މައުމޫނު ވެރިކަމުގެ އަނިޔާތައް މި ވަނީ އަލުން އަނބުރާ އައިސްފައި: ނައުޝާދު

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން އަލުން އަނބުރާ އައިސްފައިވާ ކަމަށް މިހާރުގެ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަދި އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ކުރީގެ ކައުންސެލަރު މުހައްމަދު ނައުޝާދު (ނައުބެ) ވިދާޅުވެއްޖެ އެވެ.
"ކަޅުހުކުރު"ގެ ނަމުގައި އޮގަސްޓް ،12 13 ފާހަގަކުރުމަށް އެމްޑީޕީން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ދެއްކި ނައުޝާދުގެ ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ މައުމޫންގެ ވެރިކަމުގައި ޖަލުތަކުގައި ލާއިންސާނީ އަމަލުތައް ހިންގާފައިވާ ކަމަށެވެ.
"މައުމޫނުގެ ވެރިކަމުގައި އޭރު ކުރި އަނިޔާ މިހާރު އެބަ ފެނޭ... އަޅުގަނޑުގެ ވާހަކައަކީ މައުމޫނުގެ 30 އަހަރުގައި ކުރި އަނިޔާ ވަނީ އަލުން އަނބުރާ އައިސްފައޭ،" ނައުބެ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 7 ފެބްރުއަރީގައި ބަޣާވާތަކުން ވެރިކަން ބަދަލުވެ، ވެރިކަމުގައި ކޮންމެ ބަޔަކު ތިބި ނަމަވެސް ބަޣާވާތުގެ އެންމެ އަޑީގައި ހުންނެވީ ރައީސް މައުމޫން ކަމަށެވެ.
ނައުޝާދު ވިދާޅުވީ މިނިވަންކަމަށް މަސައްކަތްކުރައްވާ ބަޔަކީ އަމިއްލަ އަށް މަޝްހޫރުވާން މަސައްކަތްކުރާ ބައެއް ނޫން ކަމަށެވެ. އަދި ވެރިކަމަކީ ރައްޔިތުންނަށް ހޯދައިދޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވު އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ނޭޝަނަލް އެންކުއަރީ ކޮމިޝަން (ކޯނީ) އިން ނެރޭ ރިޕޯޓު މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ގަބޫލުނުކުރާނެ ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ. އަދި ވެރިކަމުގައި ތިބި މީހުންނަކީ "ރައްޔިތުންގެ ވިސްނުމުން" ވިސްނާ ބައެއް ނޫން ކަމަށާއި އަމިއްލަ އަށް އެމީހުން ވެރިކަމުން ދުރުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނައުޝާދު ވިދާޅުވީ ކޯނީން ރިޕޯޓް ނެރުމުން ގޮތް ހުސްވެ، ސަރުކާރުގައި ތިބި ފަރާތްތައް އަމިއްލަ އަށް "ތަންތާ ހުޅުޖަހާނެ" ކަމަށެވެ. އަދި އެކަމަށް އެމްޑީޕީ މީހުން ސަމާލުވެ ތިބެ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ވެސް ނައުބެ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވަހީދުގެ ސަރުކާރު އައިސްފައި ވަނީ ގޯސްކޮށްކަން އެނގެން އޮތް ކަމަށް ބުނެ ކައުންސެލަރުގެ މަގާމުން ނައުޝާދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ