މަޖުބޫރުކޮށްގެން އަބްދުﷲ ގާޒީ ރާއްޖެ އިން ބޭރަށް ފޮނުވާލަން އުޅުނު: އެޗްއާރުސީއެމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިދިޔަ ޖެނުއަރީ މަހު 16 އިން ފެށިގެން 22 ދުވަސްވަންދެން ގިރިފުށީގައި ބަންދުކޮށްފައި ހުރިއިރު، އިންސާނީ ކަރާމާތް ނަގާލައި އޭނާ އަށް މަޖުބޫރުކޮށްގެން ކަންކަން ކުރުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރި ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ބައިނަލްއަގުވާމީ ގޮތުންނާއި ސިޔާސީގޮތުން ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަށް އައި ޕްރެޝަރުތަކާ އެކު ވެސް އަބްދުﷲ ގާޒީ އެކަހެރިކޮށްގެން ގެންގުޅުނު މައްސަލައިގެ ތަހުގީގު ރިޕޯޓުގެ ބައި ސޮފްހާ މިއަދު ވަނީ މީޑިއާއާ ހިއްސާކޮށްފަ އެވެ.
އެ ކޮމިޝަނުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ކޮމިޝަނުގެ ރައީސް މަރިޔަމް އަޒުރާ ވިދާޅުވީ އަބްދުﷲ ގާޒީ އެކަހެރިކޮށްފައި ހުރި އިރު އޭނާ އަށް ޖިސްމާނީގޮތުން އަނިޔާއެއް ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެކި ގޮތްގޮތުން މަޖުބޫރުކޮށްގެން، އޭނާ މަގާމުން ދުރުކުރުމަށާއި ރާއްޖެ އިން ބޭރަށް ފޮނުވާލުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އަޒުރާ ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ނުފޫޒުން އަބްދުﷲ ގާޒީ ލައްވައި ކަންކަން ކުރުވަން މަސައްކަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނި ނަމަވެސް އެ ކަންތައްތަކެއް މީޑީއާއަކަށް ހާމައެއް ނުކުރި އެވެ.
އެޗްއާރުސީއެމުން ބުނީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ރާއްޖޭގެ ގާނޫނުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ މިނިވަންކަމާއި އިންސާނީ ހައްގުތަކާ ހިލާފަށް ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ.
"އަބްދުﷲ މުހައްމަދު ގިރިފުއްޓަށް ގެންދިއުމާއި ހައްޔަރުކޮށްގެން ގެންގުޅުމާއި އޭނާ އަށް ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދޭ އެންމެހާ ހައްގުތަކުން މަހްރޫމްކުރުމުގެ އަމަލުތައް ހިންގާފައިވާ ފަރާތްތައް ކަމަށް ކޮމިޝަނުގެ ތަހުގީގަށް ސާބިތުވި ފަރާތްތަކުން މި މައްސަލާގައި ޒިންމާ ނަގަން ޖެހޭ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، އެ ފަރާތްތަކާ މެދު ގާނޫނުގައިވާގޮތުގެ މަތިން އަމަލުކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ކޮމިޝަނުން ހުށަހަޅާފައިވާނެ،" އަޒުރާ ވިދާޅުވި އެވެ.
އެ މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތައް ކަމަށް ކޮމިޝަނުގެ ތަހުގީގަށް ސާބިތުވަނީ ކޮން ބައެއްތޯ ސުވާލު ދެންނެވުމުން ވެސް ނަންތައް މީޑިއާއަކަށް ހާމައެއް ނުކުރި އެވެ. ކޮމިޝަނުގެ މެމްބަރުން ވިދާޅުވީ މިހާރު ކޯޓުގައި ހިނގާ މައްސަލައަކަށްވުމާ އެކު ނަންތައް ހާމަނުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އަދި އަބްދުﷲ ގާޒީ މައްސަލާގައި، ޒިންމާވާން ޖެހޭ ފަރާތްތައް އެ ޒިންމާވާން ޖެހޭ މިންވަރެއް ވެސް އެޗްއާރުސީއެމުން ނުބުނެ އެވެ.
ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ޕީޖީން ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް ނަޝީދާއި އެ މަނިކުފާނުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތަލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލުގެ މައްޗަށާއި އަބްދުﷲ ގާޒީ ހައްޔަރުކުރި ދުވަސްވަރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހީމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި ތަހުގީގު ރިޕޯޓް މީޑީއާ އަށް ހިއްސާކޮށްދެއްވައި އަޒުރާ ވިދާޅުވީ ޣައިރު ގާނޫނީ އަމުރުތައް ކުރި ފަރާތްތަކާއި އެ އަމުރުތަކަށް ތަބާވި ފަރާތްތައް ވެސް އެކި މިންވަރަށް ޒިންމާވާން ޖެހޭނެ ކަމަށް ތަހުގީގަށް ފާހަގަކުރެވޭތީ އެ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅައިދިނުމަށް ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ފުރިހަމަ ރިޕޯޓް އާއްމުންނާ ހަމައަށް ނެރެން ކޮމިޝަނުން ބުނެފައިވާ ތާރީހްތައް ފަހަނާޅައިދިޔައިރު ވެސް ރިޕޯޓް ނުނެރެ ލަސްވަނީ ކީއްވެތީ ދެންނެވުމުން ވިދާޅުވީ ޝަރީއަތް ހިނގަމުންދާ މައްސަލައަކަށްވުމާ އެކު ނުފޫޒެއް ފޯރާފާނެތީ ރިޕޯޓް ނުނެރި މަޑުކުރަނީ ކަމަށެވެ. ކަމާގުޅޭ މުއައްސަސާތަކަށް ފޮނުވާފައިވާ އެ ރިޕޯޓް އާއްމުކުރާނެ ތާރީހެއް ވެސް އެޗްއާރުސީއެމުން ނުބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ