ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ވައިޖެހޭ އަހުމަދު ރަޝީދު އަވަހާރަވެއްޖެ

ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ވައިޖެހޭ އަހުމަދު ރަޝީދު މިއަދު ހެނދުނު ސްރީ ލަންކާގައި އަވަހާރަވެއްޖެ އެވެ.
އުމުރުން 75 އަހަރުގައި އޭނާ އަވަހަރާވީ ލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގަ އެވެ.
އަހުމަދު ރަޝީދުގެ އާއިލާ އިން ވާހަކަ ދެއްކެވި އޭނާ ޅީދަރިކަނބަލަކު ވިދާޅުވީ ސަރުކާރުގެ ވަޒީފާ އިން ވަކިވެވަޑައިގެންނެވި ފަހުން ބައްޕާފުޅު އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި ފަހަކަށް އައިސް ދިމާވި ސިއްހީ މައްސަލަ އަކީ މައިބަދައިގައި ރިއްސުން ކަމަށެވެ.
އަހުމަދު ރަޝީދު (ފޮޓޯ) އުފަންވެވަޑައިގަތީ މާޗު ،21 1934 ގަ އެވެ. އޭނާ ސަރުކާރުން ވަކިވެވަޑައިގެންނެވީ ސެޕްޓެމްބަރު ،7 2005 ގަ އެވެ.
ހ. ނަސްރީނުގޭ، ވައިޖެހޭ އަހުމަދު ރަޝީދަކީ ތަފާތު ދައިރާތަކުގައި ދެ ފަހަރެއްގެ މަތިން ސަރުކާރަށް 48 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު އޭނާ ހިދުމަތް ކުރައްވާފައި ވަނީ ޝަރުއީ ދާއިރާގަ އެވެ. އެ ދާއިރާގައި 18 އަހަރު ދުވަހު ހިދުމަތް ކުރެއްވި އިރު އެ ދާއިރާގައި އޭނާއާ ގުޅިފައިވާ ތާރީހީ ކަންތައްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ހަތަރު އަހަރަށް، ހދ. މަކުނުދު އަށް އަރުވާލައްވަން ކުރެއްވި ހުކުމް ފާހަގަކުރެވެ އެވެ.
ސަރުކާރުގައި އަހުމަދު ރަޝީދު އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރުގެ ހާއްސަ ވަކީލުކަމާއި ޖަސްޓިސް މިނިސްޓްރީގެ ގާޒީ ކަމާއި ހާއްސަ ގާޒީ ކަމާއި މާކެންޓައިލްސް ޑިވިޒަންގެ ގާޒީ ކަމާއި ބްރީޗް އޮފް ލޯ އެންޑް ޕޮލިޓިކަލް ޓްރައިލްސް ޑިވިޒަންގެ ގާޒީ ކަމާއި ޖަސްޓިސްގެ ސީނިއާ އަންޑަ ސެކްރެޓަރީ ކަމާއި ޑިރެކްޓަ އޮފް ޖުޑީޝަލް އެފެއާޒް ކަމާއި ޑިރެކްޓަ އޮފް އެޑްމިނިސްޓްރޭޝަން ކަމާއި ބަންޑާރަ ނައިބު އޮފީހުގެ އެހީތެރިޔާ ކަމާއި ސީނިއާ އަންޑަ ސެކްރެޓެރީ ކަމާއި މާލޭ މުނިސިޕަލްޓީގެ ރަޖިސްޓްރާ އޮފް ލޭންޑްސް ކަމާއި ސީނިއަ ރަޖިސްޓްރާ އޮފް ލޭންޑްސްގެ މަގާމާއި ރައީސްގެ އެހީތެރިޔާ ކަމާއި އަތޮޅުވެރިކަން ހިމެނެ އެވެ.
އަހުމަދު ރަޝީދު ސަރުކާރުގެ ވަޒީފާ އިން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.
އަހުމަދު ރަޝީދު އަވަހާރަވި އިރު އަނބިކަނބަލަކާއި ހަ ބޭފުޅުން ދުނިޔޭގައި ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ