މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ ސާފުކުރުމުގެ ބޮޑު ޖަރީމާއާއެކު އިޤްތިޞާދީ ނިޒާމަށް ނުރައްކާ

މަސްތުވާތަކެއްޗަކީ ރާއްޖެއަށް އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް އޮތް ބޮޑު ނުރައްކަލެކެވެ. އިޖުތިމާޢީގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވެ މުޖުތަމަޢުގެ ހަމަޖެހުން ނަގާލުމަށް ބަޔަކު އަންނަނީ މަސައްކަތްކުރަމުންނެވެ. އެވެރިންގެ ވިޔަފާރި ފުޅާކުރުމަށްޓަކައެވެ. މިކަންކަމާ ދެކޮޅަށް ޓާސްކް ފޯސްތައް އެކުލަވާލާ ފުލުހުންގެ ތެރެއިންނާއި މުވައްސަސާތަކާއި ގުޅިގެން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށް މަސްތުވާތަކެތި އަތުލައިގަތުމުގެ ގިނަ އޮޕަރޭޝަންތަކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިޑިސެމްބަރު މަހުގެ ތެރޭގައި އަތުލައިގަތް މަސްތުވާތަކެތީގެ އެކަނިވެސް އަގު 300 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އަރާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންކަމުން މިކަމުގެ އަޑީގައި ބޮޑެތި ވިޔަފާރި ވެރިން ސިޔާސީ ނުފޫޒުގެ ނިވާފަތްގަނޑުގެ ދަށުގައި ފިލާތިބިކަން މިއީ އެނގި ހާމަވާން އޮތް ޙަގީގަތެކެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން އަންނަކަމަށެވެ. އަދި މިކަމުންލިބޭ ފައިސާއަކީ ސާފު ފައިސާއަށް ހެދުމަށާއި ރާއްޖޭގެ އިޤްތިޞާދީ ނިޒާމުގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރަމުން ބަޔަކު އަންނަކަމަށެވެ. އެއީ މިފަދައިން ނަހަމަގޮތުގައި ހޯދާފައިވާ ފައިސާ ނޫންކަން ދެއްކުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ފަރާތްތަކާ ދެކޮޅަށް ފުލުހުން މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާ ސީޕީ ވިދާޅުވީ މިހާރު ބޭރުގެ އިންޓެލިޖެންސް ގްރޫޕްތަކާއި ގުޅިގެން ތަމްރީން ހޯދަމުން އަންނަކަމަށެވެ. އަދި ވަރަށް އަވަހަށް މިފަދަ ވިޔަފާރިތައް ހޯދާ އެފަރާތްތަކުން ހޯދަމުންދާ ނާޖައިޒް މާލީ މަންފާ ހުއްޓުވާނެ ކަމަށް ސީޕީ ޙަމީދުވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ ވަބާގެ އަސަރު ނުކުރާ އެންމެ ޢާއިލާއެއްވެސް މިކުޑަކުޑަ ޤައުމުގައި ނެތްކަން ތަފާސް ހިސާބުތަކުން ދައްކައެވެ. މިހާހިސާބުން ނިމުނީކީއެއް ނޫނެވެ. މީގެ ޝިކާރައަކަށް ޤައުމުގެ ކުޑަކުޑަ ކުދިން ވަމުންދާއިރު މިވަބާގައި އުމުރު ހުސްވަމުންދާ ޖީލެއްވެސް އޮތްކަން މިއަދުވަނީ ހާމަވެފައެވެ. މިކަމަށް ޢިޝާރާތްކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ޒުވާނުން ބޭނުންކުރުމުގެ ބަދަލުގައި މިހާރު ބޭނުންކުރަމުންދަނީ ކުޑަކުދިންކަމަށެވެ. އަދި މިވަބާގެ ޝިކާރައަކަށްވެފައިވާ 8000އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބިއިރު ފަރުވާގެ ނިޒާމުގެތެރޭގައި ތިބި މީހުންގެ ޢަދަދު 10 އިންސައްތައަށްވެސް ނާރާކަން ސީޕީ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ ނުރައްކާ ކުރިމަތިވެފައި އޮތް މިންވަރު ހާމަކުރައްވާ ސީޕީ ޙަމީދު ވިދާޅުވީ އަހަރަކު އެވްރެޖްކޮށް 400އާއި 500އާއި ދެމެދުގެ ޢަދަދަކަށް މީހުން މުޅިން އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާކަމަށެވެ. ދާދިފަހުން މާލޭގައި ހިންގުނު އޮޕަރޭޝަންތަކުގައި މާލޭގައި އެކަނިވެސް މަސްތުވާތަކެތި ވިއްކާ 43 ތަނެއް ބަންދުކޮށްފައިވާއިރު މީގެތެރެއިން 3 ތަނެއް އަލުން ހުޅުވާފައިވާކަމުގެ މަޢުލޫމާތު ލިބިގެން އެކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޢާއްމުގޮތެއްގައި މަގުމަތިން މަސްތުވާތަކެތި ވިއްކުން ޢާއްމުވަނީ މިފަދަ ތަންތަން ފުލުހުން ރެއިޑުތަކުގައި ބަންދުކުރުމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. 2018 ވަނަ އަހަރު ފެށިގެން މިހާތަނަށް އަތުލައިގަނެވިފައިވާ 1801 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން މިހާތަނަށްވަނީ ނައްތާލާފައެވެ. މީގެ އަގު ބިލިއަނުން މައްޗަށް އަރާއިރު މިއީ ރާއްޖޭގެ މުޅި އިޤްތިޞާދު ހިލުވާލާފަދަ ބޮޑެތި ޖަރީމާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ