ލަންކާގައި އޮންނަ ގިޓާ ފެސްޓަށް ދިޔުމަށް ޝަހީދު ލެގަސީ ތައްޔާރުވެއްޖެ

ސްރީލަންކަން ގިޓާ އެސޯސިއޭޝަނާއި ސްރީލަންކަން މިނިސްޓްރީ އޮފް ކަލްޗަރަލް އެފެއާޒް ގުޅިގެން ލަންކާގައި އަންނަ ބުދަ ދުވަހު ފަށާ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓް" ގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ގިޓަރިސްޓް ޝަހީދު ލެގަސީ ތައްޔާރުވެއްޖެއެވެ.
ބުދަ ދުވަހުން ފެށިގެން މި މަހުގެ 28 އަށް ލަންކާގެ އެކި ސިޓީތަކުގައި އޮންނަ މި ފެސްޓިވަލުގައި ޝަހީދުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުން ގިޓަރިސްޓުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރަޝިއާ އާއި އިންޑިއާ އާއި އިރާނާއި، ފަލަސްތީން އަދި ޖަޕާނުގެ ގިޓަރިސްޓުން ހިމެނެއެވެ.
ފެސްޓިވަލުގައި ބައިވެރިވުމަށް ލަންކާ އަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ޝަހީދު ބުނީ މިފަހަރު ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވާނީ އޭނާ އެކަނި ކަމަށާއި، މި ފެސްޓިވަލްގައި ކޮންމެ އާޓިސްޓަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ އަންނަ އަހަރު ފެސްޓިވަލުގައި ބައިވެރިވާނީ ރާއްޖޭގެ އާޓިސްޓަކާ އެކުގައި ކަމަށެވެ.
މީގެއިތުރުން ޝަހީދު ބުނީ ރާއްޖޭގެ އެހެން އާޓިސްޓުން މިއުޒިކް ބޭރު ދުނިޔެއަށް ރިލީޒް ނުކުރެވޭ ކަމަށާއި، އޭގެ ސަބަބުން ކާކުކަން ނޭގޭނެ ކަމަށެވެ.
ޝަހީދު ބުނީ ފެސްޓިވަލުގައި އޭނާ ހުށަހަޅައިދޭނީ މިހާތަނަށް ނެރުނު އަލްބަމްތަކުގެ ތެރެއިން ނަން މަޝްހޫރު އަދި ފޭނުންނަށް އެންމެ ކަމުދާ ލަވަތައް ކަމަށާއި، އޭގެ ތެރޭގައި ހަމައެކަނި ޕާފޯމް ކުރާނީ ހެވީ މެޓަލް އާއި ރޮކްއެއް ނޫން ކަމަށާއި، ސޮފްޓް ލަވަތައްވެސް ހިމަނާނެކަމަށެވެ.
ޝަހީދު ލަންކާ އަށް ފޮނުވުމަށް ހަރަދުކުރި ޖޭ އެފްއެމްގެ އިން ބުނީ މިއީ ފަންނާނުންނަށް ކޮށްދިން ކަމެއް ކަމަށާއި، މި އިންވެސްޓްގެ ސަބަބުން އިތުރު ފަންނާނުންނަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މިދިޔަ އަހަރުވެސް ޝަހީދު ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ. އެހެންނަމަވެސް އެފަހަރު އޭނާ ޕާފޯމް ކުރީ ހަމައެކަނި ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ޝަހީދު ބުނީ މިދިޔަ ފަހަރު ފެސްޓިވަލުގައި ބައިވެރިވީ ހަތް ޝޯވ ކުޅެން ކަމަށާއި، އެހެންނަމަވެސް ގްރެވިޓީ ބޭންޑުގެ އީދު ޝޯވ އާއި އެ ދުވަސްތައް ދިމާވުމުން ޕާފޯމް ކުރީ އެންމެ ޝޯވއެއްގައި ކަމަށެވެ.
ހިލޭ ބަލާލަން ވަދަވޭ މި ފެސްޓިވަލުގައި މިފަހަރު ޝަހީދު ބައިވެރިވަނީ ހުށަހެޅި ދައުވަތަކަށެވެ. ޝަހީދަކީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ދަށުން ހިންގަމުން އަންނަ މެޓަލް ބޭންޑް "ގްރެވިޓީ ބައި ހަބޭސް" ގެ ލީޑް ގިޓަރިސްޓެވެ. އަދި އޭނާ އަކީ ރާއްޖޭގެ މަޝްހޫރު ދެ ބޭންޑެއް ކަމަށްވާ މެޓަލް ބޭންޑާއި ސެކްރެޑް ލެގަސީގެ ފައުންޑާ އެވެ.
ޝަހީދު ލެގަސީގެ ސްރީލަންކާ ޓުއާގެ މީޑިއާ ޕާޓްނަރަކީ ވީ މީޑިއާއެވެ. މެއިން ސްޕޮންސަރަކަށް ޖީއެފްއެމް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާފައިވާއިރު، ވާޑްރޯބް ސްޕޮންސަރަކަށް ލީކޯއެވެ. އަދި ސްޓައިލިޝް ޕާޓްނަރަކަށް ސްޓައިލޯ ސެލޫން ހަމަޖައްސާފައިވާއިރު، އެސޯސިއޭޓް ޕާޓްނަރަކީ ރެޑްބުލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ