އަދުލު އިންސާފު ގާއިމު ކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ހުކުމަކާއެެކު މަގާމު ގެއްލިފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 ހަމާއި 6 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދޭން އެދި އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
މި ތިން ބޭފުޅުންގެ މައްޗަށް މި ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ދަންވަރު, ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ ކުރި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ. މި މަހުގެ 13 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން އެދި ހުށަހެޅުއްވީ އާދިއްތަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު މި މައްސަލައިގައި ހުކުމް ކުރެއްވީ މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުން ނިންމުމަށް ފަހު ކުޑަ ވަގުތުކޮޅަކަށް ޝަރީއަތް މެދު ކަނޑާލުމަށް ފަހުއެވެ. ޖަލު ހުކުމުގެ އިތުރުން މި ތިން ބޭފުޅުނަށް ގާނޫނީ ވަކީލުންގެ ހުއްދަ އާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ދައުލަތުން ދީފައިވާ ކަމަށްވާނަމަ އެ ހުއްދަ ވެސް ބާތިލްވާނެ ކަމަށް މި ހުކުމާއެކު ކަނޑައަޅާފައިވެ އެވެ. އެ ބޭފުޅުން ހިންގާފައިވާ އަމަލަކީ އެ ބޭފުޅުންގެ ހަސިއްޔަތުން ކުރަން ޖެހޭފަދަ އަމަލެއް ނޫން ކަމަށްބުނެ އެގޮތައް ކަނޑައެޅި ނަމަވެސް މިއީ ދައުލަތުން ވެސް އެދިފައިވާ ގޮތެއް ނޫނެވެ.
މައްސަލައިގައި ހުލާސާ ބަޔާން އިއްވި މަޖިލީހާއި ހުކުމް ކުރުމުގެ މަޖިލީސް ވެސް ބޭއްވީ ތިން ބޭފުޅުންގެ ދިފާއީ ވަކީލުން ނެތި އެވެ. ހުކުމް އިއްވުމުގެ ކުރިން ގާޒީ ވިދާޅުވީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އެ ބޭފުޅުން ފުލުހުން ދީފައިވާ ބަޔާނުން އެ ބޭފުޅުން ފޯނު ގެންގުޅޭކަން އެނގޭ ކަމަށެވެ.
ރައީސް މައުމޫނުގެ ފޯނު ދިނުމަށް ފުލުހުން އެދުނީ ގާނޫނާ ހިލާފަށް ބަޔަކު ރާވަައިގެން ދިވެހި ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުުރު ބަޔަކަށް ރިޝްވަތުގެ ގޮތުގައި ފައިސާދޭން އުޅުނު ކަމަށާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުނަށްވެސް ރިޝްވަތުގެ ގޮތުގައި ފައިސާދިންކަމަށް ބުނާ މައްސަލައިގެ ހެކި އެ ފޯނުގައި ހުންނާނެތީ ކަމަށް ހެކިބަސް ދިން ދެ ފުލުހުން ބުނެފައިވެ އެވެ.
ގާޒީ ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ރައީސް މައުމޫނުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ޝަރީއަތައް ގަބޫލުކުރެވެ އެވެ.
ހަމަ އެގޮތައް ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް ފޯނު ދޭން އެދުނީ އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވުނު، ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރުމަށް އިތުރު ބަޔަކާ ގުޅިގެން މަސައްކަތްކޮށް، ޝަރީއަތުގެ ހުކުމްތައް އެކި މީސްމީހުން ބޭނުންވާ ގޮތްގޮތަށް ކުރުމަށްޓަކައި އެމީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒުފޯރުވައި، ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެނިހެން މަސައްކަތް ކުރުމަށް ހުރަސްއަޅާފައިވާ މައްސަލައިގެ ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ހެކިން ބުނެފައިވެ އެވެ. ގާޒީ ވިދާޅުވީ އެ ބޭފުޅުންގެ މައްޗަށް ތުހްމަތު ކުރެވުނު އެ މައްސަލައިގައި ހެކި އެ ފޯނުގައި ހުންނާނެ ކަމަށް ބުރަ ވެވޭ ކަމަށެވެ.
މި މައްސަލައިގައި ގާނޫނީ ވަކީލުން މައްސަލަ ދޫކޮށްލާފައިވާއިރު ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވި ގޮތުގައި މައްސަލައިގައި ދިފާއީ ވަކީލުންގެ ހައްގު ދައުވާ ލިބޭ ފަރާތަށް ވަނީ ދީފައެވެ. އަދި މައްސަލައިން ވަކީލުން ތަނާޒުލުވިފަހުން ވެސް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ހުޅުވާލާފައި އޮތުމަކީ ގާނޫނީ ވަކީލުންންގެ ހައްގު ދީފައި އޮތުންކަން 2016 ވަނަ އަަހަރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާ އަކުން އެނގޭ ކަމަށް ބުނެފައިވެ އެވެ.
ހުކުމް އިއްވަމުން ގާޒީ ވަނީ ޝަރީއަތުގައި ލިބެން ޖެހޭ އެންމެހާ ހައްގުތައް ލިބިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މި މައްސަލައިގައި ދިފާއީ ހެކިބަސް ނުނެގުމަށް ނިންމީ ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާ ކަންކަން ދެން އެހެން މީހެއްގެ ހެކިބަހުން ނަފީ ކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށްވެސް ގާޒީ ހުކުމުގެ ކުރިން ފާހަގަ ކުރެއްވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ފޯނު ނުދިން މައްސަލައިގައި މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދަށް އިއްވި ހުކުމް ބާތިލް ކުރަން ހައި ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ