ޖާނީ ވޯލްޑަށް ހިންމަފުށިން ދިން ބިމުން ފައިބަން ކޯޓުން އަމުރުކޮށްފި

ކ. ހިންމަފުށީގައި ސްލިޕްވޭ އެޅުމަށްޓަކައި ޖާނީ ވޯލްޑް ކުންފުންޏަށް ދީފައިވާ ބިމުން ފޭބުމަށާއި އެ ބިމުގެ ކުއްޔާއި ޖޫރިމަނާ ގޮތުގައި ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ހިންމަފުށީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.އެ ކުންފުންޏަށް އެ ބިން ސަރުކާރުން ދީފައިވަނީ 2003 ގަ އެވެ. އެ ބިމުގެ ބަދަލުގައި ކ. ތިލަފުށިން އެ ކުންފުންޏަށް 2007 ގައި ސަރުކާރުން ބިމެއް ދިން ނަމަވެސް ހިންމަފުށިން ދީފައިވާ ބިން އެ ކުންފުނިން ދިޔައީ ބޭނުން ކުރަމުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. ޖާނީ ވޯލްޑަކީ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮތް ކުންފުންޏެކެވެ. އެހެން ނަމަވެސް، އޭނާގެ ހިއްސާއެއް އެ ކުންފުނީގައި މިހާރު ނެތް ކަމަށް ވެ އެވެ.އެ ރަށު ކައުންސިލުން މި މައްސަލަ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އެ ބިމުގައި ތިބުމުގެ އެއްވެސް ހައްގެއް ޖާނީ ވޯލްޑަށް ނެތް ކަމަށާއި އެހެންވެ މިއަދުން ފެށިގެން 15 ދުވަސް ތެރޭގައި އެ ބިމުން ފައިބަން ޖެހޭނެ ކަމަށެވެ. އަދި އެ ބިމުގެ ކުއްޔަށް ވާ ފައިސާ ޑިސެމްބަރު، 2009 އިން ފެށިގެން ދައްކާފައި ނުވާތީ ބިމުގެ ކުއްޔާއި ޖޫރިމަނާ އަށް ވާ 765،578ރ. ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން އަންގާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.އެ ބިން ހަވާލުކުރަން ކައުންސިލުން އެތައް ފަހަރަކު އެންގި ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ