އުމަރު ނަސީރުގެ ސަބަބުން ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދޭ ކަމަށް ޑީއާރުޕީން ބުނެފި

ޑިއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ފަރާތްޕުޅުން ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭ ފަދަ އަމަލުތަކެއް ފެންނަ ކަމަށް ބުނެ ކަންބޮޑުވާ ކަމަށް ޑީއާރުޕީން ބުނެފި އެވެ.ޑީއާރުޕީން ބުރާސްފަތި ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނަނީ އުމަރު ނަސީރު ފަދަ ޑިއާރުޕީގެ އިސްސަފުގައި ހުންނެވި ބޭފުޅަކު ޕާޓީ ބައި ބައި ވާފަދަ އަމަލުތަކެއް ކުރެއްވުމަކީ އެ ޕާޓީން އިންތިހާޔަށް ހިތާމަކުރާ ކަމެއް ކަމަށާއި އެކަމާ އެ ޕާޓިން ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި އެ ޕާޓީން މިދިޔަ އަންގާރަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ބަޔަކު މީހުންލައްވާ އެ ސަރަހައްދުގައި އަޑުގަދަކޮށްފައި ވަނީ އުމަރު ރާއްވަވައިގެން ކަމަށް އެ ބަޔާނުގައި ދުހުމަތު ކޮށްފައިވެ އެވެ."ނޮވެމްބަރު، 10، 2010 ދުވަހު ހަވީރު ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރަށް އުމަރު ނަސީރު ދެއްވާފައިވާ އިންޓަވިއުގައި އެކަންކުރަމުން ގެންދިޔަ މީހުންނަށް އޭނާ އެސްއެމްއެސް ފޮނުވި ކަމަށް ވިދާޅުވެފައިވާތީ، އެކަންކުރީ އޭނާ އާ ސީދާގުޅުން އޮތް ބަޔަކު ކަމަށްވާކަމީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި ޕާޓީގެ އިސްސަފުގައި ހުންނެވި ބޭފުޅެއްގެ ފަރާތްޕުޅުން ޕާޓީ ބައިބައިވެގެންދާ ފަދަ އަމަލެއް ފެނިގެންދިޔަކަމީ އެކަމާއި ކަންބޮޑުވެ، ވަރަށް ދެރަވޭން ޖެހޭ ކަމެކެވެ،" ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.އުމަރު ނަސީރަށް އެ ޕާޓީގެ ޖަލްސާތަކުން ވާހަކަ ދެއްކުމުގެ ފުރުސަތު ނުދޭކަމަށް ބުނެ އުމަރު ދައްކާ ވާހަކަތައް ދޮގުކުރަމުން އެ ބާޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ އެއްވެސް މެންބަރަކާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށާއި ހުރިހާ މެންބަރުންނަށް ހަމަ ހަމަ އުސޫލަކުން ކަންކުރަމުން އަންނަ ކަމަށާއި އަދި ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުންދާ މިފަދަ ދުވަސްވަރެއްގައި ޕާޓީ ބައިބައިވާ ފަދަ އަމަލްތައް އެއްވެސް ފަރާތަކުން ކުރުމަކީ އެމްޑީޕީ އަށް ލިބޭނޭ ކާމިޔާބެއް ކަމަށާއި މިއީ އެއްބައިވެ އެކުވެރިވެގެން މަސައްކަތް ކުރަންވީ ވަގުތުކަމުގައި ވެސް އެ ބަޔާނުގައިވެ އެވެ.އެ ބަޔާނާއި ގުޅޭގޮތުން އުމަރު ސަންއޮންލައިނަށް ވިދާޅުވީ އެއީ ޑީއާރުޕީން ނެރެފައިވާ ބަޔާނެއް ނޫންކަމަށާއި އެ ބަޔާނަކީ ޑީއާރުޕީގެ ތެރޭގައި ތިއްބެވި އެބޭފުޅާއާ ހިތްހަމަނުޖެހޭ ބަޔަކު ނެރެފައިވާ ނޫސްބަޔާނެއް ކަމަށާއި އެބަޔާނުގައި ހުރި އެއްވެސް ވާހަކައަކީ ޑީއާރުޕީގެ ވާހަކަތަކެއް ނޫން ކަމަށެވެ."އެއީ ޑީއާރުޕީން ނެރުނު ބަޔާނެއް ނޫން. އެއީ ޑީއާރުޕީގައި ތިބި އަޅުގަނޑު ދެކެ ހިތްހަމަނުޖެހޭ ކޮންމެވެސް ބަޔަކު ނެރުނު ބަޔާނެއް. ސަބަބަކީ ޑީއާރުޕީން ބަޔާނެއް ނެރެންޏާ ޑީއާރުޕީގެ ކައުންސިލަށް ގެނެސް މަޝްވަރާކޮށްފައި ކައުންސިލްގެ ލަފަޔާއި އެކު ޕާޓީގެ ލީޑަރަކާ ގުޅޭ ގޮތުން އެއްޗެށް ނެރޭނީ. ތިޔަ ނެރުނު ނެރުމަކީ އެއްގޮތަކަށް ވެސް ޑީއާރުޕީން ނެރުނު ނެރުމެއް ނޫން. ތިޔައީ ޑީއާރުޕީގެ ތެރެއިން ކޮންމެވެސް މެންބަރުންތަކެއް އެމީހުންގެ އަމިއްލަ ހިޔާލަށް  ނެރުނު ނެރުމެއް،" އުމަރު ވިދާޅުވި އެވެ.ޑީއާރުޕީގެ ޖަލްސާތަކުން ވާހަކަ ދެއްކުމަށް ޕާޓީގެ މެންބަރުންނަށް ހަމަ ހަމަ އުސޫލަކުން ފުރުސަތު ދޭކަމަށް ބުނާ ބުނުން ދޮގުކުރައްވަމުން އުމަރު ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ތެދެއް ނޫން ކަމަށާއި ޑީއާރުޕީން އެ ބުނާ އުސޫލެއްގެ ދަށުން އޭނާ އަށް ފުރުސަތު ލިބިފައި ނުވާ ކަމަށެވެ."ހަމަ ހަމަ އުސޫލަކުން. ޑީއާރުޕީގެ ބޮޑު އެއްވުމެއްގައި އަޅުގަނޑަށް ފުރުސަތު ނުލިބި އެހެން ޑެޕިއުޓީ ލީޑަރުން ނަށް ފުރުސަތު ލިބިފަ އެބަހުރި. ޑީއާރުޕީގައި ފަހަކަށް އައިސް ގެންގުޅޭ އުސޫލަކީ އެނބުރޭ ތަރުތީބުން ޑެޕިއުޓީ ލީޑަރުންނަށް ފުރުސަތު ދިނުމުގެ އުސޫލެއް. ތުލުސްދޫގައި ބޭއްވުނު އަހަރީ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް އަޅުގަނޑަށް ނުދެއްވާ. އޭގެ ފަހުން ނޮވެމްބަރު ދޭއްގައި ބޭއްވުނު ޖަލްސާގައި ވެސް ފުރުސަތެއް ނުދެއްވާ. ނޮވެމްބަރު ނުވައެއްގައި ބޭއްވުނު އެތީގައި[ޖަލްސާގައި] ވެސް ފުރުސަތެއް ނުދެއްވާ. އެހެންވީމާ ނޮވެމްބަރު ދޭއްގައި ބޭއްވި އެތީގައި ފުރުސަތު ނުލިބިފައި ނޮވެމްބަރު ނުވައެއްގައި އޮތް އެތީގައި ފުރުސަތު ނުލިބުނީމާ ދެ ޖަލްސާ ދިޔައީ އަޅުގަނޑަށް ފުރުސަތު ނުލިބި. އެހެންވީމާ އަޅުގަނޑަށް ދެންނެވޭނީ އެއީ އަޅުގަނޑާ ދޭތެރޭގައި ހިތްހަމަ ނުޖެހޭ ބަޔަކު ކުރާ ކަމެކޭ،" އުމަރު ވިދާޅުވި އެވެ.އުމަރު ނަސީރު ވިދާޅުވީ އެނާ އާއި ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އާ ދެމެދު އޮންނަ ހިޔާލު ތަފާތުވުމަކީ މުޅި ގައުމަށް އެގެން އޮތް ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ އަށް ލިބެމުންދަނީ އިތުރު ކުރިއެރުން ކަމަށެވެ. އަދި އެއީ ޕާޓީ ބައިބައި ވާން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ."އެ ހިޔާލު ތަފާތުވުމުގެ ސަބަބުން ޑީއާރުޕީ އަށް ކުރި އެރުމާއި އިތުރު ދިރުން ލިބިފައި ވަނީ. އެ ޕާޓީ ވަނީ އިތުރަށް ހަރުދަނާ ވެފައި. އިތުރަށް ހަރަކާތްތެރިވާން ފަށާފައި. އަޅުގަނޑުގެ މައްސަލަތައް ޖެހުމުގެ ކުރިން ހާލަކުން ފަހަރަކު ބައްދަލު ވުމެއް، ރެލީއެއް އެއްޗެއް ބޭއްވެނީ. ރަށް ރަށަކަށް އެކަށީގެންވާ ވަރަކަށް ދަތުރެއް ނުކުރެވޭ. ނަމަވެސް އަޅުގަނޑު މިހާރު އެ މަސައްކަތް ކުރުމުގެ ސަބަބުން ކޮންމެ ހުކުރަކު ރަށް ރަށަށް އެބަދޭ. އަދި ހަފްތާއަކު އެއްފަހަރު ބޮޑު ރެލީއެއް މާލޭގައި އެބަ ބޭއްވޭ." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ