ރައީސް ޔާމީނާއި ރައީސް މައުމޫނު ބައްދަލު ކުރައްވަން ނިންމަވައިފި

ސަރުކާރު ހިންގަމުންދާ ޕާޓީ ޕީޕީއެމް ގެ ތެރޭގައި މިދުވަސް ކޮޅު އުފެދިފައިވާ ހަމަ ނުޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް އެމައްސަލަތަށް ހައްލުކުރުމުގެ ގޮތުން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފި އެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ރިފާޢު (ބޮޗޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ މިވަގުތު ޕީޕީއެމް ތެރޭގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް ޕީޕީއެމް ޕީޖީ އިސްނަންގަވައިގެން ރައީސް ޔާމީން އަދި ރައީސް މައުމޫން ބައްދަލު ކުރެއއްވުމަށް ނިންމައިފި ކަމަށެވެ.
މިދުވަސްކޮޅު ޕީޕީއެމް ތެރޭގައި ގިނަގުނަ މައްސަލަ ތަކެއް އުފެދިފައިވާތީ، އެމައްސަލަތަށް ހައްލު ނުކޮށް އަންނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާާބު ޕީޕީއެމް ކާމިޔާބު ކުރަން ދަތިވާނެ ކަމަށް ރައީސް ޔާމީން ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޕީޕީއެމް ގެ ތެރޭގައި އުފެދިފައިވާ މައްސަލަ ތަކުގެ ސަބަބުން ރައީސް ޔާމީނާއި ރައީސް މައުމޫނަށް ތާޢީދު ކުރައްވާ ފަރާތްތަކުގެ މެދުގައިވަނީ ގިނަގުނަ ޙިޔާލު ތަފާތުވުން ތަކެއް ވެސް އުފެދިފައެވެ.
މީގެ އިތުރުން މިފަދަ މައްސަލަ ތަކުގެ ސަބަބުން ކައުންސިލް ބައްދަލު ވުމެއްވެސް ޕީޕީއެމް ގައި ނުބާއްވާތާ ވަރަށް ގިނަ ދުވަސް ވަނީ ތަކެއް ވެފައެވެ. ރައީސް މައުމޫނާއި ދެކޮޅަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު، ސިވިލް ކޯޓުގައި މައްސަލަ ހުށަހަޅާފައިވާތީ. އެބޭފުޅުން ރައީސް މައުމޫންގެ އަރިހުން މާފަށް ނޭދެނީސް ޕާޓީގައި ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ