ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެންމެ ބޮޑު ގުރުބާނީ އެއް ވެވަޑައިގެންނެވީ ގާސިމް އިބްރާހިމް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރުމާއި ގުޅިގެން ވީޓީވީން މިހާރު ކުރިއަށްގެންދާ ހާއްސަ ލައިވް ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެޓިކް ނިޒާމް ތައާރަފްކުރުމަށް ދިވެހިންގެ ތެރެއިން އެންމެ ބުރަ މަސައްކަތް ކުރެއްވި އެއް ބަތަލަކީ ގާސިމް އިބްރާހިމް ކަމަށެވެ. އެހެންކަމުން ދިވެހިންގެ ޑިމޮކްރަސީގެ ތާރީހުގައި ގާަސިމްގެ ނަން ކޮންމެ ގޮތަކަށް ލިޔަން އުޅުނު ނަމަވެސް ލިޔެވޭނީ ރަން އަކުރުން ކަަމަށްވެސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި މަސައްކަތްތަކެއް ކުރައްވާފައިވާތީ އެތަޖުރިބާގެ އަލީގައި ޖަމީލް ވިދާޅުވީ ގާސިމް އިބްރާހީމް ހައްޔަރުކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރު ކުރިކުރުން އެއީ މުއައްސަސާތައް ލަދު ގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އާއި ކޯޓުތަކުގައި ގާސިމް ހައްޔަރު ކުރުމުން ބޮޑު ލައްގަނޑެއް ޖެހޭނެ ކަމަށާއި މުއައްސަސާތަކުގެ ސިޔާސަތުތައް އަލުން މުރަޖާއާ ކުރަންޖެހޭ ކަަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީއަށްވެސް އަދި މިއަދުގެ ސަރުކާރަށްވެސް ވެރިކަމަށް އާދެވުނީ ގާސިމްގެ ބޮޑު އެހީތެރިކަމަކާ ބުރަ މަސައްކަތްޕުޅުން ކަމަށެވެ. އެހެންނަމަަވެސް ހިތާމައަކީ ރާއްޖޭގެ ސަރުކާރުތަކުން ގާސިމް އަށް އެތައް އަނިޔާއެއްދީ އެމަނިކުފާނުގެ ވިޔަފާރިއަށް ގެއްލުން ދިނުން ކަމަށްވެސް ވިދާޅުވި އެވެ.
"ގާސިމް އިބްރާހިމްއަށް މިއަދުގެ ސަރުކާރުން ކިތަންމެ އަނިޔާއެއް ދީފައިވީނަމަވެސް މިގައުމުގެ ޑިމޮކްރަސީއަށްޓަކައި ގާސިމް ކުރެއްވި މަސައްކަތް ހުއްޓައެއް ނުލެއްވި. ހައްގު ނޫން އެތައް އަނިޔާއެއް ވަނީ ގާސިމަށް ދީފައި. ގާސިމް ތަހައްމަލުކުރި ވޭން ހިތްދަތިކަން ތަހައްމަލް ކުރި ސިޔާސީ އެއްވެސް ބޭފުޅަކު މިގައުމުގައި ނުހުންނަވާނެ. އެކަމަކު ގާސިމް ފަހަށް ޖެހިވަޑައިގެންފިތޯ؟ ވިޔަފާރިތައް ދޫކޮށްލިތޯ؟ ފިއްލެވިތޯ؟" ގާސިމްގެ ހިތްވަރަށް ތއުރީފް ކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.
ޑރ. ޖަމީލް ވިދާޅުވީ ގާސިމް އިބްރާހީމަކީ އެމަނިކުފާނަށް ކުރިމަތިކުރެއްވި ކޮންމެ ކަމަކަށް ކުރިމަތިލައްވާ ބުރަ މަސައްކަތް ކޮށްގެން ކާމިޔާބު ހޯއްދެވި އަޒުމު ވަރުގަދަ ބޭފުޅެއް ކަމަށެވެ. ގާސިމްގެ އަމިއްލަފުޅު ހަރަދުގައި މިގައުމުގެ ކުރިއެރުމާ ތަރައްގީއަށް އަދި މިގައުމުގެ މުއައްސަސާތަކުގެ ތަަރައްގީއަށް ބޮޑު ހޭދައެއް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ގާސިމަކީ ތެދުވެރި، އަޒުމު ވަރުގަދަ އަދި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ބޭފުޅެއް ކަން އެމަނިކުފާނުގެ އަމަލުފުޅުން ސާބިތުވާ ކަމަށެވެ. އަދި ވިދާޅުވީ ގާސިމަކީ ވަރަށް ހިތް ސާފު ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ހިތުގައި ވަކިއެއްޗެއް އޮވެފައި މޫނުފުޅުން ވަކި އެހެން ގޮތެއް މީހުންނަށް ނުދައްކަވާނެ ކަމަށެވެ.
ރާއްޖޭގެ ޑިމޮކްރަސީއަށް އެންމެ ބޮޑު ހިދުމަތެއް ކުރެއްވީ ގާސިމް: ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ