ކަރަންޓު ކެނޑުނީ ޖަނެރޭޓަރެއް ހުއްޓުމުން: ސްޓެލްކޯ

ރޭ މުޅި މާލެއިން ކަރަންޓު ކެނޑުނީ ސްޓެލްކޯގެ ޖަނެރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެޖަނަރޭޓަރު ހުއްޓުމުން ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރ، އަބްދުﷲ ނާޒިރު ވިދާޅުވީ ކުއްލި ގޮތަކަށް ރޭ މާލެއިން ކަރަންޓު ކަނޑައިގެން ސްޓެލްކޯއަށް ފަހުން ގެނައި ޖަނެރޭޓަރުތަކުގެ ތެރެއިން ޖަނެރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދެން ހުރި ޖަނެރޭޓަރުތަކަށް ލޯޑް ބޮޑު ވެގެން ކަމަށެވެ.
"ރޭ މާލެއިން ކަރަންޓު ދިޔައީ ފަހުން ބެހެއްޓި ޖަނެރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި. އެއް ޖަނެރޭޓަރު ހުއްޓުނީމަ ދެން ތިބި ޖަނެރޭޓަރުތަކަށް ލޯޑް ބޮޑު ވެގެން ކަރަންޓު ދިޔައީ،" ނާޒިރު ވިދާޅުވިއެވެ.
ޖަނެރޭޓަރަށް މައްސަލައެއް ދިމާވި ނަމަވެސް މިހާރު އެޖަނެރޭޓަރަށް ދިމާވި މައްސަލަ ހައްލު ކުރެވިފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
މާލެއިން ރޭ ކަރަންޓު ގޮސްފައިވަނީ 7:29 ފެށިގެން 8:50 އާއި ހަމައަށެވެ. މިއީ ފަހުގެ ތާރީހެއްގައި މުޅި މާލެއިން އެއްފަހަރާ ކަރަންޓު ކަނޑައިގެން ދިޔަ ފުރަތަމަ ފަހަރެވެ. މުޅި މާލެއިން ކަރަންޓު ކަނޑައިގެން ދިއުމުގެ ސަބަބުން ޓިވިއެމައި އެނޫން ވެސް ބައެއް ތަންތަނުގެ ހިދުމަތްވަނީ ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ