ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ކާމިޔާބު ކުރުމަށް، ޑީއާރްޕީ ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް: ރައީސް ނަޝީދު

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ރާއްޖޭގައި ކާމިޔާބު ކުރަން ބޭނުން ނަމަ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަތަރު ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރޭ، ރައީސް ވިދާޅުވީ ރާއްޖޭގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާ ކުރަން ބޭނުން ނަމަ ސިޔާސީ ޕާޓީތައް، ހާއްސަކޮށް ޑީއާރްޕީ ހަރުދަނާ ކުރުމުގެ މަސައްކަތް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އެމްޑީޕީ އެކަނި ހަރަކާތްތެރިވެގެން ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ކާމިޔާބު ނުކުރެވޭނެ ކަމަށް އިޝާރާތްކުރައްވައި ޑިއާރްޕީ ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވީ ވަރަށް ހަރު އަޑުފުޅުންނެވެ.
އަދި ވިދާޅުވީ ޑީއާރްޕީ މިއަދު އޮތް ހާލަތުގައި އޮވެގެން ޑިމޮކްރަސީގެ ފައިދާ ރާއްޖެއަށް ނުލިބޭނެ ކަމަށާއި އެކަން ވާނީ ޑީއާރްޕީ ބިނާކޮށް، ވާދެވެރި ސިޔާސީ ޕާޓީތައް ހަރުދަނާކޮށްގެން ކަމަށެވެ. އެއީ ކޮންމެހެން ބޭނުންވާންޖެހޭނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީއާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީ ތަރައްގީ ނުވެ އޮންނަނީ ވޭތުވެދިޔަ 30 އަހަރު ވެރިކަން ކުރި ބޭފުޅުންގެ ދިފާއުގައި އެ ޕާޓީ އޮތުމުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޑީއާރްޕީ އަށް ތަރައްގީ ނުވެވި އެވަނީ ޒަމާނުއްސުރެ ފަށައިގެން ހާއްސަކޮށް މިދިޔަ ދިގު 30 އަހަރު ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ވަށައިގެން ޕާޓީއެއް އުފައްދައި އަދިވެސް އެ ބޭފުޅުންގެ ދިފާއުގައި ގެންގުޅޭ ބައެއްގެ ގޮތުގައި އެ ޕާޓީ (އޮތުން)،" ރައީސް ވިދާޅުވި އެވެ.
ޑީއާރްޕީ އިސްލާހުކޮށް އެ ޕާޓީ ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެ ޕާޓީގެ "ޒުވާން ލޭ" އެ މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އުންމީދުކުރަން ޑީއާރްޕީގެ ޒުވާން ލޭ ޑީއާރްޕީގެ ޒުވާން މެންބަރުން، ހާއްސަކޮށް ޑީއާރްޕީގެ ޒުވާން ރައްޔިތުން މަޖިލީހުގެ މެންބަރުން ނުކުންނަވައި އެ ބޭފުޅުންގެ ޕާޓީ އެ ބޭފުޅުންނަށް ހޯއްދަވާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ކުރީގެ މިނިސްޓަރުންނަށް ރާއްޖޭގައި ހެޔޮވެރިކަމަކަށް މަގުފަހުވާ ފަދަ ފުރިހަމަ ސިޔާސީ ޕާޓީއެއް ހިންގިދާނެ ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި އެކަން ކުރައްވަން އެ ބޭފުޅުންނަށް ވަރަށް ދަތިފުޅުވާނެ ކަމަށެވެ. މީގެ އިތުރުން ޑިމޮކްރަސީއަށްޓަކައި ރައީސް މައުމޫނު ކަމެއް ކޮށްދެއްވާ ނަމަ އެ މަނިކުފާނު އެދިވަޑައިގަންނަވާ ހަމައެކަނި ކަމަކީ ރައީސް މައުމޫނު ޑީއާރްޕީ ދޫކޮށްލެވުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ރައީސް މައުމޫނަށް ދެން ކޮށްދެވަން އޮތް އެންމެ މުހިންމު އަދި އެންމެ ފައިދާ ހުރި ކަމަކީ އެ ބޭފުޅާ ޑީއާރްޕީ ދޫކޮށްލެއްވުން (ކަމަށް). އަޅުގަނޑު އަނެއްކާ ވެސް ރައީސް މައުމޫނުގެ އަރިހުން ވަރަށް އިހުލާސްތެރިކަމާއެކު މިއެދެނީ އެ ބޭފުޅާ ޑީއާރްޕީގެ ޒައީމް ކަމުން އިސްތިއުފާ ދެއްވުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑީއާރްޕީއަށް އެ މަނިކުފާނުގެ ޕާޓީ، އެމްޑީޕީއާ ފައިހަމަނުކުރެވި އޮންނަން ޖެހިފައި ވަނީ އެ ޕާޓީ ބިނާވެފައި ނެތުމާއި ކަންކަން އެ ޕާޓީން ނިންމަމުން ގެންދާ ގޮތުން ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ޑީއާރްޕީގެ ވަރަށް ގިނަ ބޭފުޅުން ހާއްސަކޮށް މަޖިލީހަށް ހޮވިވަޑައިގެންނެވި ޒުވާން މެންބަރުންނަކީ ވަރަށް ގާތުން އެ މަނިކުފާނު ދެނެވަޑައިގަންނަވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުން ޑީއާރްޕީ ތަރައްގީ ކުރަން ބޭނުންފުޅުވެލައްވާނެކަން އެ މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ