އަޅުގަނޑަކީ 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ: މޫސަ

ދެހާސް އަށާރަވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށްފަހު ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކަށް ވާނީ އެމަނިކުފާނު ކަމަށާއި 2019 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ ގައުމީ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައިވެސް ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ މޫސާ މަނިކު މިގޮތަށް ވާހަކަފުޅު ދެއްކެވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.
މޫސާ މަނިކު ވިދާޅުވީ 2018 ވަނަ އަހަރުގެ ހަގީގީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ ވާހަކަދައްކަވަނީ "ނިކަން ކެރިގެން" ކަމަށެވެ. އެމަނިކުފާނަށް އަމާޒުކޮށް ތަފާތު އެއްޗެތި ބުނެ ތަފާތު ވާހަކަ މީހުން ދައްކާ ކަަމށާއި ނަމަވެސް އެމަނިކުފާނަކީ "ނަފްސުން ފުދިފައި ހުރި" މީހަކަށްވާތީ އެހެންކޮށްލާ ކަންކަމުން އިތުރު ވަރުގަދަކަމެއް ލިބިގެންދާ ކަަަމަށްވެސް ވިދާޅުވި އެވެ.
"އެހެން ތެޅީމާ އަޅުގަނޑަށް ލިބެނީ އިތުރު ވަރުގަދަކަމަކާ ބާރެއް،" އެމަނިކުފާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯގެ ބޮޑު ބައެއް އެމްޑީޕީގެ ވެރިކަމަށް ތިން އަހަރުވީތަނާ ވެރިކަން "ބަޣާވާތަކުން ވައްޓާލިއިރު" ހާސިލްކޮށްފައިވާ ކަމަށެެވެ. އަދި "ފްލެޓް ދޮންބޭ" ހުރި ޕާޓީން ރައްޔިތުންނަށް ފްލެޓް ހޯދައިދީ ކާމިޔާބީތައް ހޯދީ އެމަނިކުފާނު އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުރެގެން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމެވީ އެ ކާމިޔާބީތަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން ނިމުމުނުއިރު ގައުމު ދަރުވާލާފައިވާ ކަަމަށް ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ވެސް މިއަދުގެ ޖަލްސާގައި މޫސަ ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން މޫސަ ވިދާޅުވީ އެމްޑީޕީން ވެރިކަމާއި ހަވާލުވީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށާއި އެ މުއްދަތު ހަމަނުވަނީސް އެމްޑީޕީ ސަރުކާރަށް ތިން އަހަރުވީ ތަނާ "ބަޣާވާތަކުން ވެރިކަން ވައްޓާލުމުން" އެ ދަރަނި އެމްޑީޕީން ނަގަންނުޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަން ވައްޓާލީ ގައުމުގެ ދަރަނި ހަމައަކަށް އަޅުވާ ސާޕްލަސްއެއް ހޯދަން އޮތް އަހަރު ކަަމަށްވެސް ވިދާޅުވި އެވެ.
"އެމްޑީޕީގެ ވެރިކަން ނިމުނުއިރު އޮތް ދަރަނީގެ ވާހަކަދައްކާއިރު ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު 7.7 ނުވަތަ 7.8 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމަނިކުފާނު ހުންނެވީ އިދިކޮޅު އެމްޑީޕީގައި ކަމަށްވީ ނަމަވެސް ރައީސް އަބްދުﷲ ޔާމިން ރައްޔިތުންގެ ހެވާ ލާބަޔަށް ކުރާ ކަންކަމަށް އެއްބާރުލުންދީ ޝުކުރު އަދާކުރައްވަންޖެހޭ ތަންތަނުގައި ޝުކުރުއަދާކުރައްވާ އަދި ފާޑު ވިދާޅުވާންޖެހޭ ތަންތަނުގައި ފާޑު ވިދާޅުވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުތައް ނުފުއްދެވޭ ކަމަށް ދޭހަވާ ގޮތަށް މޫސަ ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ މަސްވެރިންނަށް ދޭން ވައުދުވެވަޑައިގެންނެވި 10،000 ރ. އާއި ދަނޑުވެރިންނަށް ދޭން ވެވަޑައިގެންނެވި 8،000 ރ. އަވަހަށް އެފަރާތްތަތަކަށް ދިނުމަށް އެދޭ ކަަމަށެވެ.
މިސަރުކާރުން އާސަންދަ ކުރިއަށް ގެންދާތީ އުފާކުރައްވާ އެކަމަށްޓަކައި މޫސާ ވަނީ ރައީސް ޔާމީނަށް ޝުކުރުއަދާކުރައްވާފަ އެވެ. ނަމަވެސް ވިދާޅުވީ އާސަންދަ އަކީ އެމްޑީޕީން ތައާރަފުކޮށް ރައްޔިތުންނަށް ކޮށްދިން ކަމެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެކި ނަންނަމުގައި އެކިއެކި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ ސަބްސިޑީޒްތަކާއި ގުޅިގެން މޫސަ ވިދާޅުވީ ބަޔަކު މަސައްކަތެއް ނުކޮށް ތިއްބާ އެބަޔަކަށް ދައުލަތުން އެއްޗެތި ތަކެއް ދިނުމަކީ "ކޮމިއުނިސްޓް" އުސޫލެއް ކަމަށެވެ.
މޫސަ ނިސްބަތްވާ ހުޅުހެންވޭރު ދާއިރާގައި ހިމެނޭ ހުޅުމާލެއަށް އަމާޒުކޮށް މޫސަ ވިދާޅުވީ މިއަދު އެންމެ ބާރަށް އެންމެ ގިނަ މީހުން އާބާދުވާ ސަރަހައްދަކީ ހުޅުމާލެ ކަަމަށެވެ. މޫސަ ވިދާޅުވީ ހުޅުމާލޭގައި މީހުން އާބާދުވާ ނިސްބަތަށް ބަލާ އެތަނަށް އެކަށީގެންވާ ހިދުމަތްތަކެއް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ސިއްހީ ހިދުމަތާއި ހުޅުމާލެއަށް ދަތުުރުކުރުމުގައި ދަތިތަކެއް ހުރިކަން މޫސަ ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް މީގެ ކުރިން ދުވާލަކަށް ދައްކަން ދަނީ 50 މީހުން ކަމަށާއި ނަމަވެސް މިހާރު އެއަދަދު 200 މީހުންނަށް އިތުރުވެފައިވާ ކަމަށެވެ. އެކަމަކު މީހުން އިތުރުވާ ނިސްބަތުން ސިއްހީ ދާއިރާ ހުޅުމާލޭގައި ރަނގަޅުކުރެވިފައި ނުވާ ކަަމަށް ވިދާޅުވި އެވެ. އެމްޓީސީސީއަށް ރަނގަޅަށް ހިދުމަތް ނުދެވޭނެ ނަމަ އެހެން ބަޔަކަށް ހުޅުމާލޭގެ ފެރީގެ ނިޒާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ރައްޔިތުންނަށް މިހާރަށް ވުރެ ފަސޭހައިން މިހާރަށްވުރެ އަގުހެޔޮކޮށް ދަތުރުކުރެވޭނެ ގޮތް ހެދުމަށްވެސް މޫސަ އެދިވަޑައިގެންނެވި އެވެ.
މޫސަ ވިދާޅުވީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ އޭނާގެ މަޖިލީހުގެ ހަޔާތުގައި ވޯޓްދޭން ޖެހޭ 10 ވަނަ ބަޖެޓް ކަމަށެެވެ. އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ވޯޓް ދެއްވާނީ ދިވެހި ރައްޔިތުންނާއި ހުޅުހެންވޭރު ދާއިރާގެ ރައްޔިތުންނަށް ކަންކަން ކޮށްދޭން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ބަލާ އެމަނިކުފާނަށް އެކަމުގައި ފެނިވަޑައިގަންނަވާ ގޮތަކަށް ކަމަށްވެސް ވިދާޅުވި އެެވެ. އެމްޑީޕީގެ ބައެއް މެންބަރުން އަންނަ އަހަރުގެ ބަޖެޓަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގެންދަވާތީ އެކަމަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ ބަޖެޓަކީ ވަކި ޕާޓީއެއްގެ އަދި މަޖިލިސް މެންބަރުންގެ އެއްޗެއް ނޫން ކަމަށާއި އެއީ ރައްޔިތުންނާ ގުޅިފައި ހުރި ކަންކަން ހިމެނޭ ރައްޔިތުންގެ އެއްޗެއްް ކަމަށެވެ.
"އެހެންކަމުން ބަޖެޓަށް ވޯޓް ނުދޭނެ ކަަމަށް ބުނެ ވާހަަކަ ދެއްކެވުމަކީ އެންމެ ރަނގަޅު ގޮތެއް ކަަމަކަށް އަޅުގަނޑު ނުދެކެން،" މޫސަ ވިދާޅުވި އެވެ.
ރާއްޖޭގައި ވަޒީފާ ނެތް ޒުވާނުންގެ އަދަދު އިތުރުވަމުންދާ މައްސަލާގައި މޫސަ ވިދާޅުވީ ޒުވާނުންނަކީ ގައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް އެމީހުން އެކި ކަންކަމަށް ތަމްރީން ކުރަންޖެހޭ ކަަމަށެވެ. އެގޮތުން ވިދާޅުވީ ރިސޯޓްތައް ހިންގާ ފަރާތްތަކުގެ އަތުން އެކި ނަންނަމުގައި ބޮޑެތި ޓެކްސްތައް ނެގުމުގެ ބަދަލުގައި ބައެެއް ކަހަލަ ޓެކްސްތައް މައާފުކޮށް އޭގެ ބަދަލުގައި ވަކި އަދަދަކަށް ޒުވާނުން ތަމްރީން ކުރުމަށް ރިސޯޓްތައް ހިންގާ ފަރާތްތަކަށް ލާޒިމްކުރެވިދާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެގޮތަށް އަމަލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ