ސަން ޓްރެވެލް އަހުމަދު ޝިޔާމު ޑީއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގެންފި

ކުރީގެ ސަރުކާރު ހިންގި ޕާޓީ، ޑީއާރުޕީގެ އެއް ނައިބު ޒައީމު، އަދި މަޝްހޫރު ޓޫރިޒަމް ވިޔަފާރިވެރިޔާ، އަހުމަދު ޝިޔާމު މުހައްމަދު ޑީއާރުޕީގެ ނައިބު ޒައީމުކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވެސް ވަކިވެވަޑައިގެންފި އެވެ.
ނަމަވެސް އެކަން އަދި ޑީއާރުއަކުން ޔަގީނެއް ނުކޮށްދެ އެވެ.
ޕާޓީގެ ނައިބު ޒައީމު ކަމުން އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމު ވިދާޅުވީ އޭނާ ޕާޓީން ވަކިވެވަޑައިގަތީ، 1927 ވަނަ އަހަރަށް ފަހު ދުނިޔޭގެ އިގްތިސާދު ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް އިގްތިސާދު ދަށަށްދާނެ ކަމަށް ބައެއް ތަޖުރިބާކާރުން ލަފާދެއްވާ ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ވިޔަފާރި އަށް ނުދެއްވާ ސަމާލުކަމެއް އެހެން ކަމަކަށް މި ވަގުތު ދެއްވަން ޖެހޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ޓޫރިޒަމް އޮކިއުޕަންސީ 20 ނޫނީ 25 ޕަސެންޓް ވަރު ދަށަށް ދާނެ ކަމަށް ފޯކާސްޓްކުރެވޭ ކަމަށެވެ.
"މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ އަޅުގަނޑާ އެކު އަޅުގަނޑުގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ އެތައް ހާސް މުއައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ހިމާޔަތްކަން ހޯދައިދިނުން،" ހަތަރު ރިސޯޓް ހިންގަވާ ޝިޔާމު ވިދާޅުވި އެވެ: "އަޅުގަނޑުގެ ހުރިހާ ވަގުތެއް މި ވިޔަފާރީގެ ތެރެއަށް ހުސްކޮށް ވަގުތު ދޭން ބޭނުން."
ޝިޔާމު ވިދާޅުވީ އޭނާގެ ވިޔަފާރިތަކުގައި މަސައްކަތްކޮށްގެން އާމްދަނީ ލިބޭ އާއިލާތަކުގެ އަދަދު 2000 އަށް ވުރެ މަތިވާނެ ކަމަށެވެ. އަދި ރިސޯޓްތަކުގެ ތެރެއިން އެންމެ ބޮޑު މުސާރަ ވެސް ދެނީ އޭނާގެ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިން ތިއްބަވަން ޖެހޭނީ ވިޔަފާރި ކުރައްވަން ވަތްގަނޑު ދޮށުގައި ކަމަށާއި ސަރުކާރުގައި ނުވަތަ ސިޔާސީ ޕާޓީތައް ހިންގަވަން ވިޔަފާރިވެރިން ތިއްބެވުމަކީ އޭނާ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. ނަމަވެސް އޭގެ މާނައަކީ އެފަދަ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުފުރުއްވޭނެ ވާހަކަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތި ލިއަސް ލާނީ އަމިއްލަ ގޮތުން. އެއްވެސް ޕާޓީއެއްގެ ޓިކެޓެއްގައެއް ނޫން،" މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގެ ދ. އަތޮޅުގެ އެއް ގޮނޑި ފުރުއްވާ ޝިޔާމު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެން އެއްވެސް ސިޔާސީ ހަރަކާތަކުން ކައިރި މުސްތަގުބަލެއްގައި ފެނިދާނެތޯ ދެންނެވުމުން ޝިޔާމު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދީ ކަންތައްތައް ހަމައަކަށް ނޭޅެނީސް ފަހަރެއްގައި ވެސް ސިޔާސީ ޕާޓީއަކާ ގުޅި، އަދި ސިޔާސީ ހަރަކާތެއްގެ ތެރޭގައި އުޅުއްވަން ވިސްނަވާފައި ނުވާ ކަމަށެވެ.
ޑީއާރުޕީން ވަކިވެވަޑައިގަތީ ޒައީމު މައުމޫން އަބްދުލްގައްޔޫމާ މަޝްވަރާ ކުރައްވާފައިތޯ ދެންނެވުމުން ޝިޔާމު ވިދާޅުވީ އޭނާ އެ ޕާޓީގެ ނައިބު ޒައީމުގެ މަގާމަށް ކުރިމަތިލެއްވީ ވެސް ވަކި ބޭފުޅަކާ މަޝްވަރާ ކުރައްވާފައި ނޫން ކަމަށާއި ޕާޓީން ވަކިވެވަޑައިގަންނަވާއިރު ވެސް ވަކި ބޭފުޅަކާ މަޝްވަރާކުރައްވަން ނުޖެހޭ ކަމަށެވެ. އަދި އެފަދަ މަޝްވަރާއެއް ޒައީމާ ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޑީއާރުޕީގެ ނައިބު ޒައީމުގެ ގޮޑި ކާމިޔާބު ކުރީ ވެސް އޭރުގެ ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން އެންޓި ކެމްޕޭން ކުރަމުން ދަނިކޮށް، އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ ބޭފުޅުންނާއި ނިއު މޯލްޑިވްސް މޫވްމަންޓްގެ ބޭފުޅުން ވެސް ހިމެނޭ." ޝިޔާމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ޕާޓީއެއް އިންތިހާބަކާ ކުރިމަތިލައި އެ އިންތިހާބަކުން ނާކާމިޔާބު ވެއްޖެ ނަމަ ވީހާ އަވަހަކަށް ޕާޓީގެ އެތެރޭގެ ކޮންގްރެސްއެއް ބާއްވައި އާ ލީޑަޝިޕަކަށް ޖާގަ ދޭން ޖެހެ އެވެ. އަދި އެގޮތުން ޑީއާރުޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ވެސް އިސްތިއުފާ ދެއްވައި އެ އުސޫލުން އަމަލުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިޔާމު ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ޑީއާރުޕީގެ އަސާސީ ގަވައިދު ބަދަލުކޮށް އިންތިހާބަކާ ކުރިމަތި ލާއިރު އެތެރޭގެ އިންތިހާބެއް ބާއްވައި އެ އިންތިހާބުގައި ވާދަކުރާނެ މީހަކު ކަނޑައަޅަން ޖެހޭ ކަމަށެވެ. ޕާޓީގެ މިހާރުގެ ގަވައިދު އޮތް ގޮތަށް އިންތިހާބުގައި ވާދަކުރައްވާ ފަރާތަކީ ކޮންމެހެން ޕާޓީގެ ޒައީމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ވުން ލާޒިމު ނޫން ކަމަށެވެ.
ޑީއާރުޕީގެ ހަތަރު ނާއިބު ޒައީމުންގެ ތެރެއިން ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި ޝިޔާމު ވިދާޅުވި ގޮތުގައި ނައިބު ޒައީމުގެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތީ އެއްވެސް ބޭފުޅަކާ ދޭތެރޭ އެއްވެސް މައްސަލައެއް އޮވެގެން ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ