މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފެއްދި ޑްރަގް ކޯޓުގެ މަސައްކަތް ރަސްމީކޮށް ފެށި ފަހުން މި އަހަރުގެ މާޗް މަހާ ހަމައަށް، 177 މީހަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ހުކުމް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.ޑްރަގް ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު އެ ކޯޓުގެ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ފެށި ފަހުން މިހާތަނަށް ވަނީ، މަސްތުވާތަކެއްޗަށް ފަރުވާ ހޯދުމަށް ގާނޫނުގައި ބުނާ ޝަރުތު ހަމަވޭތޯ ބެލުމަށް 402 މީހެއްގެ އިންޑިކޭޓިވް އެސެސްމަންޓް ހެދުމަށް ނެޝަނަލް ޑްރަގް އެޖެންސީގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެސެސްމަންޓް ހެދި ފަރުވާ އަށް ހުކުމްކޮށްފައި ވަނީ 177 މީހެއްގެ މައްޗަށް ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި އެސެސްމަންޓް ހެދުމަށް އަމުރުކުރި ނަމަވެސް ގިނަ އަދަދެއްގެ މީހުންގެ އެސެސްމަންޓް ފުރިހަމަ ނުކުރެވި ހުރިކަން ފާހަގަވެ އެވެ. ގާނޫނު ބުނާ ގޮތުން މި އެސެސްމަންޓް ހެދޭނީ ޑްރަގް އެޖެންސީން ނުވަތަ އެ އިދާރާ އިން ކަނޑައަޅައި ލައިސަންސް ދޭ ބަޔަކަށެވެ.އަލަށް އަމަލުކުރަން ފެށި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން، މަސްތުވާތަކެތީގެ ކުށްތަކުގެ ހިމެނޭ، ޑްރަގް ކޯޓުގެ އިހްތިސާސް ހިނގާ ކޮންމެ މީހެއްގެ އިންޑިކޭޓިވް އެސެސްމަންޓެއް ހަދައި އެ މީހަކު މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މިންވަރާއި އެ މީހަކަށް ބޭނުންވާ ފަރުވާ ދެނެގަންނާނެ އެވެ. އަދި ފަރުވާ ހޯދުމަށް އެ މީހަކު އެއްބަސްވާ ނަމަ ކޯޓުން ކަނޑައަޅާ ޝަރުތުތަކަކާ އެކު އެ މީހެއްގެ ހުކުމް ތަންފީޒުކުރުން ފަސްކޮށް، ފަރުވާ އަށް ފޮނުވަ އެވެ. ނަމަވެސް ކޯޓުން ކަނޑައަޅާ ޝަރުތުތަކާ ހިލާފްވެއްޖެ ނަމަ އަލުން އަނބުރާ ހުކުމް ތަންފީޒުކުރަން ޖެހޭނެ އެވެ. ފަރުވާ އަށް ހުކުމް ކުރާ މީހުންގެ ހާލަތަށް ބަލައި، ސެންޓަރުތަކުގައި ބައިތިއްބައިގެން ނުވަތަ މުޖުތަމައު އަށް ދޫކޮށްލާފައި ބައިތިއްބައިގެން ވެސް ފަރުވާ ދިނުމަށް ކަނޑައަޅަ އެވެ. ފަރުވާގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައަޅަނީ ނެޝަނަލް ޑްރަގް އެޖެންސީންނެވެ.ޑްރަގް ކޯޓަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ބޭނުންކޮށްގެން ހުރެ ކުރާ ބައެއް
ކުށްތައް ބަލާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭނެ ފަރުވާގެ
އުސޫލާއި މުއްދަތު ކަނޑައަޅާ ކޯޓެވެ. މި ކޯޓު އުފެދުނު ފަހުން، ބޮޑެތި ބައެއް ކުށްވެރިން މުޖުތަމައު އަށް ދޫވެފައިވާ ކަމަށް ބުނެ ބައެއް އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
177 މީހަކަށް ފަރުވާ ދޭން ޑްރަގް ކޯޓުން މާޗް މަހުގެ ނިޔަލަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ