ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ސްރީލަންކާގައި ހޯމަ ދުވަހު މަޑުކޮށްލެއްވުމަށްފަހު، ގަތަރަށް އިއްޔެ ފުރާވަޑައިގަންނަވަމުން ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެއަށް ޝުކުރު އަދާކުރައްވައި މެސެޖެއް ފޮނުއްވައިފި އެވެ.
ރައީސް ސްރީލަންކާގައި މަޑުކޮށްލައްވާ ކަމުގެ މައުލޫމާތު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބިވަޑައިގެންނެވުމުން ވެސް، ސްރީލަންކާގެ ރައީސާއި ސަރުކާރުގެ ފަރާތުން ރައީސަށާއި އެމަނިކުފާނުގެ އަރިހުގައި ގެންދެވި ވަފްދުގެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުހަބާ އާއި ބެހެއްޓެވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ސްރީލަންކާގެ ރައީސަށާއި ސްރީލަންކާގެ ސަރުކާރަށް ރައީސްގެ މެސެޖުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސްގެ ފަރާތްޕުޅުން ފަރިއްކޮޅެއް ދެއްވިކަމީ ރައީސަށް ވަރަށް ބޮޑު ޝަރަފެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި، ކައިރި މުސްތަގުބަލެއްގައި ސްރީލަންކާގެ ރައީސް ރާއްޖެއަށް ޒިޔާރަތެއް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އެކަމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ސްރީލަންކާގެ ރައީސަށް ރައީސް މައުމޫން ޝުކުރު އަދާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ