަންނަވަން ޖެހުމުން ސޮއި އެހެން ބޭފުޅަކަށް ޓްރާންސްފަ ވެސް ކުރެއްވި. އެހެންވީމާ މިއީ އަަލަށް ހިނގާ ކަމެއް ނޫން. ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވާ ގައިދީންނާ މެދު އަބަދުވެސް އަމަލުކުރާ އުސޫލެއް." ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި: އެމަނިކުފާނުގެ ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައި.---ހަވީރު ފައިލް ފޮޓޯ އުމަރު ވިދާޅުވި ގޮތުގައި ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ ކުރީގެ ރައީސުންނާ ބެހޭ ގާނޫނުގެ ދަށުންނެވެ. އެއީ ކުރީގެ ރައީސުން ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އެދިވަޑައިގެންފި ނަމަ، އެކަން ކޮށްދޭން ވާނެ ކަމަށް އެ ގާނޫނުގައި އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. "އެކަމަކު ކަރެކްޝަނަލް ސާވިސްގެ ގާނޫނުގައި ބަޔާންކުރާ ހުރިހާ ކަމެއް ނަޝީދުގެ މައްޗަށް ހިނގާނެ. ބޭސްފަރުވާ އަށް ފަހު އަނބުރާ ރާއްޖެ އަންނަން ޖެހޭނެ. ބޭސްފަރުވާގައި ހުންނައިރު ހުކުމުގެ މުއްދަތެއް ނުހިނގާނެ. ބޭސްފަރުވާ އަށް ފަހު ނައިސްފިއްޔާ، އެއީ ފިލައިގެން އުޅޭ މީހެއްގެ ގޮތުގައި ލިސްޓް ކުރެވޭނެ. ކުރުކޮށް ބުނާ ކަމަށް ވަންޏާ އެމްސީއެސް [ކަރެކްޝަނަލް ސާވިސް] ގެ ގާނޫނުގެ ހުރިހާ ކަމެއް ނަޝީދަށް އެޕްލައި ކުރެވޭނެ،" އުމަރު ވިދާޅުވި އެވެ. ނަޝީދުގެ މައިބަދައިގެ އޮޕަރޭޝަނާ ގުޅޭ ކަންކަމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން ކަރެކްޝަނަލް ސާވިސް އިން ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އުމަރު ވިދާޅުވީ އެ މުއްދަތު ހަމަވުމަށް ފަހު ވެސް ބޭސްފަރުވާގެ ކަންކަމަށް އިނގިރޭސިވިލާތުގައި ނަޝީދު ހުންނަވަން ބޭނުންފުޅު ނަމަ، ޑޮކްޓަރުގެ ލިޔުންތައް ހުށަހެޅުއްވުމުން އެކަން ހަމަޖެހޭނެ ކަމަށެވެ. ނަޝީދުގެ ވަކީލުން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާން ނަޝީދު ބޭސްފަރުވާ އަށް ފުރާވަޑައިގަންނަވަން އޮތީ ރޭގެ ވަގުތެއްގަ އެވެ. އެގޮތުން ސްރީ ލަންކަން އެއާލައިންސް އިން ޓިކެޓް ވެސް ގަނެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވެ އެވެ. އެކަމަކު ނަޝީދުގެ ދަތުރުފުޅު ކެންސަލް ކުރެއްވީ، އެމަނިކުފާނަށް ޒިންމާ ނަގާނެ މީހަކު އިގުރާރުގައި ސޮއިކުރަން ޖެހޭ ހިސާބުންނެވެ. ވަކީލުން ވިދާޅުވީ ނަޝީދު ބޭނުންފުޅުވީ އެމަނިކުފާނުގެ ފަރުވާ ނިމެންދެން އިނގިރޭސި ވިލާތުގައި ހުންނެވޭ ގޮތަށް އެ ގައުމަށް ވަޑައިގަތުމަށް ކަމަށެވެ. އަދި އާއިލާގެ ބޭފުޅެއްގެ ސޮއި، ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގަތުމާ ގުޅޭ ލިޔުންތަކުގައި ކުރަން ނުޖެހޭ ގޮތަށް ހަމަޖައްސަން ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް ވަކީލުން ފާހަގަކުރައްވަ އެވެ. ވަކީލުން ވިދާޅުވާ ގޮތުގައި ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގަތުމާ ގުޅޭ ކަންކަން ރައީސް އަބްދުﷲ ޔާމީނަށް ހުށަހެޅުއްވީ ލަންކާގެ ވަޒީރެކެވެ. އެ ހުށަހެޅުއްވުމުގައި، ބޭސްފަރުވާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ރާއްޖެ އިން ބޭރުގައި ނަޝީދު ހުންނެވުމާއި އެމަނިކުފާނު ފުރާވަޑައިގަތުމާ ގުޅޭ ލިޔުންތަކުގައި އާއިލާގެ އެއްވެސް ބޭފުޅަކު ސޮއިކުރައްވަން ޖެހިވަޑައިނުގަތުން ހިމެނޭ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ނަޝީދުގެ ވަކީލުން ވިދާޅުވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެކަމަށް އެބަސްވެވަޑައިގެންފަ އެވެ. މިކަމާ ގުޅޭ ގޮތުން އުމަރަށް "ހަވީރު"ން ސުވާލު ދެންނެވުމުން ވިދާޅުވީ ރައީސް ޔާމީނާއި ލަންކާގެ ވަޒީރަކާ ދެމެދު ދެއްކެވި ވާހަކަތަކުގެ ތަފުސީލު އެނގޭނީ ރައީސް އޮފީހަށް ކަމަށެވެ. އެކަމަކު ނަޝީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގައި، ޑީލެއް ނުހަދާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. "މި ސަރުކާރު އެހާ ޗީޕެއް ނުވާނެ. ބޮޑާހާކައިގެން ކަންކަމެއް ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ. ނަޝީދުގެ އޮޕަރޭޝަން ރާއްޖޭގައި ކުރެވޭތީ، އެމަނިކުފާނަށް ރާއްޖެ އިން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކުރިން ބުނަމުން އައި ނަމަވެސް، ކުއްލި ގޮތަކަށް އެ ނިންމުން މިދިޔަ ހޮނިހިރު ދުވަހު ބަދަލުކުރީ، ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ގާނޫނީ ލަފައަކުންނެވެ. އޭނާގެ ލަފާގައިވާ ގޮތުން ނަޝީދަކީ ކުރީގެ ރައީސަކަށް ވާތީ، ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނު އެދިވަޑައިގެންފި ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އެހެން ނަމަވެސް ގައިދީންނާ ބެހޭ ގާނޫނުގެ ދަށުން ނަޝީދަށް އެ ދޮރު ބަންދުވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ