ރަޝިޔާއާ ގުޅިގެން ސުޓްރެޓީޖިކް ހަތިޔާރު މަދުކުރުމަށް އެމެރިކާ ވަޢުދުވެއްޖެ

ސޯލް (މާޗް 26): ރަޝިޔާއާ ގުޅިގެން ސްޓްރެޓީޖިކް ހަތިޔާރު މަދުކުރުމަށް އެމެރިކާ މަސައްކަތްކުރާނެ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެވެ.
ދެކުނުކޮރެޔާގެ ސިއޯލްގެ ހެންކޮކް ޔުނިވަރސިޓީގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ނިއުކްލިޔާ ހަތިޔާރު މަދުކުރުމަކީ އެމެރިކާގެ ސްޓެރެޓީޖިކް ލަނޑުދަނޑިއެއް ކަމަށާއި އެ ލަނޑުދަނޑި ޙާސިލްކުރުމަށް ރަޝިޔާއާ ގުޅިގެން އެމެރިކާ މަސައްކަތްކުރާނެ ކަމުގަ އެވެ. ހެންކޮކް ޔުނިވަރސިޓީގައި ކުރިޔަށްދާ ނިއުކްލިޔާ ސަލާމަތާ ބެހޭ ސަމިޓް ބައްދަލުވުމެއްގައި ދެއްކެވި ވާހަކާގައި އޮބާމާ ބޮޑަށް އަމާޒުކުރެއްވީ އުތުރުކޮރެޔާގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމާ ބެހޭ ގޮތުންނެވެ.
އަދި ނިއުކްލިޔާ ހަތިޔާރު ނެތް ޤައުމެއް ކަމަށްވާ އީރާނުން ނިއުކްލިޔާ ބިރުކުރިމަތިވާ ކަމަށް އިޝާރާތް ކުރައްވައި އޮބާމާ ވާހަކަ ދެއްކެވި އިރު ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެއިން އަވަށްޓެރި ޤައުމުތަކަށް ބިރުދައްކަމުން ގެންދާ އިސްރާއީލުގެ ނިއުކްލިޔާ ބިރުވެރިކަމަށް އޮބާމާ ލޯމަރާލެއްވި އެވެ. އަދި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން އެ ޤައުމުތަކުގެ ނިއުކްލިޔަރ ހަތިޔާރުތައް އައުކުރުމަށް ކުރަމުންގެންދާ މަސައްކަތަށާއި ޚުދުއެމެރިކާ އުފައްދަމުން ގެންދާ ނިއުކްލިޔަރ ހަތިޔާރުގެ އައު ޓެކްނޮލޮޖީ ތަކާ ބެހޭ ގޮތުން ވެސް އޮބާމާ ވާހަކައެއް ނުދައްކަވަ އެވެ.
އޮބާމާގެ ވާހަކަ ދެން އަމާޒުކުރެއްވީ އެމެރިކާއާ އިދިކޮޅު ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަތްމައްޗަށް ނިއުކްލިޔާ ހަތިޔާރު އަރާފާނެ ކަމަށް ބުނެ އެމެރިކާ ޒަމާނުއްސުރެ ދައްކަމުންގެންދާ ވާހަކަތަކަށެވެ. މިފަދަ ޖަމާއަތްތަކުގެ އަތްމައްޗަށް ނިއުކްލިޔަރ ހަތިޔާރު އަރައިފި ނަމަ އިންސާނިއްޔަތާދެކޮޅަށް އޭގެބޭނުންކޮށްފާނެ ކަމަށް ވިދާޅުވެ އެމެރިކާ ކުރިއްސުރެ ދައްކަމުން ގެންދާ ވާހަކަތައް އޮބާމާ ތަކުރާރުކުރެއްވި އެވެ.
އެމެރިކާއަކީ ދުނިޔޭގައި އިންސާނުންނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުންކުރި ހަމައެކަނި ޤައުމެވެ. އެމެރިކާ ވަނީ ދެފަހަރެއްގެ މަތިން ނިއުކްލިޔަރ ބޮން އަޅައި ޖަޕާނުގެ ތިން ލައްކައަށް ވުރެ ގިނަ ރައްޔިތުން އެއްފަހަރާ މަރާލާފަ އެވެ. (ނޫސްއެޖެންސީތައް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ