ޒިކުރާ މިސްކިތުގެ މައްސަލަ: ބަދަލުގެ ގޮތުގައި އެސް.ޖޭއަށް ދިނީ ހުޅުމާލެގައި މިސްކިތެއް ބިނާކުރަން

މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ފަންގިފިލާގެ އިމާރާތެއް ހަދަން ހަވާލުކުރި އެއްބަސްވުން ބާތިލުކުރުމުން، އެސް.ޖޭ ކޮންސްޓްރަކްޝަނަށް ދަޢުލަތުން ދެއްކި، 30،000،000.00 (ތިރީސް މިލިއަން ރުފިޔާ) އަނބުރާ ދަޢުލަތަށް ނެގުމުގެ ބަދަލުގައި، ހުޅުމާލޭ ދެވަނަ ދިޔަވަހީގައި މިސްކިތެއް ބިނާކުރަން އެކުންފުންޏާއެކު ސަރުކާރުން އެއްބަސްވެއްޖެއެވެ.
ޒިކުރާ މިސްކިތުގެ ޢިމާރާތް ތަޅާލައި އެތާނގައި ވަގުފު ޢިމާރާތެއް ބިނާކުރަން އެސް.ޖޭ ކޮންސްޓްރަކްޝަނާ ޙަވާލުކުރީ 09 ޖުލައި 2018ގައެވެ. އެއީ މިސްކިތަކާއެކު ބިނާކުރާ، 10 ބުރީގެ އިމާރާތެކެވެ. އިމާރާތުގެ 3 ފަންގިފިލާ ޚާއްސަކުރަން ކަނޑައެޅީ ނަމާދުކުރާ ބައިގެ ގޮތުގައެވެ. އަދި އިމާރާތުގެ 7 ފަންގިފިލާ ޚާއްސަކުރަން ނިންމާފައި އޮތީ އޮފީސް ހިންގުމަށް ދޫކުރުމަށެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ނުފެށި، އޮތުމަށްފަހު، ސަރުކާރުން ފަހުން ވަނީ އެއްބަސްވުން ބާޠިލުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، މިސްކިތް ހުރި ބިމުގެ ރަޖިސްޓްރީ ވެސް ނެތެވެ.
ވަގުފު އިމާރާތުގެ މަސައްކަތަށް އެސް.ޖޭ ކުންފުންޏަށް ދަޢުލަތުން ދެއްކި 30،000،000.00 (ތިރީސް މިލިއަން) ރުފިޔާ ހޯދުމަށް އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައިި ދަޢުލަތުން ދައުވާ އުފުލާފައިވެއެވެ. މި މައްސަލައިގެ ޑިސްޕިއުޓް މަރުޙަލާގައި، އެސް.ޖޭ ކުންފުނިން ވަނީ ދެފަރާތް އެއްބަސްވެވޭ ގޮތެއްގެމަތިން މިސްކިތެއް ބިނާކޮށްދިނުމަށް ހުށަހަޅާފައެވެ.
މި ހުށަހެޅުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، މި މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިނިސްޓްރީން ނިނެމެވިއެވެ.
މިކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއްގައި، އިސްލާމިކް މިނިސްޓްރީއާ އެސް.ޖޭ ކޮންސްޓްރަކްޝަނާ ދެމެދުވަނީ މިހާރު ސޮއިކޮށްފައެވެ. މި އެސްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިސްޓަރ ޑރ.އަހުމަދު ޒާހިރު ޢަލީއެވެ. އެސް.ޖޭ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަލްއުސްތާޛް ޝިހާދު އިބްރާހީމެވެ.
މި އެއްބަސްވުމުގައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އިމާރާތްކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ