ރައީސް ޔާމީން ޕީޕީއެމްގެ ހިންގުމާ ހަވާލުވެވަޑައިގަތުމުން ޕާޓީ ބައިބައިވެ، ރޫޅިގެންދިއުން އެކަށީގެންވޭ: މައުމޫން

ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޕާޓީގެ ހިންގުމާއި ހަވާލުވެވަޑައިގަތުމަކީ އެކަމުގެ ސަބަބުން ޕާޓިގައި ބައިބައިވުން އުފެދި، ޕާޓީ ރޫޅިގެންދިއުން އެކަށީގެންވާ ކަމެއް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިގޮތަށް ވިދާޅުވީ ބުރާސްފަތިދުވަހު އެމަނިކުފާނު، ރައީސް ޔާމީނަށް ފޮނުއްވި ސިޓީއެއްގައެވެ.
އެސިޓީގައި މައުމޫން ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)ގައި ވަރަށް ސަރީހަކޮށް ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނާނެ ފަރާތެއް ނޫން ކަމަށެވެ.
އެހެންކަމުން ޕާޓީގެ ހިންގުމާއި، ޕާޓީގެ މުސްތަޝާރުގެ ހައިސިއްޔަތުން ރައީސް ޔާމީން ހަވާލުވެވަޑައިގަތުމަކީ އެކަމުގެ ސަބަބުން ޕާޓީގައި ބައިބައިވުން އުފެދި ޕާޓީ ރޫޅި، އަދި ކުރިއަށްހުރި އިންތިހާބުތައް ކާމިޔާބު ކުރުމުގައި ހުރަސްތަކާއި ކުރިމަތިވާނެ ކަމެއްގެ ގޮތުގައި ކައުންސިލުން ދެކޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ، އެމަނިކުފާނު މިހާތަނަށް ޕީޕީއެމް ހިންގަމުން ގެންގޮސްފައި ވަނީ 2013 ވަނަ އަހަރު ބޭއްވި ގައުމީ ޖަލްސާއިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގެ ދަށުން އިންތިޚާބުކޮށްފައިވާ ރައީސްގެ ހައިސިއްޔަތުން ކަމަށެވެ.
އަދި ޕާޓީގެ ރައީސަކީ ޕާޓީ ހިންގުމުގެ އިސްވެރިޔާ ކަމަށާއި، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާގޮތުގެމަތިން ޕާޓީ ހިންގުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެއް ކަމަށް ޕާޓީގެ އަސާސީ ޤަވާއިދުގެ 51 ވަނަ މާއްދާއާއި 52 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫންގެ ސިޓީގައި އިތުރަށް ވާގޮތުގައި، ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނާނެ ފަރާތެއް ނޫން ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގެ 57 ވަނަ މާއްދާގެ (ނ)ގައި ވަރަށް ސަރީހަކޮށް ކަނޑައަޅައި ބަޔާންކޮށްފައި ވާކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން އެޕާޓީ ހުންގުމާއި ރައީސް ޔާމީން ހަވާލުވެވަޑައިގަތުމަކީ، ޕާޓީގެ އަސާސީ ޤަވާއިދާއި ފުށުއަރާ ކަމެއްގެ ގޮތުގައި ޕާޓީގެ ކައުންސިލުން ދެކޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން، ރައީސް ޔާމީނަށް ފޮނުއްވި ސިޓީގައި ޕާޓީގެ ހިންގުމުގެ ހުރިހާ ބާރެއް އެމަނިކުފާނަށް ދޫކޮށްލެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އަދި ޕާޓީގެ މަގުސަދުތައް ހާސިލުކޮށް ޕީޕީއެމްއަކީ އެއްބައިވަންތަ، ކާމިޔާބު ޕާޓީއެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކައުންސިލްގެ އެ ދެންނެވުމަށް ރައީސް ޔާމީން އިޖާބާދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މައުމޫން އެ ސިޓީގައި ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ