ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަންޖެހޭ ވަރުގެ މައްސަލައެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ބޭސް ފަރުވާއަށް މަހެއްހާ ދުވަސްވަންދެން ޖަރުމަންގައި ހުންނެވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މިސަރުކާރުގައި ވެސް އިސްލާހު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކުރަންޖެހޭ ވަރުގެ މައްސަލައެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސް ވަހީދާއި ހޯމް މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ގާނޫނު އަސާސީން ތަންދިން ނަމަވެސް،އެ ފަދަ ވޯޓެއް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އެއްބާރުލުން ނުދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މަޖިލީހުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސްގެ އަދި މިނިސްޓަރުގެ ނޯ ކޮންފިޑެންސް ވޯޓެއް ނެގިދާނެ ކަމަކަށް. އަޅުގަނޑު ވަރަށް ކަށަވަރު ކަމާއެކު މި ދަންނަވަނީ ވޯޓެއް ނެގި ނަމަވެސް އެކަން ކާމިޔާބު ނުވާނެކަން." ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީން އެ ފަދަ މައްސަލައެއް މަޖިލީހަށް ފޮނުވާފައިވަނީ ރައްޔިތުންގެ މެދުގައި ދޮގު ވާހަކަތައް ފަތުރައި އެ ވާހަކަތައް ވިއްކުމަށް ކަމަށް ގާސިމް މިއަދު ތުހުމަތުކުރެއްވި އެވެ.
އަދި އެމްޑީޕީގައި ތިބި އާއްމު މެމްބަރުންވެސް އެޕާޓީ ދޫކޮށް އެހެންޕާޓީތަކާއި ގުޅުމަށް ވެސް ގާސިމް އިބްރާހިމް މިއަދު ގޮވާލެއްވި އެވެ. ގާސިމް އިބްރާހިމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް އެވޯޓު ކާމިޔާބު ކުރެވޭނެފަދަ ގާބިލްކަމެއްވެސް އެޕާޓީގައި ނެތެވެ.
އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހޭ ވަރުގެ މައްސަލައެއް ނެތް - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ