ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޯޓިކްސް(އޭއޭއޭ) އިން ސ. ގަމުގައި ގާއިމުކުކޮށްފައިވާ ފުލައިން ސްކޫލް ރަސްމީކޮށް އިއްޔެ ހުޅުވައި އޮގަސްޓް 1 ގައި ކޯސްތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ދިވެހި ސަރުކާރާއި އޭއޭއޭ ގުޅިގެން ރާއްޖޭގައި ގާއިމްކުރި ފުރަތަމަ ފުލައިން ސްކޫލް ރަސްމީކޮށް ހުޅުވުމަށް މިނިވަން ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ޑިފެންސް މިނިސްޓަރުކަމަށް އައްޔަންކުރައްވާފައިވާ އަމީން ފައިސަލް އެވެ.
މި ރަސްމިއްޔާތުގައި އޭއޭއޭގެ ޗެއާމަން އަލީ އަކްބަރު ޖިވެންޖީ އާއި ކުންފުނީގެ ޑިރެކްޓަރު، ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި ހެޑް އޮފް ޕައިލެޓް ޓްރޭނިން ކެޕްޓަން ސުރަންޖަން ޑި ސިލްވާގެ އިތުރުން އައްޑު އަތޮޅުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި އެވެ.
ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ގާއިމުކޮށްފައިވާ ފުލައިން ސްކޫލް ހުޅުވައި ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ފައިސަލް ވިދާޅުވީ މި ސްކޫލުގެ ސަބަބުން ރާއްޖެ އަށް އަދި ހާއްސަކޮށް އައްޑު އަތޮޅަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޕައިލެޓް ދާއިރާ އިން ކުރިއަށް ދާން ބޭނުންވާ ދިވެހި ޒުވާނުންނަށް މި ސްކޫލުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރުގައި ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ދިވެހި ކުދިންތަކެއް މިހާރު ވެސް މި ދާއިރާ އިން ތަމްރީނު ވަމުން އެބަ ދޭ. އެހެންނަމަވެސް ރާއްޖޭގައި މިފަދަ ސްކޫލެއް ހުޅުވުމުގެ ސަބަބުން ކުރިން މިކަމަށް ކުރަން ޖެހުނު ހޭދަ ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އަމީން ފައިސަލް ވިދާޅުވި އެވެ. "އެހެންވެ މިއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި މިތަނުން ދިވެހި ކުދިންނާ އެކު ބޭރުގެ އެކި ގައުމުތަކުގެ ކުދިން ވެސް ހަމަ ތަމްރީނުތައް ހަދަމުން ދާނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވެސް އިންޑިޔާގެ 60 ވަރަކަށް ދަރިވަރުން ކޯހުގައި ބައިވެރިވުމަށް އެޕްލައިކޮށްފައި އެބަހުރި."
ކޯހުގައި މިހާތަނަށް ބައިވެރިވާން އެދިފައި ވަނީ ކިހާ އަދަދެއްގެ ކުދިންނެއް ކަމެއް އޭއޭއޭ އިން ހާމަކޮށްފައެއް ނުވެ އެވެ.
އޭއޭއޭގެ ޗެއާމަން ޖިވެންޖީ ވިދާޅުވީ ފުލައިން ސްކޫލް ރަސްމީކޮށް ހުޅުވުނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެކު ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރާއި ލަންކާ އާއި އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފްލައިން ސްކޫލްގައި ޕްރައިވެޓް ޕައިލެޓް ލައިސަންސް (ޕީޕީއެލް) އާއި ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީޕީއެލް) ފެންވަރުގެ ކޯސްތައް ހިންގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ރާއްޖޭގެ ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓްގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ކުރިއަށް ގެންދާ ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ.
އޭއޭއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ކޯސްތައް ފަށާ އިރު، ފުރަތަމަ ބެޗުން ޖާގަ ދޭނީ 60 ފަރާތަކަށެވެ. އަދި ކޯސްތަކުގެ ޖާގައިގެ 25 ޕަސެންޓް ދިވެހިންނަށް ދިނުމަށް ސަރުކާރުން ވަނީ އެ ކުންފުންޏަށް ޝަރުތުކޮށްފަ އެވެ.
އޭއޭއޭ އިން ބުނި ގޮތުގައި އާންމު ގޮތެއްގައި ކޯހެއްގެ އަގު އުޅޭނީ 7،400 ޑޮލަރު ( 95،090ރ.) އާއި 32،710 ޑޮލަރު ( 20،353.5 4ރ.) އާ ދެމެދުގަ އެވެ. ދިވެހި ކުދިންނަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭން ވެސް ސަރުކާރުން ޝަރުތުކޮށްފައިވެ އެވެ.
ފުލައިން ސްކޫލު ގާއިމްކުރުމުގެ އެއްބަސްވުމުގައި ޖެނުއަރީ ،21 2009 ގައި ސަރުކާރުން ސޮއިކޮށްފައިވާ އިރު ރަސްމީކޮށް ފުލައިން ސްކޫލް ގަމުގައި ހިންގުން އޭއޭއޭއާ ހަވާލުކޮށްފައި ވަނީ ޖެނުއަރީ ،28 2009 ގަ އެވެ.
ފޮރިން އިންވެސްޓްމަންޓެއްގެ ގޮތުގައި ގާއިމުކޮށްފައިވާ އައްޑޫ ފްލައިން ސްކޫލުގެ އެއްބަސްވުމުގެ މުއްދަތަކީ ފެބުރުއަރީ ،1 2009 އިން ފެށިގެން 10 އަހަރެވެ.
އައްޑޫ ފުލައިން ސްކޫލް ރަސްމީކޮށް ހުޅުވައި އޮގަސްޓް 1 ގައި ކޯސްތައް ފަށާ ގޮތަށް ހަމަޖައްސައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ