އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މި ހުޅުވައިލީ، އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި މުހައްމަދު ޝަކީލް މިދިޔަ މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޖާގަ އަށް ބޭފުޅަކު ހޯދުމަށެވެ. އީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވުމާ އެކު ޝަކީލް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހަމަޖައްސަވައިފަ އެވެ.
އީސީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
އީސީގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން ވެސް މިދިޔަ ޖެނުއަރީ މަަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވުމާ އެކު، އެ ކޮމިޝަންގެ ރައީސަކަށް ހަމަޖައްސަވާފައި ވަނީ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް މި ގެންނަނީ އެ ކޮމިޝަންގެ މިނިވަންކަމާ މެދު ސުވާލު އުފައްދައި، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައި ވަނިކޮށެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ ކޮމިޝަން ހިންގަމުން ދަނީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހެއްގެ ގޮތުގަ އެވެ. އެ ހާލަތުގައި މިނިވަންކަމާއި އިންސާފުވެރިކަމާ އެކު އިންތިޚާބު ނުބޭއްވޭނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް އީސީން ބުނެފައި ވަނީ މި އަހަރު ބާއްވާނީ އެންމެ އިންސާފުވެރި އިންތިޚާބު ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ